މެންޗެސްޓާ (ނޮވެމްބަރު 18) - މެންޗެސްޓާ ސަރަހައްދުގައި އެންމެ ކާމިޔާބު ޓީމަކީ މެންޗެސްޓާ ޔުނައިޓެޑަށް އަލުން ހަދާނެ ކަމަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ޔުނައިޓެޑުން ވަނީ މައިކަލް ކެރިކް މަގާމުން ވަކިކޮށް، ދެ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ޕޮޗެޓީނޯއާ ޓީމު ހަވާލުކޮށްފަ އެވެ. ޕޮޗެޓީނޯ ވަނީ، މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި އެމެރިކާ އިން ހައިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗަށް ފަހު، މިއަދު، ޔުނައިޓެޑްގެ ކޯޗިން ޒިންމާއާ ހަވާލުވެފަ އެވެ.
ހައިޓީއާ ދެކޮޅަށް އެމެރިކާ އިން ކުޅުނު މެޗަށް ފަހު، ކުރިން ސިޓީ އަށް ކުޅުނު އަދި މިހާރު އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑަމާކަސް ބީސްލީ ވަނީ ޕޮޗެޓީނޯއާ ވާހަކަ ދެއްކިއިރު، މެންޗެސްޓާ އަބަދުވެސް އޮންނާނީ ނޫކުލައިގައި ކަމަށާއި އެ ސަރަަހައްްދުގައި ވަރުގަދަވާނީ ސިޓީ ކަމަށް ބުނެފަ އެވެ.
އެ އަށް ރައްދުދެމުން ޕޮޗެޓީނޯ ވަނީ އެކަން ބަދަލުކުރަން އޭނާ އަށް ވަގުތު ބޭނުންވާ ކަމަށް ބުނެފަ އެވެ.
"ތިހެނެއް (މެންޗެސްޓާ ސަރަހައްދުގައި ސިޓީ، އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި) އަބަދަކު ނުވާނެ. އަހަންނަށް ވަގުތުދީ އެކަން ބަދަލުވާނެ،" ޕޮޗެޓީނޯ ބުންޏެވެ.
ޔުނައިޓެޑުން މި ވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 18 ވަނައިގަ އެވެ. މިއީ، މިދިޔަ 40 އަހަރު ތެރޭ ޔުނައިޓެޑުން ސީޒަނަކަށް ނުކުމެ ކުރިމަތިލި އެންމެ ދަށް ފެށުމެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ދެން އެންމެ އަވަހަށް ޔުނައިޓެޑުން ކުޅޭ މެޗު އޮތީ އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށެވެ.
ޕޮޗެޓީނޯ ބުނީ، މި ވަގުތު ޔުނައިޓެޑް އޮތީ އެ ކްލަބްގެ ހައިބަތާއި ކާމިޔާބީއާ ހުރިހާ ކަމަކަށް ބަލާއިރު ހައްގުވާނެ ހިސާބެއްގައި ނޫން ކަމަށެވެ.
"ކަންކަން ބަދަލުކުރަން ބޭނުންވާނެ ވަގުތު. މި ވަގުތު ޔުނައިޓެޑަށް އެ ގޮތަށް ހާލަތު ބަދަލުކުރަން މާ ގިނަ ވަގުތު ނަގާނެ ފުުރުސަތެއް ނެތް. ހާލަތު ބަދަލުކުރުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ކުރަންޖެހޭ،" ޕޮޗެޓީނޯ ބުންޏެވެ.
ޕްރިމިއާ ލީގުގެ ތިން ކްލަބަކަށް ކުރިން ކޯޗުކޮށްދިން ޕޮޗެޓީނޯ ލީގުގައި 294 މެޗު ކޯޗުކޮށްދިންއިރު، މޮޅުވީ 150 މެޗުންނެވެ. 74 މެޗުން ބަލިވިއިރު، 70 މެޗު ނިމުނީ އެއްވަރުވެގެންނެވެ.







