އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަލީ ޒާހިރު އާއި، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝެއިޚް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
މި ދެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވިކަން ހާމަކުރެއްވީ 'އެކްސް' ގައި ކުރެއްވި ވަކިވަކި ޕޯސްޓުތަކެއްގަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ވެސް ކުރެއްވި އަލީ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އަދާލަތު ޕާޓީން ބަލައިގަނެވޭނެ ފަދަ އުޒުރެއް ނެތް ނިންމުމެއް އިއުލާނުކުރި ހިސާބުން ފެށިގެން އޭނާ ވަނީ ޕާޓީއާ ދުރުވެވަޑައިގެންފައި ކަމަށެވެ.
"އެއީ އަޅުގަނޑު ގުޅުނު ހަމައެކަނި ސިޔާސީ ޕާޓީ. އަދި އުނދަގުލާއި ފަސޭހަ ވަގުތުތަކުގައި ވެސް ވަފާތެރިކަމާއެކު ދެމިހުރިން. ޕާޓީ ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫން. ނަމަވެސް ސިޔާސީ ވަފާތެރިކަމަށްވުރެ އަބަދުވެސް އިސްވާންޖެހޭނީ އުސޫލުތަކާއި ގަބޫލުކުރާ ހަމަތައް،" އަލީ ޒާހިރު ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ އަދި ޕާޓީން ވަކިވެވަޑައިގަތުމާ ހަމައަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝެއިޚް ހަސަން ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުންނާއި ޕާޓީގެ އެތެރޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމާ މެދު ނިހާޔަތަށް ކަންބޮޑުވާތީ ރޭގެ ވަގުތެއްގައި ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
މި ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ، އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރަށް ބިމެއް ވިއްކާލުމާ ދެކޮޅަށް އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މި ސަރުކާރާ ވަގުތުން ގުޅުމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމައި، އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އަދި ސަރުކާރާއެކު އެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ޕާޓީގެ މި ނިންމުމާ ގުޅިގެން އަދާލަތު ޕާޓީގެ އެއް މުއައްސިސް ކަމަށްވާ ޝައިޚް ހުސައިން ރަޝީދު އަހުމަދު ވެސް ވަނީ ޕާޓީގެ ލީޑަރުޝިޕަށް ފާޑުވިދާޅުވެ، އާންމު މެންބަރުން ޕާޓީން ވަކިވުމަށް ގޮވާލައްވާފަ އެވެ.







