މެންޗެސްޓާ (ނޮވެމްބަރު 24) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފަށް މާލީ ކަންކަމުގައި މަކަރު ހެދުމުގެ 100 އަށް ވުރެން ގިނަ މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވީ ނަމަވެސް އެ ޓީމުގެ ވެރިންނަށް އިތުބާރުކުރާ ކަމަށް ކުރިން ސިޓީ އަށް ކުޅުނު ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ބުނެފި އެވެ.
ސިޓީ އަށް 10 އަހަރު ކުޅެދިން ޑި ބްރޭނާ މިހާރު ކުޅެމުން އަންނަނީ އިޓަލީގެ ނަޕޯލީ އަށެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ނަޕޯލީން ސިޓީ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭނެ އެވެ. މިއީ، ނަޕޯލީ އަށް ބަދަލުވި ފަހުން، ޑި ބްރޭނާ ސިޓީއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.
މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި، އުމުރުން 35 އަހަރުގެ ޑި ބްރޭނާ ބުނީ، ސިޓީގައި ކުރެވުނު ހުރިހާ ކަމަކާ މެދު ވަރަށް ފަހުރުވެރިވާ ކަމަށާއި އަދިވެސް އެ ޓީމު ދެކެ ލޯބިވާ ކަމަށެވެ.
"މިއީ އަހަރެންގެ ކްލަބް، ވެރިން ދެކެ ލޯބި ވޭ. އަހަރެން ވާނެ ސިޓީގެ ވެރިންނާ ވާހަކަ ވެސް ދައްކާފައި. ހާއްސަކޮށް ހަލްދޫންއާ. އެއީ، ކްލަބެއް ގަންނާނީ ކިހިނެއްތޯ ސާފުކުރަން. އަހަރެންގެ ހިތުގައި އަބަދުވެސް ސިޓީ އަށް އޮންނާނީ ބަދަލުނުވާނެ ލޯބި. އެއީ، އަހަންނާއި އަހަރެންގެ އާއިލާއާ މެދު 10 އަހަރު ވަރަށް ރަނގަޅަށް ކަންކަން ކުރީ،" ޑި ބްރޭނާ ބުންޏެވެ.
"ކޮންމެ ކަމެއްގައި ވެސް ގަވާއިދުތަކެއް ހުންނާނެ. އޭގެ އާ ހިލާފުވަންޏާ ކަންކަން ދިމާވާނެ. އަހަރެން ހުރީ ގަވާއިދުގެ ތެރޭގައި ކަން ޔަގީން. އަހަރެން ޓީމަށްޓަކައި އެ ކުރި ކަމެއްކުރީ އިދިކޮޅު ކުޅުންތެރިންނާ ވާދަކޮށް ކާމިޔާބު ހޯދަން،"
ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. ޖުމްލަ އެކު، 14 ޓްރޮފީ ސިޓީ އަށް ހޯދަައިދިން ޑި ބްރޭނާ އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި އެވެ. އަދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ.
މި ސީޒަނުގައި، ނަޕޯލީ އަށް ކުޅެދިން 16 މެޗުން ޑި ބްރޭނާ ވަނީ ހަތަރު ލަނޑު ޖަހައި ދެ ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
ނަޕޯލީ ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ. ޖުމްލަ އެކު 36 ޓީމު ކުޅޭ ޗެމްޕިއަންސް ލީގުގެ، ލީގު ފޭސްގައި ނަަޕޯލީ އޮތީ 27 ވަނައިގަ އެވެ. ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން ފުރުސަތު ލިބެނީ، ގަދަ 24 ޓީމަކަށެވެ. އެހެންކަމުން، ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ނަޕޯލީ އަށް ނަތީޖާއެއް ނެރުން މުހިންމެވެ.







