ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 24) - ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނަކީ ސެނެގާލް ކަމަށް ނިންމައި، އެ ޓީމު އަތުން ތަށި އަތުލުން ނިންމި ނިންމުން ބަދަލުކުރަން ކަނޑައަޅައިފި އެވެ.
ސެނެގާލް ޓީމުގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ ބަލައި، އެފްރިކަން ކަޕްގެ ތަށި ސެނެގާލް އަތުން އަތުލައި، މޮރޮކޯ އަކީ މުބާރާތުގެ ޗެމްޕިއަންކަމަށް އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމި މައްސަލަ ކާސް އަށް ސެނެގާލުން ހުށަހެޅީ އިންސާފު ހޯދުމަށެވެ. އަދި، ސެނެގާލުން މި ވަނީ ކާސްގައި ކާމިޔާބު ހޯދައިފަ އެވެ.
މިދިޔަ ޖެނުއަރީ މަހު، ސެނެގާލުން 1-0 އިން މޮރޮކޯ ބަލިކޮށް އެފްރިކަން ކާމިޔާބުކުރި ފައިނަލު ނިމުނުތާ 57 ދުވަސް ފަހުން، ކާފްގެ އެޕީލް ކޮމިޓީ އިން ނިންމީ މޮރޮކޯ އަކީ ޗެމްޕިއަން ކަމުގަ އެވެ. އެ ނިންމުމަށް ދުނިޔޭގެ ފުޓްބޯޅައިގައި ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.
އެފްރިކަން ކަަޕްގެ ފައިނަލް މެޗު ނުނިމެނިސް، ސެނެގާލުން ދަނޑުން ފޭބި މައްސަލަ ކާފް އަށް ހުށަހެޅީ މޮރޮކޯ އިންނެވެ. މި މައްސަލަ ފުރިހަމަ އަށް ތަހުގީގުކޮށް، ގަވާއިދުތަކަށް ބެލުމަށް ފަހު، ކާފްގެ އެޕީލް ބޯޑުން ނިންމީ، ސެނަގާލުން ދަނޑުން ފޭބުމާ އެކު، އެ ހިސާބުން މެޗު ފޯފެއިޓްވެ، 3-0 އިން މޮރޮކޯ އަށް މެޗު ލިބުނީ ކަމަށެވެ. ސެނެގާލް އެފްއޭ އިން ނިންމީ އެ މައްސަލަ ކުޅިވަރުގެ އެންމެ މަތީ ކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދިއުމަށެވެ.
ކާސް އިން ނިންމީ ކާފް އިން މޮރޮކޯ އަކީ ޗެމްޕިއަނުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ދަނޑުމަތީގައި ހިނގި ކަންތައްތަކަށް ފުރިހަމަ އަށް ބެލުމަށް ފަހު ނޫން ކަމަށެވެ. އަދި، މެޗުގައި ހިނގައިދިޔަ ހުރިހާ ކަަމަކަށް ބަލާއިރު، ސެނެގާލް އަކީ ޗެމްޕިއަނުން ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް ކާސް އިން ނިންމީ އެވެ.
އެފްރިކަން ކަޕްގެ ފައިނަލް މެޗުގެ ތެރޭގައި، މޮރޮކޯ އަށް 50 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯ އަށް ލިބުނު ޕެނަލްޓީއެއް ޖަހަން 17 ވަރަކަށް މިނިޓް މަޑުކުރަން ޖެހުނެވެ. އެއީ، ސެނެގާލް ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ހެދި އާއި ދަނޑުގެ ސެކިއުރިޓީ ހާލަތު ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އިތުރުން، ހިތްހަމަނުޖެހިގެން ދަނޑުން ފޭބި ސެނެގާލްގެ ކުޅުންތެރިންނާއި ކޯޗު ތިއޯ އަލުން މެޗު ކުޅެން އެއްބަސްވުމަށް ނެގި ވަގުތެވެ.
ހާލަތު ހަމަޖައްސައި، މެޗުގެ ފުރިހަަމަ ވަގުތުގައި ކުޅެން ލިބުނު އެންމެ ފަހު ބޯޅައިގައި މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ. މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު (5 ލަނޑު) ޖެހި ބްރަހިމް އަށް އެންމެ މުހިންމު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕާޕޭ ގޭއި ޖެހި ގޯލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް ސެނެގާލަށް އެފްރިކާގެ ޗެމްޕިއަންކަން ލިބުނީ އެވެ. ސެނެގާލް އަތުން ތަށި ނަގަން ކާފް އިން ނިންމި ނިންމުން ކާސް އިން ބަދަލުކުރުމާ އެކު، ސެނެގާލް އިން އަންނަނީ އުފާފާޅުކުރަމުންނެވެ.






