ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން ކެންސަލްވެއްޖެ އެވެ.
ހައި ކޯޓުން އަދަދު އަށް ބުނީ މިއަދު މެންދުރު 13:15 ގައި ބޭއްވުމަށް ތާވަލުކުރި ޝާހިދުގެ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ސަބަބެއް އެ ކޯޓަކުން ހާމައެއް ނުކުރެ އެވެ.
ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅީ ނޮވެމްބަރު 4، ގަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޝާހިދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އެކި ފަހަރުމަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާ އެ އަމަލު ހިންގަމުން ގޮސްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
"އަޅުގަނޑުގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެވެ. މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދެން،" އޭނާގެ އެކައުންޓުން ކުރި ޓްވީޓެއްގައި ލިޔެފައިވެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ މަގާމު ޝާހިދު ދެ ފަހަރަކު އަދާކުރެއްވި އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ. ރައްޔިތުންގެ މަޖިލީހުގައި 23 އަހަރު ޝާހިދު މަސައްކަތް ކުރެއްވި އެވެ. އަދި އެ މަޖިލީހުގެ ރައީސްގެ މަގާމް ވެސް އޭނާ އަދާކުރެއްވި އެވެ.
މިފަހަކާ ޖެހެންދެން ޝާހިދު ހުންނެވީ އިދިކޮޅު އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެވެ.
ޝާހިދު އެމްޑީޕީއަށް ސޮއި ކުރެއްވީ އޭޕްރީލް، 2013، ގަ އެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ، ރައީސް މައުމޫން އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީގަ އެވެ.





