ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.
ރ.މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ރ. މާކުރަތު، މަލަ ޠަލްޙަތު ނަސީމް، 40، އާއި ރ. މާކުރަތު، ފަލަކު، އަހްމަދު ޝާފިއު، 23، އަދި ރ. މާކުރަތު، ބަނބުކެޔޮގަސްދޮށުގެ، އިސްމާޢީލް ރަޝީދު، 46، އެވެ.
ފުލުހުން ބުނީ މި ތިން މީހުން ޑިންގީއެއްގައި މާކުރަތަށް ފޭބި ތަނުން ބަނދަރު ސަރަހައްދުން ހައްޔަރުކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެ އެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަލްގަތު ނަސީމްގެ ބަންދަށް 10 ދުވަސް އަދި އަހްމަދު ޝާފިއު އާއި އިސްމާއީލް ރަޝީދުގެ ބަންދަށް ހަތަރު ދުވަސް ވަނީ ޖަހާފަ އެވެ.








