ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރަން ނަގާ ސީއެސްއާރު ފައިސާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންކުރަނީ

Sep 10, 2026, 6:53 PM
ރިސޯޓެއް ތަރައްގީކުރަން 2006 ވަނަ އަހަރު ކުއްޔަށް ދޫކުރި ރ. ލުނދުފުށި: މި ރަށް ކުއްޔަށް ދިންތާ 20 އަހަރުވީއިރު އެއްވެސް މަސައްކަތެއް ނުފަށާ --- ފޮޓޯ: ގޫގުލް އާތު

ރިސޯޓެއް ތަރައްގީކުރަން 2006 ވަނަ އަހަރު ކުއްޔަށް ދޫކުރި ރ. ލުނދުފުށި: މި ރަށް ކުއްޔަށް ދިންތާ 20 އަހަރުވީއިރު އެއްވެސް މަސައްކަތެއް ނުފަށާ --- ފޮޓޯ: ގޫގުލް އާތު

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ތަންތަން އިމާރާތްކުރާ މުއްދަތު (ކޮންސްޓްރަކްޝަން ޕީރިއަޑް) އިތުރުކުރާއިރު، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ފުރިހަމަ ކުރަން ނަގާ ފައިސާ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްގީގެ މަޝްރޫއުތަކަށް ހަރަދު ކުރެވޭ ގޮތަށް ހަދައިފި އެވެ. 

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ތަންތަނަށް އިތުރު މުއްދަތު ދިނުމާ ގުޅޭ ކަންކަން ބަޔާންކޮށް ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި އާ ގަވާއިދުގައި މި ބަދަލު ގެނައިއިރު، ކުރިން އޮންނަނީ ސީއެސްއާރު ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް މި ފައިސާ ޖަމާކުރަން ޖެހޭ ގޮތަށެވެ. މި ފަންޑަކީ ޓޫރިޒަމް ދާއިރާގެ އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކުރަން ހަރަދުކުރަން އޮންނަ ފަންޑެކެވެ. 

ސަރުކާރުން ގެނައި ބަދަލުގައި އޮތީ، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރާއިރު ނަގާ އެއް ލައްކަ އެމެރިކާ ޑޮލަރުގެ ފީގެ އިތުރުން ސީއެސްއާރު ފުރިހަމަ ކުރަން ނަގާ ފައިސާ ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޓްރަސްޓު ފަންޑަށް ޖަމާކުރާ ގޮތަށެވެ. ފަންޑަށް ޖަމާކުރަނީތޯ ނުވަތަ މަޝްރޫއަކަށް ހަރަދުކުރާނީތޯ ނިންމަނީ މިނިސްޓްރީންނެވެ. 

Advertisement

ރިސޯޓެއް އިމާރާތްކުރާ މުއްދަތު އިތުރުކުރާއިރު ސީއެސްއާރު ފައިސާ ނަގަނީ، އިތުރުކުރަން ބޭނުންވާ ކޮންމެ މަހަކަށް ކަނޑައެޅިފައި އޮންނަ ރޭޓެކެވެ. ޓޫރިޒަމްގެ އެކި ޒޯނުތަކަށް އެކި ރޭޓުތައް ކަނޑަައަޅާފައިވާއިރު، ދައްކަން ޖެހޭ އަދަދު ބިނާ ވަނީ އެތަނެއްގެ ބޮޑު މިނާއި ބޭނުންވާ މުއްދަތަށް ބަލާފަ އެވެ.

މިސާލަކަށް ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅު ހިމެނޭ ޒޯން ތިނެއްގެ 10 ހެކްޓަރަށް ވުރެ ކުޑަ ރަށެއް ތަރައްގީކުރާ މުއްދަތު ހަ މަސް ދުވަހަށް އިތުރުކޮށްދޭން އެދޭ ނަމަ، ސީއެސްއާރުގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 5،000 ޑޮލަރު ރޭޓުން 30،000 ޑޮލަރެވެ.  އެކަމަކު 12 މަސް ދުވަހަށް ވުރެ އިތުރުވާނަމަ ކޮންމެ މަހަކަށް 7،000 ޑޮލަރު ރޭޓުން މަދުވެގެން 84،000 ޑޮލަރު ދައްކަން ޖެހޭނެ އެވެ. 

