ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ކުޅޭ މެޗުގައި އަމާޒަކީ މި ފަހަރުގެ މުބާރާތް ވެސް ކާމިޔާބުކޮށް ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތުގެ ތަށި ހޯދުން ކަމަށް 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަދި މި ފަހަރުގެ މުބާރާތުގެ އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ބުނެފި އެވެ.
ތަފާތު ގިނަ ގޮންޖެހުންތަކާ އެކު ވެސް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ނިންމައި، އިންޑިއާ އިން ފައިނަލަށް ދިޔައީ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. އެ ގޮތުން، ގްރޫޕް ސްޓޭޖުގެ ފުރަތަަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކުރުމަށް ފަހު، ދެ ވަނަ މެޗުގައި 1-0 އިން ރާއްޖެ ބަލިކުރި އެވެ. އަދި، ސެމީ ފައިނަލުގައި 2-1 އިން ބޫޓާންގެ މައްޗަށް ކުރިހޯދި އެވެ.
އިންޑިއާ އިން މީގެ ކުރިން ނުވަ ފަހަރު ސާފް ޗެމްޕިއަންޝިޕް ހޯދިއިރު، އެއްވެސް އިރެއްގައި ޖެހިޖެހިގެން ތިން ފަހަރު ތަށި ހޯދިފައެއް ނުވެ އެވެ. މި ފަަހަރު އަނެއްކާ ވެސް އެ ޓީމަށް އެ ފުރުސަތު އެބައޮތެވެ. އިންޑިއާ އިން އެންމެ ފަހުން ދެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ޓީމާއި މި ފަހަރުގެ މުބާރާތުގެ ކުޅުންތެރިން ވަރަށް ތަފާތެވެ. އެހެން ނަމަވެސް، އިންޑިއާ އަށް ޖެހިޖެހިގެން ތިން ތަށި ހޯދުމަކީ، އެ ގައުމުގެ ފުޓްބޯޅަ އަށް ރަނގަޅު ކަމެއްގެ ގޮތުގައި ނައުޝާދު ދެކެ އެވެ.
"ކޮންމެ މެޗެއްގައި ވެސް ގިނަ ކަންތައްތަކެއް ދަސްވެއްޖެ. ކޮންމެ ފިޔަވަޅެއް ވެސް މި އެޅީ ކުރިއަށް، އެހެންވީމަ، ކާމިޔާބު ލިބިއްޖެނަަމަ، ވަރަށް ބޮޑު ފިލާވަޅެއް މިއީ،" އިންޑިއާގެ ނޫހަކަށް ނައުޝާދު ބުންޏެވެ.
"ކޮންމެ ހާލަތެއްގައި ވެސް އިންޑިއާ އަށް މުބާރާތެއްގައި ވާދަކުރުމުގެ ޗެލެންޖް ނެގިދާނެކަން މި މުބާރާތުން (ސާފް ޗެމްޕިއަންޝިޕުން) އެނގިއްޖެ،"
އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ، 1993، 1997، 1999، 2005، 2009، 2011، 2015، 2021 އަދި 2023 ވަނަ އަހަރު އެވެ. ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތް ބާއްވާއިރު، 14 މުބާރާތެއްގެ ފައިނަލުގައި އިންޑިއާ ކުޅުނެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި އިންޑިއާ ސްކޮޑުން، ނިއު ޒީލެންޑަށް ދިޔަ އިންޑިއާ ޓީމާ ގުުޅުނު ތިން ކުޅުންތެރިންނަށް، ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ނުކުޅެވޭނެ ކަމަށް ނައުޝާދު ވަނީ ބުނެފަ އެވެ. އަނެއްކޮޅުން، ގްރޫޕް ސްޓޭޖުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު ޕާކިސްތާން ޓީމަށް މިހާރު ވަނީ ފަސް ކުޅުންްތެރިން އިތުރުވެފަ އެވެ. އެއީ، ޔޫރަޕްގެ ޓީމުތަކަށް ކުޅޭ ޕާކިސްތާން ކުޅުންތެރިންނެވެ.
ނައުޝާދު ބުނީ، މިހާރު އެ އޮތީ މުޅިން ތަފާތު ޕާކިސްތާން ޓީމެއް ކަމަށާއި ވިސްނުން ގެންގުޅޭ ގޮތާއި ތައްޔާރުވާން ޖެހޭ ގޮތް ވެސް ތަފާތު ކަމަށެވެ.
"އެ މީހުންނަށް އިހުތިރާމް ކުރަން، ހަމަ އެ ގޮތަށް އަހަރެމެންނަށް އެނގޭ ކުރަން ޖެހެނީ ކޮންކަމެއް ކަން،" ނައުޝާދު ބުންޏެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިންޑިއާ އާއި ޕާކިސްތާން 30 މެޗު ކުޅެފައިވެ އެެވެ. އިންޑިއާ އިން 17 މެޗުން މޮޅުވިއިރު، ޕާކިސްތާނަށް މޮޅުވެވުނީ ހަތަރު މެޗުންނެވެ. އަދި، ނުވަ މެޗެއް ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.
މިއީ، ސާފް ޗެމްޕިއަންޝިޕްް ފައިނަލެއްގައި އިންޑިއާ އާއި ޕާކިސްތާންގެ ފުރަތަމަ މެޗެެވެ. އެކަމަކު، މީގެ ކުރިން ސާފްގެ އުމުރުފުރާ މުބާރާތްތަކުގެ ފައިނަލުގައި މި ދެ ޓީމު ވަނީ ކުޅެފަ އެވެ. އެ ގޮތުން، 2011 ވަނަ އަހަރުގެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި ޕާކިސްތާނުން 2-1 އިން އިންޑިއާ ބަލިކުރި އެވެ. އަދި، މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު ބޭއްވި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލުގައި އިންޑިއާ އިން ވަނީ 3-0 އިން ޕާކިސްތާން އަތުން މޮޅުވެފަ އެވެ.







