ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ކެއުމުގެ އިންތިޒާމް ހަމަޖެހިފައި ހުރި ގޮތް ފިޔަވައި ބާކީ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ހުރީ ރަނގަޅަށް ކަމަށް އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނެފި އެވެ.
ނުވަ ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފައިވާ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އިން ގިނަ ގޮންޖެހުންތަކަކާ އެކު ނުކުމެ ވެސް މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ، ސެމީ ފައިނަަލަށް ވަނީ ދަތުރުކޮށްފަ އެވެ. ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ތިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ އަމާޒުގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާ އިން މުބާރާތުގެ ސެމީ ފައިނަލުގަައި މިއަަދު ކުޅޭނީ ބޫޓާންއާ އެވެ.
ސެމީ ފައިނަލުގެ ކުރިން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ނައުޝާދު ބުނީ، މައްސަލައެއްގެ ވާހަކަ ދައްކާނަމަ، ތަކުރާރުކުރަން އޮތީ އަދިވެސް ކެއުމުގެ ވާހަކަތައް ކަމަށެވެ.
"ހޮސްޕިޓަލިޓީގެ ކަންކަމާ އެހެން ކަންކަން ވެސް ރަނގަޅު، މިހާރު ވެސް ހަމައެކަނި މައްސަލަ އަކަށް އަަހަރެމެންނަށް މި އޮތީ ކެއުމުގެ ކަންކަން. މެޗަށް ފަހު ކުޅުންތެރިން ރަނގަޅު ކާއެއްޗެއްހި ބޭނުންވާނެ. މެޗު ދުވަހުގައި، މެޗުގެ ކުރިން ކުޅުންތެރިންނެއް މާ ގަދަޔަށް ނުއެއް ކާނެ. އެހެންވީމަ، މެޗަށް ފަހު ވަރަށް ރަނގަޅު ކާނާ ބޭނުންވާނެ. އެކަމަކު، އަހަރެމެން ކާން ދާއިރުގައި ކޮންމެ ދުވަހަކު ވެސް އެކައްޗެއް މި ހުންނަނީ،" ނައުޝާދު ބުންޏެވެ.
އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑެއް އެކުލަވާލުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލި އެެވެ. އެ ގޮތުން، ސާފް ޗެމްޕިއަންޝިޕަށް ރަޖިސްޓްރީކުރި ކުޅުންތެރިންގެ ތެރެއިން ޕާކިސްތާން އަތުން 3-2 އިން އިންޑިއާ މޮޅުވި މެޗަށް ތިބީ 18 ކުޅުންތެރިންނެވެ. އެ މެޗަށް ފަހު، އިތުރު ކުޅުންތެރިން ޓީމާ ގުޅުނު ނަމަވެސް، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗަށް ނެގި ސްކޮޑުގައި ހިމެނުމުން، ތިން ކުޅުންތެރިއަކު ސާފް ސްކޮޑުން ވަކިވާން ޖެހުނެވެ. އަދި، މުމްބާއި ސިޓީ ޓީމުގެ ތިން ކުޅުންތެރިއަކު އަނބުރާ ކްލަބަށް ދާން ޖެހުމާއި އަނިޔާއާ ހެދި ބައެއް ކުޅުންތެރިން ގައުމީ ޓީމާ ނުގުޅި ކްލަބްގައި މަޑުކުރަން ނިންމުމުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.
އުނދަގޫ ހާލަތެއްގައި އޮތް ވަގުތެއްގައި ވެސް ފުރަތަމަ މެޗުގެ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ގެނެސްގެން، ގްރޫޕްގެ ދެ ވަނަ މެޗަށް ރާއްޖެއާ ދެކޮޅަށް ނުކުމެ، 1-0 އިން އިންޑިއާ މޮޅުވި އެވެ.
"އަހަރެން ގަބޫލުކުރަނީ ކޯޗެއްގެ ގޮތުގައި ހޯދަން ޖެހޭނީ ހައްލު ކަމަަށް، ނުކުރެވޭނެ ކަންކަމާ މެދު ވިސްނައި ކަންބޮުޑުވެގެން އެ ގެއްލެނީ ވަގުުތުތަކެއް. ހުރި އެއްޗެއް ބޭނުންކޮށްގެން މަސައްކަތް ކުރުން އޮތީ. އަހަރެން މި ބަލަނީ އެ ހިނދެއްގައި ކުޅެވެން ތިބި ކުޅުންތެރިން ލައްވައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން،" ނައުޝާދު ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އިން ކުޅޭނީ ބޫޓާންއާ އެވެ. މިއީ، 18 އަހަރު ތެރޭ ބޫޓާނުގެ ފުރަތަމަ ސެމީ ފައިނަލް އެވެ. ބޫޓާނުން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެއްގެ ސެމީ ފައިނަލުގައި ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް ސެމީގައި ނުކުތީ އިންޑިއާއާ ދެކޮޅަށެވެ. އެ މެޗު، 120 މިނިޓަށް ދިގުދެމިގެންދިޔައިރު، އިންޑިއާ މޮޅުވީ 2-1 އިންނެވެ.
ނައުޝާދު ބުނީ، މުބާރާތެއްގެ މި ހިސާބުގައި ޖެހުނު ކޮންމެ ޓީމަކާ ކުޅެން ވެސް ތައްޔާރުވާން ޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށެވެ.
ބޫޓާނާއި އިންޑިއާ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ، 14:00 ގަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރާނެ އެވެ. މިއީ، ސާފް ޗެމްޕިއަންޝިޕެއްގައި ވީއޭއާރް ބޭނުންކުރާނެ ފުރަތަމަ ފަަހަރެވެ. ފުރަތަމަ މެޗަކީ އިންޑިއާ އާއި ބޫޓާނުގެ ކުރިމަތިލުމެވެ.