އެންމެ ގިނަ ރިސޯޓުތައް އޮންނަ މި ޒޯނުގެ 50 ހެކްޓަރަށް ވުރެ ބޮޑު ރަށެއް ނަމަ، ހަ މަސް ދުވަސް ބޭނުން ނަމަ މަހަކަށް 6،500 ޑޮލަރު ރޭޓުން 39،000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އަހަރަކަށް ވުރެ އިތުރު މުއްދަތެއް ބޭނުންވާ ނަމަ މަދުވެގެން 120،000 ޑޮލަރު ދައްކަން ޖެހެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ކޮންޑިޝަނަލް އެޕްރޫވަލް ލިބޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސީއެސްއާރު ފައިސާ ޖަމާކުރަން އަންގާފަ އެވެ. މި މުއްދަތުގެ ތެރޭގައި މި ފައިސާ ޖަމާނުކޮށްފި ނަމަ، ތަން ތަަރައްގީކުރަން ޓޫރިޒަމުން ދީފައިވާ ހުއްދަ ބާތިލުވާނެ އެވެ. އަދި، އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅައި، އެއްބަސްވުން ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބެ އެވެ. 

ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭއިރު ކުލި ނުނަގާ ގޮތަށް ތަން ތަރައްގީކުރަން ދީފައިވާ ގްރޭސް ޕީރިއަޑުގެ ތެރޭގައި ނުނިމޭ ތަންތަނުގެ މުއްދަތު އިތުރުކޮށްދެނީ ގްރޭސް ޕީރިއަޑް ހަމަވާ ތާރީހުން ފެށިގެންނެވެ. އަދި، މި ގޮތަށް އެދެވެނީ ވެސް ގްރޭސް ޕީރިއަޑް ހަމަ ވާން ބާކީ އޮތް މިންވަރު ތިން މަސް ދުވަހަށް ވުރެ އިތުރު ނުވާ ނަމަ އެވެ. 

ގްރޭސް ޕީރިއަޑް ހަމަވެފައިވާ ތަންތަނުގެ މުއްދަތު އިތުރިކޮށްދެނީ އެ ހުށަހަޅާ ތާރީހަކުން ފެށިގެންނެވެ. ނަމަވެސް މި ތަންތަން ވާން ޖެހެނީ ގްރޭސް ޕީރިއަޑުގެ ތެރޭގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ތަންތަނަށެވެ. 

އާ ގަވާއިދުގެ ދަށުން، ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރަން ދޭ މުއްދަތު އިތުރުކޮށްދިނުމުގައި ވަނީ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅާފަ އެވެ. މިހާރު މުއްދަތު އިތުރުކޮށްދެެވެނީ ރަށެއް ނަމަ 12 މަސް ދުވަހަށް، އަދި ފަޅެއް ނަމަ 24 މަސް ދުވަހަށެވެ.

މި މުއްދަތު ހަމަވާއިރު، އެ ތަނެއްގެ 50 ޕަސެންޓު މަސައްކަތްތައް ނިންމަން ޖެހެ އެވެ. އެހެން ނޫނީ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބެ އެވެ. އަދި، ރިސޯޓުގެ 50 ޕަސެންޓު ނިމިފައިވާ ނަމަ، މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބެ އެވެ.

ރިސޯޓު ނިންމަން ޖެހޭ މުއްދަތު ހަރުކަށި ކުރި ނަމަވެސް، އިތުރުކުރާ މުއްދަތުގެ ތެރޭގައި ރިސޯޓު ނިންމާ ހިދުމަތް ދޭން ފަށާ ނަމަ ބޮޑެތި އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ލިބެ އެވެ. މިނިސްޓްރީން ވަނީ ދެ ގޮތަކަށް ލުއި ދޭން ހުށަހަޅާފަ އެވެ. 

އެއް ގޮތަކީ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ، އެއްވެސް އިންޓްރެސްޓަކާ ނުލާ ފަސް އަހަރަށް ބަހާލައިގެން ދެއްކުމެވެ. އަނެއް ގޮތަކީ ކުއްޔާއި ޖޫރިމަނާގެ އަދަދު ތިން ޕަސެންޓު އިންޓްރެސްޓުގައި ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ބަހާލައިގެން ދެއްކުމެވެ. މި ތަނުން ބޭނުންވާ ގޮތެއް އިހުތިޔާރު ކުރާނީ އިންވެސްޓަރުންނެވެ. 

ސަރުކާރުން ބުނާ ގޮތުގައި އާ ގަވާއިދުގެ ބޭނުމަކީ ނުނިމި ދުވަސްވެފައިވާ ރިސޯޓުތަކުގެ މައްސަލަ ހައްލުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިސޯޓުތައް ނިންމަން ބާރުއެޅުމެވެ. މި ގޮތަށް ނުހުޅުވާ، އެެއްވެސް މަސައްކަތެއް ނުހިނގާ ދުވަސްވެފައި ހުރި 168 ތަނެއް ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފަ އެވެ.

މީގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރަން ނުފަށާ ތަންތަނާއި ދައުލަތަށް ދޭން ޖެހޭ އަދަދު 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު ތަންތަނަށް އިތުރު ފުރުސަތެއް ނުދީ، އެއްބަސްވުން ބާތިލުކުރަން، އާ ގަވާއިދުން ތަންދެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox