ލިޒްބަން (ނޮވެމްބަރު 25) - އަމިއްލަ ކޮންޓްރެކްޓްގެ ވާހަކަ ދެއްކުމަށް ވުރެން މި ވަގުތު މުހިންމީ މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ރަނގަޅުކުރުން ކަމަށް އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.
އުމުރުން 32 އަހަރުގެ ފެނާންޑޭސް، ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ޔުނައިޓެޑުން ފެނާންޑޭސްގެ އެއްބަސްވުން އާ ކުރަން ކުރަމުން އައި މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ. އަދި، މި ސީޒަނަށް ފަހު ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލުމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.
ޔުނައިޓެޑާ އެކު ފެނާންޑޭސް، އެންމެ ފަަހުން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، ދެ ފަރާތް އެއްބަސްވެވޭނަމަ، މިހާރު ހިނގަމުން އަންނަ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކުރެވޭނެ އެވެ.
"އަހަންނަށް އެނގޭ މި ދެކެވެނީ، އަހަރެންގެ މުސްތަގުބަލުގެ ވާހަކަކަން. އެކަމަށް ވަގުތު އޮތް ކަމަށް އަހަރެން ދެކެނީ، މި ހުރިހާ ކަމަކަށް ވުރެން އަހަރެން މި ކަންބޮޑުވަނީ މި ވަގުުތު އަހަރެމެންގެ ނަތީޖާތައް ހުރި ގޮތާ މެދު،" ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފެނާންޑޭސް ބުންޏެވެ.
"ކޮންޓްރެކްޓް ވާހަކަތައް އޮތީ މަޑުޖެހިފައި. މި ވަގުތު މި އުޅެނީ މެޗުތަކުން މޮޅުވެވޭތޯ. އޭރުން ކޮންޓްރެކްޓް ވެސް ވާހަކަ ދެއްކޭނެ. މިއީ، އެ ވަގުތެއް ނޫން،"
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އަލުން ސްޕޯޓިން ލިޒްބަން އަށް ބަދަލުވެދާނެތޯ ކުރި ސުވާލަށް ދިން ޖަވާބުގައި ފެނާންޑޭސް ބުނީ، އެކަމާ ސީދާ ދެކޮޅެއް ނުވެވޭނެ ކަމަށެވެ.
"ސްޕޯޓިން އަށް އެނބުރި ދިއުމަށް އެއްވެސް ފުރުސަތެއް ނެތެކޭ ނުބުނާނަން. އަހަރެންގެ ހިތުގައި އަބަދުވެސް ސްޕޯޓިން އަށް ހާއްސަ ޖާގައެއް އޮންނާނެ،" ފެނާންޑޭސް ބުންޏެވެ.
އޭނާ ބުނީ، ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އަށް ފުރަތަމަ އިތުބާރު ކުރި ބަޔަކީ ސްޕޯޓިން ލިޒްބަން ކަމަށެވެ. ސްޕޯޓިންގެ ސަޕޯޓަރުންނާ ވެސް އޮތީ ވަރަށް ރަަނގަޅު، ގާތް ގުޅުމެއް ކަމަށް ފެނާންޑޭސް ވަނީ ބުނެފަ އެވެ.
މައިކަލް ކެރިކް ވަކިކޮށް ޔުނައިޓެޑްގެ ކޯޗަކަށް މައުރީސިއޯ ޕޮޗެޓީނޯ ހަަމަޖެއްސި ފަހުން ކުޅުނު ފުރަތަމަ މެޗުން، އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން ޔުނައިޓެޑް ވަނީ 4-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗު އޮތީ ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޯޓިން ލިޒްބަން ދަނޑުގަ އެވެ.
މި ސީޒަނުގައި ޔުނައިޓެޑުން ހުރިހާ މުބާރާތެއްގައި ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެެވެ. ފަސް މެޗުން އެއްވަރުވިއިރު، އަށް މެޗުން ވަނީ ބަލިވެފަ އެވެ. މޮޅުވީ ޕްރިމިއާ ލީގުގެ އެއް މެޗާއި ޗެމްޕިއަންސް ލީގުގެ ދެ މެޗުންނެވެ.







