ވަރަ އެކްސްޕޯގެ ނަމުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯގައި ބައިވެރިވުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ތައްޔާރުވެއްޖެ އެވެ.
އެމްްއައިބީން ބުނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ އެ އެކްސްޕޯގައި އެމްއައިބީގެ ސްޓޯލްއިން ތަފާތު ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.
އެމްއައިބީގެ ސްޓޯލްއިން ވަޒީފާއަށް ކުރިމަތިލާއިރު ސީވީ އިތުރަށް ފުރިހަމަކުރާނެގޮތުގެ އަމަލީ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ "ސީވީ ކްލިނިކް" އެއް ކުރިއަށްގެންދާއިރު، އެމްއައިބީގެ ހިއުމަން ރިސޯސަސް ޓީމާ ބައްދަލުކޮށް، އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ކުރިއަށް ދެވޭނެ މަގުތަކާ ބެހޭ މައުލޫމާތު ހޯދުމަށް "ކެރިއާ ކޯނާ" އެއްވެސް ސްޓޯލްގައި ހުންނާނެ އެވެ.
އެކްސްޕޯގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން، ޒިޔާރަތްކުރާ މީހުންގެ މައުލޫމާތު ވަޒަންކޮށްލުމަށް ބާއްވާ "މެގަ ބަޒާ" ގޭމާއި "ސްޕިން އެންޑް ވިން" ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް "ފައިސާވެއާ ޓެގް" ފަދަ އަގުހުރި އިނާމުތަކާއި ހަދިޔާތައް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އެމްއައިބީން މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ހުނަރުވެރި ޒުވާނުންނާ ގުޅުން ބަދަހިކޮށް، ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރުދިނުމާއެކު، މުޖުތަމަޢަށް ފައިދާހުރި ބަދަލެއް ގެނެވޭ ފަދަ ދާއިރާއަކުން ކުރިއަށް ދިއުމަށް ޒުވާނުންނަށް ހިތްވަރުދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.
ދަރިވަރުންނާއި، ދަސްވެނިންނާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން އާ ފުރުސަތުތައް ހޯދުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކުން ވަރަ އެކްސްޕޯގައި ބަހައްޓާފައިވާ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ބޭންކާއެކު ކުރިއަށް ދިއުމަށް ހުރި ފުރުސަތުތައް ބަލާލުމަށް އެމްއައިބީން ވަނީ ދައުވަތު އަރުވާފަ އެވެ.








