ސްޓަންޓްމޭންއެއްގެ އިތުރުން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އިނގިރޭސި މީހަކު، "ގްލެޑިއޭޓާ 2" ފިލްމުގެ މަންޒަރެއް ކުޅެމުން ދަނިކޮށް އަލިފާން ރޯވެފައިވާ ބޯޓެއްގެ މަތީގައި ހިނގި ހާދިސާއެއްގައި އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ދާއިމީ ލަކުނުތަކެއް ލާފައިވާ ކަމަށް ބުނެ އެ ފިލްމު އުފެއްދި ކުންފުންޏަކާ ދެކޮޅަށް ދައުވާކޮށްފި އެވެ.
އެޑްވާޑް ސާސްފީލްޑް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، 2023 ވަނަ އަހަރު އެ ފިލްމުގައި މަރުވެފައިވާ ސިފައިންގެ މީހެއްގެ ރޯލު އޭނާ އަދާކުރަމުން ދަނިކޮށް، ހާއްސަ އިފެކްޓްސް ދެއްކުމަށް ބޯޓުގައި ބޭނުންކުރި ގޭސް ހޮޅިއެއް ގޮވައި، 20 ފޫޓު އުސްމިނަށް އަލިފާންގަނޑު ފެތުރިގެން ދިޔަ ކަމަށެވެ. މި ހާދިސާގައި ލައިގެން ހުރި ކޮސްޓިއުމްގައި އަލިފާން ރޯވި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އަލިފާން ރޯވުމާއެކު ބިރުން ދުވަން ފެށުމުން، އެތަނުގައި ތިބި އެހެން މީހުން އޭނާގެ ގަޔަށް ފެންފުޅިތައް އޮއްސާލައި އަލިފާން ނިއްވާލި އެވެ. މި ހާދިސާގައި އޭނާގެ މޫނާއި، އަތާއި، އަތްތިލަ ހިމެނޭހެން ހަށިގަނޑުގެ 15 އިންސައްތަ ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ސާސްފީލްޑް ދައުވާ ކުރަނީ "އޮގަސްޓް ސްޓްރީޓް ފިލްމްސް" އާ ދެކޮޅަށެވެ. އެ ކުންފުނީގެ ދިފާއީ ވަކީލުން ވަނީ އެ ހާދިސާ ހިނގި ކަމަށް އެއްބަސްވެ، އޭގެ ޒިންމާ އުފުލާފަ އެވެ. ނަމަވެސް، އޭނާއަށް ލިބުނު ކަމަށް ބުނާ އަނިޔާތަކަށް އެއްބަސްވެފައެއް ނުވެ އެވެ. އަދި ބަދަލުގެ ގޮތުގައި އޭނާ އެދިފައިވާ 200،000 ސްޓާލިންގް ޕައުންޑް ދިނުމަށް ވެސް އެ ކުންފުނިން އެއްބަސްވެފައެއް ނުވެ އެވެ.
2024 ވަނަ އަހަރު ރިލީޒްކުރި "ގްލެޑިއޭޓަރ 2" އަކީ 2000 ވަނަ އަހަރު ރަސަލް ކްރޯ ކުޅުނު މަޝްހޫރު ފިލްމުގެ ސީކުއަލް އެވެ. ސާ ރިޑްލީ ސްކޮޓް ޑައިރެކްޓްކުރި މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދިޔައީ ޕޯލް މެސްކަލް އާއި ޑެންޒެލް ވޮޝިންޓަން އެވެ.
ލިވަޕޫލަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ސާސްފީލްޑް ބުނި ގޮތުގައި، އޭނާ އެކްސްޓްރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައީ މޮރޮކޯގައި ނެގި މަންޒަރެއްގަ އެވެ. އެއީ ކަނޑުގެ އައްސޭރީގައި ހުރި ކިއްލާއެއް ހިފުމަށް ބޯޓެއްގައި ބަޔަކު އަންނަ މަންޒަރެކެވެ.
"އޮގަސްޓް ސްޓްރީޓް ފިލްމްސް" ކުންފުންޏަކީ މަޝްހޫރު ފިލްމު ސްޓޫޑިއޯ "ޕެރަމައުންޓް" ގެ ދަށުން ހިންގާ ކުންފުންޏެކެވެ. ޕެރަމައުންޓުން ބުނި ގޮތުގައި އެ ހާދިސާގައި އެތައް ބަޔަކަށް އަނިޔާވި އެވެ.
ޕެރަމައުންޓްގެ ތަރުޖަމާނަކު 2023 ވަނަ އަހަރު ބުނެފައިވަނީ، ގްލެޑިއޭޓާ ސީކުއަލްގެ ސްޓަންޓް މަންޒަރެއް ނަގަމުން ދަނިކޮށް ހިނގި ހާދިސާގައި ކްރޫގެ ބައެއް މެންބަރުންނަށް ފުރާނައަށް ނުރައްކާ ނުވާ ފަދަ އަނިޔާތަކެއް ލިބުނު ކަމަށެވެ.
އެ ވަގުތު ސެޓުގައި ތިބި ސަލާމަތީ ކަންކަމާ ބެހޭ ޓީމުތަކާއި މެޑިކަލް ޓީމުތަކުން ވަގުތުން ހަރަކާތްތެރިވެ، އަނިޔާވި މީހުންނަށް ބޭނުންވާ ފަރުވާ ދީފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ އެންމެންގެ ހާލު ވެސް ސްޓޭބަލް ކަމަށާއި، ފަރުވާ ކުރިއަށްދާ ކަމަށް އޭރު ބުނެފައިވެ އެވެ.







