ފީފާ އެކުވެރިކަމުގެ މެޗެއްގައި ނިއު ޒީލެންޑުން މިއަދު 5-0 އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިކޮށްފި އެވެ.
އިންޑިއާ އާއި ނިއު ޒީލެންޑުގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުން ބަދަހިކުރިތާ 100 އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ފީފާ ބްރޭކެއްގެ ތެރޭގައި އިންޑިއާ އާއި ނިއު ޒީލެންޑުން ދެ މެޗެއް ކުޅެން ނިންމި އެވެ. އޭގެ ފުރަތަމަ މެޗުން އިންޑިއާ ބޮޑު ތަފާތަކުން ވަނީ ނިއު ޒީލެންޑް އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗު އޮތީ ތިން ދުވަސް ފަހުންނެވެ.
އޯކްލޭންޑްގެ ގޯ މީޑިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ނިއު ޒީލެންޑުން ފަސް ވަނަ މިނިޓްގައި ލީޑުނެގީ އިންޑިއާގެ ޑިފެންޑަރު ބިޖޯއި ވާގީސް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއު ޒީލެންޑުން އިތުރު ދެ ލަނޑު ޖެހިއިރު، މި ދެ ގޯލު ވެސް ޖެހީ ޖެސީ ރަންޑަލް އެވެ.
މެޗުގެ 57 ވަނަ މިނިޓްގައި ނޮޓިންހަމް ފޮރެސްޓްގެ ފޯވާޑް، ކްރިސް ވުޑް ވަނީ ނިއު ޒީލެންޑުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި، މެޗުގެ 74 ވަނަ މިނިޓްގައި ނިއު ޒީލެންޑުގެ ފަހު ލަނޑު ޖެހީ ލަޗްލަން ބޭލިސް އެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ބޭއްވި ފީފާ ވޯލްްޑް ކަޕްގައި ވެސް ކުޅުނު ނިއު ޒީލެންޑާ ދެކޮޅަށް މީގެ ކުރިން އިންޑިއާ އިން ދެ ފަަހަރެއްގެ މަތިން ނުކުމެފައިވެ އެވެ. ފުރަަތަމަ މެޗު ކުޅުނީ، 1981 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި މެރްޑޭކާ މުބާރާތުގަ އެވެ. އެ މެޗު ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަދި، 2018 ވަނަ އަހަރު މުމްބާއިގައި ކުޅުނު އިންޓަކޮންޓިނެންޝިއަލް ކަޕްގައި، އިންޑިއާ އަތުން 2-1 އިން ނިއު ޒީލެންޑް މޮޅުވި އެވެ.
ނިއު ޒީލެންޑާ ދެކޮޅަށް ކުޅެން އޮތް ދެ މެޗަށް އިންޑިއާގެ ސީނިއާ ޓީމުގެ ކުޅުންތެރިން ފޮނުވުމަށްޓަކައި، މިހާރު ބަންގްލަދޭޝްގައި ކުޅޭ ޓެކްނޯ ސާފް ޗެމްޕިއަންޝޕް 2026 އަށް އިންޑިއާ އިން ފޮނުވީ ދެ ވަނަ ފަންތީގެ ޓީމެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަަމަ މެޗުގައި ޕާކިސްތާން އަތުން 3-2 އިން އިންޑިއާ މޮޅުވި މެޗަށް ފަހު، އެ ޓީމުގެ ސްކޮޑުގައި ހިމެނުނު ތިން ކުޅުންތެރިއަކު ނިއު ޒީލެންޑް މެޗު ކުޅެން އެ ސްކޮޑާ ގުޅުނެވެ.
މީގެ އިތުރުން، ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި ހިމެނޭ އިތުރު ކުޅުންތެރިންތަކެއް އެނބުރި ކްލަބަށް ދާން ޖެހުމާއި ބައެއް އަނިޔާގެ މައްސަލަތަކާ ހެދި، އިންޑިއާ އިން މިހާރު ސާފް ޗެމްޕިއަންޝިޕްގައި ގެންގުޅޭ ސްކޮޑުގައި ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނު ކުޅުންތެރިން ވެސް ހިމެނެ އެވެ. އިންޑިއާ އިން ވަނީ ގްރޫޕް ސްޓޭޖުގެ ދެ ވަަނަ މެޗުގައި 1-0 އިން ރާއްޖެ ބަލިކޮށް ސެމީ ފައިނަލަށް ދަތުުރުކޮށްފަ އެވެ. ސެމީ ފައިނަލުގައި ކުޅޭނީ ބޫޓާންއާ އެވެ.

އެންމެ ފަހުން އޮތް އިންޓަނޭޝަނަލް ބްރޭކުގައި އިންޑިއާ އިން ވަނީ ބްރެޒިލް، އުރުގުއޭ އަދި ޕެނަމާއާ ކުޅެފަަ އެވެ. ޕެނަމާއާ 1-1 އިން އެއްވަރުވިއިރު، ބްރެޒިލް އަތުން 4-0 އިން ބަލިވީ އެވެ. އަދި، އުރުގުއޭ އަތުން 6-1 އިން ބަލިވި އެވެ. މި މެޗުތައް ކުޅެން އިންޑިއާ އިން މި ގައުމުތަކަށް ދޭން އެއްބަސްވި ފައިސާގެ ކަންކަން އަދި ނިންމާފައިނުވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެ ފައިސާގެ ޖުމްލަ އަދަދު 5 މިލިއަން ޑޮލަރަށް ވުރެން އިތުރު ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.







