ގައުމީ ފެންވަރުގައި ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭން އިފްތިތާހުކުރުމާ ގުޅިގެން، ފުލުހުންގެ ތަމްރީނު ކޯހުގައި މޮޑިއުލެއްގެ ގޮތުގައި "އިހްތިރާމް" ހިމަނަން ނިންމައިފި އެވެ.
ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުން ފެށިގެން، އޮޕަރޭޝަނަލް އަދި ފަންނީ ހާއްސަ ތަމްރީނުތައް ހިމެނޭހެން ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމެއްގައި ހާއްސަ މޮޑިއުލެއްގެ ގޮތުގައި އިހްތިރާމް ހިމަނަން ނިންމާފައިވާ ކަމަށެވެ.
"މި އަސާސް [އިހްތިރާމް އަދާކުރުން] ހަރުދަނާ ކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތުގެ އަސާސީ ތަމްރީނު ކޯހުން ފެށިގެން، އޮޕަރޭޝަނަލް އަދި ފަންނީ ހާއްސަ ތަމްރީނުތައް ހިމެނޭހެން، ފުލުހުންގެ ހުރިހާ ތަމްރީނު ޕްރޮގްރާމެއްގައި ހާއްސަ މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި އިހްތިރާމް ހިމެނުމުން ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި، އަދި އިންސާނީ ކަރަމާތް ރައްކާތެރިކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް އެހީތެރިވެގެންދާނެ ކަމަށެވެ.
"އިހުތިރާމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައާއި، އެހެން ފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތަކުގައިވެސް ކޮންމެ ފުލުހަކު ހިފަހައްޓަންޖެހޭ އަސާސީ ސިފައެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ތަމްރީނުތަކުގައި މޮޑިއުލެއްގެ ގޮތުގައި އިހްތިރާމް ހިމެނުމަށް ނިންމާފައިވާއިރު، ރައްޔިތުންނަށް ފުލުހުން އިހްތިރާމް ނުކުރާ ކަމަށް ބުނެ އެކަމާ ގުޅިގެން އަބަދުވެސް ޝަކުވާ ބޮޑެވެ. އޭގެއިތުރުން ފުލުހުން ބައެއް ކަންކަމުގައި އަމަލުކުރާ ގޮތުގެ ސަބަބުން އެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރުވެސް ކުޑަކަން ފާހަގަކުރެވެ އެވެ.
މުޖުތަމައުގައި އިހުތިރާމް ކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފަށާ ގައުމީ މަޝްރޫއު، ރައީސް މުހައްމަދު މުއިއްޒު އިފްތިތާހު ކުރެއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މި ގައުމީ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައުގައި ގެއްލެމުންދާ އިޖުތިމާއީ އަގުތަކާއި، އަދަބުވެރިކަމުގެ އިތުރުން އެކަކު އަނެކަކަށް ގަދަރުކުރުމުގެ ރީތި ސިފަތައް އަލުން ދިރުވައި އާލާކުރުމެވެ.








