މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަަަލަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް މުހުލަތެއް ދީފައި އޮތީ މި އަހަރުގެ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ކުޅުމާ މެދު އެންމެ ފަހުގެ ގޮތެއް ނިންމުމަށެވެ. އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން މުބާރާތުގައި ކުޅެން ނިންމައި، 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި މަސައްކަތްކުރި ކޯޗު ނައުޝާދު މޫސާ އަަށް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ޓީމެއް ހަވާލުކުރަން ނިންމިިއިރު، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ މެޗުތައް ކުރިއަށްދާތީ ގިނަ ގޮންޖެހުންތަކެއް ހުއްޓެވެ. އަދި، އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން މެޗަށް ސީނިއާ ޓީމު ދާތީވެ، ނައުޝާދަށް ސާފްގެ ސްކޮޑެއް ނަގަން ވަރަށް ގިނަ ޗެލެންޖްތަކެއް ދިމާވި އެވެ.
އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕަށް ރަޖިސްޓްރީ ކުރި 28 ކުޅުންތެރިންގެ ސްކޮޑުގެ ތެރެއިން، ދެބައިކުޅަ އެއްބައި ވެސް ހަމަނުވެ، މުބާރާތަށް ކުރެވުނީ ތިން ވަރަކަށް ޕްރެކްޓިހެވެ. އެ 28 ކުޅުންތެރިންގެ ތެރެއިން، ތިން ކުޅުންތެރިއަކު ޕާކިސްތާނާ ކުޅޭ މެޗަށް ފަހު، އެނބުރި އެ ކުޅުންތެރިންގެ ކްލަބް، މުމްބައި ސިޓީ އަށް އަންނަ ގޮތަށް އޭއައިއެފްއެފްއާ އެކު އެއްބަސްވުމެއް އޮތްކަމެއް ނައުޝާދަށް އެނގުނީ ފުރަތަަމަ މެޗު ނިމުނު ފަހުންނެވެ. ފުރަތަމަ މެޗުގައި އިންޑިއާ އިން 3-2 އިން ޕާކިސްތާން ބަލިކުރި އެވެ.
ޕާކިސްތާން ބަލިކޮށް އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފްގެ ތަށި އުފުލާލައިފި
ޕާކިސްތާން 2-1 އިން ބަލިކޮށް، އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްފިއެވެ. މިއީ އިންޑިއާ އިން ޖެހިޖެހިގެން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. ފުރަތަމަ ހާފުގައި ޕާކިސްތާނުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގައި އިންޑިއާ އިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.
ފުރަތަމަ މެޗަށް ފަހު، ދެ ވަނަ މެޗުގައި ރާއްޖެއާ ކުޅެން އޮއްވައި، މުމްބައި ސިޓީގެ ތިން ކުޅުންތެރިންގެ އިތުރުން، އަދި ތިން ކުޅުންތެރިއަކު އިންޑިއާ އިން ނިއު ޒީލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗަށް ނެގި ސްކޮޑުގައި ހިމެނި އެވެ. އެކަން ވެސް ހިނގީ ނައުޝާދަށް މާ ބޮޑު އެންގުމަކާ ނުލަ އެވެ. އަނިޔާއާ ހެދި ވެސް ސްކޮޑުގައި ތިބި ދެ ކުޅުންތެރިއަކު ޓީމުން ވަކިވާން ޖެހުނެވެ.
އެހެންކަމުން، ގްރޫޕް ސްޓޭޖުގައި ރާއްޖެ އަތުން (1-0 އިން) މޮޅުވި މެޗާއި ސެމީ ފައިނަލުގައި ބޫޓާނާ އަތުން (2-1 އިން) ކާމިޔާބު ހޯދި މެޗާއި ރޭގެ ފައިނަލުގައި ޕާކިސްތާން އަތުން (2-1 އިން) އިން މޮޅުވި މެޗަށް، އިންޑިއާ ސްކޮޑުގައި ތިބީ 20 ކުޅުންތެރިންނެވެ. އެއީ، ތިން ގޯލްކީޕަރުން ވެސް ހިމަނައިގެންނެވެ.
"އަހަންނަށް މަޖުބޫރުވީ ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރަން (ސްކޮޑު އޮތްގޮތުން). އެ މީހުންނަށް އެނގޭ އަހަރެމެން ކޮން ސްޓައިލެއްގެ ފުޓްބޯޅަކަން ކުޅެން މި ޖެހެނީ،" އޭޝިއާގެ ކޮލިފައިންގައި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ގޮވައިގެން ވެސް ރަނގަޅު މަސައްކަތެއް ކުރި ނައުޝާދު ބުންޏެވެ.
"އަހަރެން ބުނަމުން އައީ އަމިއްލަ ނަފްސަށް އިތުބާރުކޮށް މަސައްކަތްކުރާށޭ، އޭރުން ހުއްޓުމެއް ނެތި ކުރިއަށްދެވޭނެއޭ،"
ނައުޝާދު ބުނީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޭނާ އަށް އޮތީ ކޮންމެ ހާލަތެއްގައި ވެސް ކުޅުންތެރިންނަށް އިތުބާރު ދީގެން މަސައްކަތް ކުރުމެވެ. އަދި، ގިނަ ކުޅުންތެރިންނަކީ 23 އަހަރުން ދަށުގެ ޓީމުގައި ނައުޝާދުއާ އެކު މަސައްކަތް ކުރި ކުޅުންތެރިން ކަމަށްވާތީވެ، އެއް ފަސޭހަ އޭނާ އަށް އޮތެވެ.
"އިންޑިއާ އިން ޒުވާން ކުޅުންތެރިންނަށް އިތުބާރު ކުރުން އިތުރުކުރަން ޖެހޭ. ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރަން އިތުރު ފައިސާ ވެސް ދެން ހަރަދުކުރާނެ ކަމަށް މި ބަލަނީ،" ހުރިހާ މެޗަކުން މޮޅުވެ، އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ނައުޝާދު ބުންޏެވެ.
ނައުޝާދު އަކީ 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދި އިންޑިއާ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ ބުނީ މި ފަހަރުގެ ކާމިޔާބީ ހާއްސަވަނީ، "މުޅި ގައުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން" ނުކުމެ ފަހުރުވެރި މަސައްކަތެއް ކުރެވުން ކަމަށެވެ.
މިއީ، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ޖެހިޖެހިގެން އުފުލާލި ތިން ވަނަ ފަަހަރެވެ. އަދި، އެކަން ހާސިލްމި ކުރީ ފުރަތަަމަ ފަހަރަށެވެ.
އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ، 1993، 1997، 1999، 2005، 2009، 2011، 2015، 2021 ، 2023 އަދި 2026 ވަނަ އަހަރު އެވެ. ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތް ބާއްވާއިރު، 14 މުބާރާތެއްގެ ފައިނަލުގައި އިންޑިއާ ކުޅުނެވެ.







