ސަރުކާރުން ބާއްވާ ރަސްމީ ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތަރުތީބުކުރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި އުސޫލަށް ބަދަލުގެނެސް، ކެބިނެޓް ވަޒީރުންގެ މެދަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވަނީ، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމުކުރާ އެކިއެކި ކަންކަމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ލަގަބާއި ޝަރަފު އަރުވާފައިވާ ބޭފުޅުންގެ ތަރުތީބު އަލުން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
މި އާ ތަރުތީބުގައިވާ ގޮތުން، ޕްރޮޓޮކޯލް ލިސްޓުގެ ފަސްވަނައިގައި ހިމެނޭ ކެބިނެޓް ވަޒީރުންގެ ތެރޭގައި، ބަންޑާރަނައިބާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ފަހަތަށް އަދި އިސްލާމިކް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު ފަދަ ކެބިނެޓްގެ އެހެން ވަޒީރުންގެ ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވަނީ ހިމަނާފައެވެ.
މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެނީ ކެބިނެޓް ވަޒީރުންނާއި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ކުރީގެ ރައީސުން އަދި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނަށް ވުރެވެސް ފަހަތުގަ އެވެ.
އާ ދެންނެވުމުގައިވެސް މަޖިލީހުގެ އެހެން މެންބަރުން 11 ވަނައިގައި އޮތް ނަމަވެސް، މެޖޯރިޓީ ލީޑަރުގެ މަގާމު ވަނީ ކެބިނެޓްގެ އެތެރެއަށް، ފަސްވަނަ ދަރަޖައަށް އުފުލާފަ އެވެ. މިއަދު ނެރުނު މި ދެންނެވުމާއެކު، 19 މޭ 2015 ގައި ނެރުނު ނަންބަރު 11/2015 ދެންނެވުން ވަނީ ބާތިލުކޮށްފައެވެ.
އާ ތަރުތީބުގެ އެންމެ އިސް ފަސް ދަރަޖަ:
- ރައީސުލްޖުމްހޫރިއްޔާ
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
- ކެބިނެޓް ވަޒީރުން (މި ބައިގެ ތެރޭގައި ބައެއް ވަޒީރުންނަށް ފަހު، ބަންޑާރަނައިބާއި މަޖިލީހުގެ ނައިބު ރައީސާ ވިދިގެން މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިމެނޭ ގޮތަށް، އެހެން ވަޒީރުންގެ ކުރިއަށް)
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ނަމަ، އެ ޖަލްސާއެއް އިންތިޒާމުކުރާ މުއައްސަސާއެއްގެ އެންމެ އިސްވެރިޔާ ރައީސްގެ ކަނާތްޕުޅު ފަރާތުގައި އިންނަވާ ގޮތަށާއި، އެއް މަގާމަށް ވުރެ ގިނަ ހައިސިއްޔަތު އޮންނަ ބޭފުޅެއް ނަމަ ލިސްޓުގައި ހިމެނޭ އެންމެ އިސް މަގާމަކަށް އިސްކަންދިނުމަށްވެސް މި ދެންނެވުމުގައި ވަނީ ކަނޑައަޅާފަ އެވެ.







