ޖޯޖިއާ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 13) - އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށް، މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި އެންމެ ހިތްދަތިކަން ލިބުނު ނިންމުން ކަމަށް އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ޔުނައިޓެޑުން ވަނީ މައިކަލް ކެރިކް މަގާމުން ވަކިވެފައިވާ ކަމަށާއި ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ދެން އެ ޓީމާ ހަވާލުވާނީ ކުރިން ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ޕޮޗެޓީނޯ ކަމަށެވެ.
މީގެ ދެ އަހަރު ކުރިން، އެމެރިކާގެ ކޯޗުކަމާ ހަވާލުވި ޕޮޗެޓީނޯ މިދިޔަ އޮގަސްޓް މަހު ވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ އެއްބަސްވުން އުވާލުމަށް ދައްކަން ޖެހޭ، 10 މިލިއަން ޑޮލަރު ޔުނައިޓެޑުން ވަނީ އެމެރިކާ އަށް ދައްކައިފަ އެވެ. ޕޮޗެޓީނޯ، ޔުނައިޓެޑާ ހަވާލުވާނީ، ކޮންކަކަފް ނޭޝަންސް ލީގުގައި އެމެރިކާ އިން ހައިޓީއާ ދެކޮޅަށް ކުޅޭ ދެ މެޗަށް ފަހު އެވެ. އެ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ވަނީ ޔުނައިޓެޑާ ގުޅޭ ސަބަބު ބަޔާން ކޮށްދީފަ އެވެ.
"ވާހަކަ ދައްކަން ވަރަށް އުނދަގޫ މި ވަގުތު. އަހަރެން މިއީ ވަރަށް ޖަޒުބާތީ މީހެއް. މިއީ ވަރަށް ހިތްދަތި ކަމާ އެކު ނިންމި ނިންމުމެއް. އަހަރެމެން މިއީ ޕްރޮފެޝަނަލުން. ބައެއް ފަހަރު ހުވަފެން ހަގީގަތަކަށް ހަދަން ބައެއް އުނދަގޫ ނިންމުންތައް ނިންމަން ޖެހޭ،" 2022 ވަނަ އަހަރު ވެސް ޔުނައިޓެޑާ ހަވާލުވާން މަޝްވަރާ ކުރި ޕޮޗެޓީނޯ ބުންޏެވެ.
ކުރިން ޕީއެސްޖީ އަށް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުނީ، ޔުނައިޓެޑަށް އިރުޝާދުދޭން ލިބޭ ފުރުސަތަކީ މަދު ފަހަރަކު އަންނަ ކަންތައްތައް ކަމަށާއި އެ އޮފާ ދޫކޮށްލަން އުނދަގޫވީ ކަމަށެވެ.
"ވަރަށް އުނދަގޫ އެ އޮފާ ދޫކޮށްލަން،" 54 އަހަރުގެ ޕޮޗެޓީނޯ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވާނީ، މި މަހު 18 ވަނަ ދުވަހުގެ ފަހުންނެވެ. ޔުނައިޓެޑުން މި ވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 18 ވަނައިގަ އެވެ. މިއީ، މިދިޔަ 40 އަހަރު ތެރޭ ޔުނައިޓެޑުން ސީޒަނަކަށް ނުކުމެ ކުރިމަތިލި އެންމެ ދަށް ފެށުމެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ދެން އެންމެ އަވަހަށް ޔުނައިޓެޑުން ކުޅޭ މެޗު އޮތީ ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށެވެ.
ޕްރިމިއާ ލީގުގެ ތިން ކްލަބަކަށް ކުރިން ކޯޗުކޮށްދިން ޕޮޗެޓީނޯ ލީގުގައި 294 މެޗު ކޯޗުކޮށްދިންއިރު، މޮޅުވީ 150 މެޗުންނެވެ. 74 މެޗުން ބަލިވިއިރު، 70 މެޗު ނިމުނީ އެއްވަރުވެގެންނެވެ.







