ފަހަތުން އަރައި 2-1 އިން ޕާކިސްތާން ބަލިކޮށް، އިންޑިއާ އިން 10 ވަނަ ފަހަރަށް ސާފް ޗެމްޕިއަަންޝިޕްގެ ތަށި އުފުލާލައިފި އެވެ.
އަނެއްކޮޅުން، މިއީ، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ޖެހިޖެހިގެން އުފުލާލި ތިން ވަނަ ފަަހަރެވެ. އަދި، އެކަން ހާސިލްމި ކުރީ ފުރަތަަމަ ފަހަރަށެވެ.
އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ، 1993، 1997، 1999، 2005، 2009، 2011، 2015، 2021 ، 2023 އަދި 2026 ވަނަ އަހަރު އެވެ. ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތް ބާއްވާއިރު، 14 މުބާރާތެއްގެ ފައިނަލުގައި އިންޑިއާ ކުޅުނެވެ.
ބަންގްލަދޭޝްގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ ފައިނަލް މެޗުގައި ޕާކިސްތާނުން ފަށައިގެން ރަނގަޅަށް ކުޅުނެވެ. އެ ގޮތުން، އެ ޓީމުގެ މެކްކީލް އަބްދުﷲ ޖެހި ރަނގަޅު ހަމަލާއެއް އިންޑިއާގެ ކީޕަރު، އާޝް އަންވަރު ޝެއިހް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، އިންޑިއާގެ ބްރިސަން ފެނާންޑޭސް ޖެހި ބާރު ބޯޅައެއް ޕާކިސްްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފަ އެެވެ.
ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ޕާކިސްތާނުން ލީޑުނެގީ އަލަމްގީރު އަލީ ގާޒީ ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާ އިން 3-2 އިން ޕާކިސްތާން ބަލިިކުރި މެޗުގައި އިތުރު ވަގުތުގެ ތެރޭގައި ޕާކިސްތާންގެ ދެ ވަނަ ގޯލު ޖެހީ އަލަމްގީރު އެެވެ.
ސާފްގެ ފައިނަލުގައި މުޅިން އަލަށް ކުޅުނު ޕާކިސްތާނުން ފުރަތަމަ ހާފުގައި ލީޑުގައި އޮވެ ނިންމާލި ނަމަވެސް ދެ ވަނަ ހާފުގައި އިންޑިއާގެ އެނބުރި އައުން ފެނުނީ ވަރުގަދަކޮށެވެ. ޕާކިސްތާނަށް މައްސަލަ ދިމާވީ، އެ ޓީމުގެ ޖުނައިދު ޝާހު ކުރި ފައުަލަކަށް ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.
ޕާކިސްތާނުން ކުޅުންތެރިއަކު މަދުވިތާ ދެ މިނިޓް ފަހުން، އިންޑިއާ އިން ލަނޑު ޖަހައި އެއްވަރުކުރި އެވެ. މެޗުގެ 60 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުުނު ބޯޅައެއް އިންޑިއާގެ ފޯވާޑް ސުހައިލް އަހުމަދު ބަޓް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ، މި މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ގޯލެވެ.
އިންޑިއާ އިން މެޗުގެ ކޮންޓްރޯލް ހޯދައިގެން، ލިބިފައި އޮތް އެޑްވާންޓޭޖުގެ ބޭނުންކުރަމުންދިއުމުގެ ނަތީޖާ ފެނުނީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓަ އެވެ. އިންޑިއާ އަށް ޗެމްޕިއަންކަން ހޯދައިދިން ލަނޑު ޖެހީ ކޯނަރެއްގައި ތަނަވަސްވި ފުރުސަތަކުން، ސަންދީޕް މަންޑީ އެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު ބަޓް އަތުގައި ޖެހިފަ އެވެ.
މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ އިން ވަކިވެދާނެ ކަމުގެ އަޑުފެތުރުނު ނަމަވެސް މަދު ތައްޔާރީތަކަކާ އެކު، ދެ ވަނަ ފަންތީގެ ޓީމެއް އެކި ގޮންޖެހުންތަކާ އެކު އެކުލަވާލައިގެން ވެސް ބަންގްލަދޭޝަށް ފޮނުވައި، އެ ޓީމުން މި ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 10 ވަނަ ފަހަރަށް ތަށި އުފުލާލައިފަ އެވެ.






