އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑުގެ ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު ޕޮއިންޓު އެއްކޮށް، ވިޔަފާރީގެ މުއާމަލާތްތައް ބެލެހެއްޓޭނެ ގޮތަށް ފަރުމާކޮށްފައިވާ "އެމްއެޗްއޭ ރިވޯޑްސް އެޕް" އިއްޔެ ތައާރަފުކޮށްފި އެވެ.
މި މޯބައިލް އެޕްލިކޭޝަނަކީ ކަސްޓަމަރުންނަށް ލިބޭ އިނާޔަތްތަކާއި، ކުރިން ކޮށްފައިވާ ވިޔަފާރިތަކުގެ ތަފުސީލުގެ އިތުރުން ހަރަދުތައް ހުންނަ ގޮތް އެއް ތަނަކުން ބަލައިލެވޭނެހެން، ވިޔަފާރިކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިން ކޮށްފައިވާ ވިޔަފާރިތަކުގެ ތަފުސީލާއި، ލިބިފައިވާ ޕޮއިންޓުތަކާއި ބޭނުންކޮށްފައިވާ ޕޮއިންޓުތަކުގެ އަދަދު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
މީގެ އިތުރުން، ކަސްޓަމަރުން އާންމުކޮށް ގަންނަ ތަކެއްޗަށް ބަލައި، އެ މީހަކާ ގުޅޭނެ ފަދަ އުފެއްދުންތައް މި އެޕް މެދުވެރިކޮށް ހުށަހަޅައިދޭނެއެވެ.މި އެޕްލިކޭޝަނަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ލުއިފަސޭހަކޮށް، ކުންފުނީގެ ލޯޔަލްޓީ ޕްރޮގްރާމަކީ އެންމެންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ނިޒާމަކަށް ހެދުމަށް އެމްއެޗްއޭއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި އެޕެކެވެ.
އާ ޑިޖިޓަލް ރިވޯޑްސް ނިޒާމަށް ބަދަލުވުމުގެ ބައެއްގެ ގޮތުން، ކަސްޓަމަރުންނަށް ޕޮއިންޓު ލިބޭ ގޮތަށާއި ޕޮއިންޓު ބޭނުންކުރެވޭ އުސޫލަށް އެމްއެޗްއޭއިން ވަނީ ބަދަލުތަކެއް ގެނައުމަށް ނިންމައިފަ އެވެ. އެ ގޮތުން، 2027 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޕޮއިންޓު އެއްކުރުމަށާއި ބޭނުންކުރުމަށް "އެމްއެޗްއޭ ރިވޯޑްސް އެޕް" ބޭނުންކުރުން މަޖުބޫރުވާނެ އެވެ. އަދި މިހާރު ކައުންޓަރަށް ފޯނު ނަންބަރު ދީގެން ޕޮއިންޓު ހޯދޭ ގޮތަށް އޮންނަ އުސޫލު އެ ތާރީހުން ފެށިގެން ހުއްޓައިލެވޭނެ އެވެ.
ލޯޔަލްޓީ ޕްރޮގްރާމުގެ ދަށުން ލިބޭ އިނާޔަތްތައް މެދުނުކެނޑި ހޯދުމަށްޓަކައި، މި ބަދަލު އައުމުގެ ކުރިން އެޕްލިކޭޝަން ޑައުންލޯޑުކޮށް ރަޖިސްޓްރީވުމަށް އެމްއެޗްއޭއިން ކަސްޓަމަރުންނަށް އިލްތިމާސްކުރެ އެވެ. މި ބަދަލަށް ކަސްޓަމަރުން އަހުލުވެރިކުރުވުމަށް އެހީތެރިވުމުގެ ގޮތުން، އެމްއެޗްއޭގެ ފިހާރަތަކުގެ ކައުންޓަރުތަކުގައި އެޕްލިކޭޝަން ޑައުންލޯޑުކުރެވޭނެ ކިއުއާރު ކޯޑުތައް ބަހައްޓައިފައި ހުންނާނެއެވެ. އަދި އެޕްލިކޭޝަން ޑައުންލޯޑުކުރުމުގައާއި ބޭނުންކުރަން ފެށުމުގައި ކައުންޓަރުތަކުގައި ތިބޭ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އެވެ.
އެމްއެޗްއޭގެ ރޭވުމަކީ މި ރިވޯޑްސް އެޕް އިތުރަށް ތަރައްގީކޮށް، ކަސްޓަމަރުންނަށް ފައިދާކުރާނެ އިތުރު ފީޗާތަކާއި، ހިތްގައިމު އޮފާތަކުގެ އިތުރުން ލޯޔަލްޓީ ޕްރޮގްރާމުން މަންފާ ހޯދޭނެ އާ ގޮތްތައް ތައާރަފުކުރުމެވެ. ކުރިއަށް އޮތް ތަނުގައި މި އެޕަށް ގެނެވޭ އަޕްޑޭޓުތަކާއެކު، ކަސްޓަމަރުންނަށް ހާއްސަ އިނާޔަތްތަކާއި ޕްރޮމޯޝަންތައް ލިބި، ވިޔަފާރިކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.އެމްއެޗްއޭ ރިވޯޑްސް އެޕް ތައާރަފުކުރުމަކީ ޒަމާނީ ޑިޖިޓަލް ހައްލުތައް ހޯދައިދީ، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑުކުރެވެން ހުންނާނެ އެވެ.







