ފުލުހެއް ގައިގައި ސައިކަލުން ޖެއްސި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ޝަރުތުކުރުމަށްފަހު ބަންދުން އިއްޔެ ދޫކޮށްލައިފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ދޫކޮށްލީ އާނޫފް ބިން މުހައްމަދު 21، އާއި އަހްމަދު ސިނާޒް 30، އަދި އަހްމަދު މާއިޝް މުހައްމަދު މާހިރު 21، އެވެ. އެ ތިން މީހުން ބަންދުން ދޫކޮށްލީ ރަށުން ބޭރަށް ދިއުން މަނާކޮށްފަ އެވެ.
ޕީޖީން އެދިގެން އެ ތިން މީހުން ބަންދުން ދޫކޮށްލިއިރު، އެ މީހުން ބަންދުން ދޫކޮށްލީ އެ މީހުން ދުއްވި ސައިކަލުން ފުލުސް އޮފިސަރު ގައިގައި ޖެހިފައި ނުވާތީ އެވެ. އެގޮތުން ކޯޓުން ބުނީ އެ ތިން މީހުންގެ ފަރާތުން މައްސަލައިގައި މުޖުތަމައުއަށް ނނުރައްކަލެއް އޮތް ކަމަށް ބަލައިގެން، އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ޕީޖީން ހުށަހަޅާފައި ނުވާ ކަމަށެވެ.
ނަމަވެސް މައްސަލައިގައި ހިމެނޭ އަބްދުﷲ ސައްމާހް ހަސަން ސާދިގު 20، ގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. ފުލުސް މީހާ ގައިގައި ޖެހުނީ އޭނާ ދުއްވަން އިން ސައިކަލުން ކަމަށްވާއިރު، ބަންދުގައި ބަހައްޓަން ނިންމީ ބަންދުން ދޫކޮށްފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލާފަ އެވެ.
މި މައްސަލައިގައި ހިމެނޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ހުށަހެޅުމުން ވަނީ ބަލައިގަނެފަ އެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ މަސްތުގެ ހާލަތުގައި ތިބެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެއްގަމު އުޅަނދު ދުއްވުމެވެ.








