ތިން ދިވެހިން އިސްނަގައިގެން އުފައްދާފައިވާ ޑީޕް-ޓެކް އޭއައި އިންފްރާސްޓްރަކްޗާ ކުންފުނި، ސިނެޓެކްސް އިންކް އިން، ފިންލޭންޑްގެ ހެލްސިންކީގައި ބާއްވާ ބައިނަލްއަގުވާމީ ޓެކް ކޮންފަރެންސް "ސްލަޝް 2026" ގެ ކުރިން އެ ކުންފުނީގެ ކޯޕަރޭޓް ވެބްސައިޓް އަލުން ފަރުމާކޮށްފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލުގެ މައިގަނޑު މަގުސަދަކީ، ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށާއި ސައިބަރ ސެކިއުރިޓީއަށް ހާއްސަ އޭއައި މޮޑެލްތައް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ސިނެޓެކްސް ދުނިޔޭގެ ބާޒާރަށް ތަމްސީލުކުރުމެވެ.
ދުނިޔޭގައި 7،000 އަށް ވުރެ ގިނަ ބަހުން ވާހަކަދައްކާއިރު، އިތުބާރު ހުރި އޭއައި ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ ވަރަށް އޮންލައިން ޑޭޓާ ނެތް ބަސްތަކުން ވާހަކަ ދައްކާ 3.4 ބިލިއަނެއްހާ މީހުން ދުނިޔޭގައި އުޅޭ ކަމަށް ސިނެޓެކްސް އިން އަންދާޒާކުރެއެވެ.
ދިވެހިބަހުން ފެށި މި މަސައްކަތުގައި، ސިނެޓެކްސް އިން ވަނީ އަޑު ދެނެގަތުމާއި، ލިޔުން އަޑަށް ބަދަލުކުރުމާއި، ތަރުޖަމާކުރުމުގެ އިތުރުން ސްކޭންކޮށްފައިވާ ލިޔުންތައް ކިޔައިދޭ މޮޑެލްތައް ތަރައްގީކޮށްފަ އެވެ. އަދި ޑޭޓާ މަދު ބަސްތަކަށް އޭއައި މޮޑެލްތައް އުފެއްދުން ހަލުވިކުރުމަށް، ޑޭޓާ ސާފުކޮށް ޓްރެއިނިން ޕައިޕްލައިން އޮޓޮމޭޓް ކުރާ އަމިއްލަ ޓޫލްތަކެއް ވެސް އެ ކުންފުނިން ވަނީ އުފައްދާފަ އެވެ.
މިދިޔަ އޮގަސްޓް މަހު އާންމުކުރި 'ތާނަ އޭއައި' ގެ ހިދުމަތް ކޯޕަރޭޓް އަގަށް ވުރެ 95 ޕަސެންޓު ހެޔޮކޮށް ފޯރުކޮށްދެމުންދާއިރު، ސްމާޓްފޯނުތަކަށް ހާއްސަ މޯބައިލް އެޕެއް ލޯންޗުކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.
މި ޓެކްނޮލޮޖީގެ މިލްކުވެރިކަން ސިނެޓެކްސް އިންކް އަށް އޮންނައިރު، ރާއްޖޭގައި ތާނަ އޭއައި ފޯރުކޮށްދެނީ ތާނަ އޭއައި ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށެވެ.
ސިނެޓެކްސްގެ ކޯ-ފައުންޑަރ އަދި ސީއީއޯ އިސްމާއީލް ކަލީމް ވިދާޅުވި ގޮތުގައި، އެ ކުންފުންޏަށް ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ އުފެއްދުންތައް ބެލުމުގެ ކުރިން ކުންފުނި ނިސްބަތްވާ ގައުމުގެ ކުޑަކަމަށް ބަލައި މީހުން ގޮތް ނިންމުމެވެ.
"ދިވެހިބަހަކީ ޑިޖިޓަލް ފިޔަވަޅުތައް މަދު، ލިބެންހުރި ޑޭޓާ އިންތިހާއަށް މަދު ބަހެއް. މިއަށް އޭއައި ބިނާކުރުމަކީ ވަރަށް އުނދަގޫވި ކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިވަންތަކަން ހިފަހައްޓަމުން، މިފަދަ ދަތިތަކާ ކުރިމަތިލާ އެހެން މުޖުތަމަޢުތަކަށް ވެސް ތާނަ އޭއައި ފޯރުކޮށްދޭން،" އިސްމާއީލް ވިދާޅުވިއެވެ.
އަކީމާ އޭއައި: 50 އަށް ވުރެ ގިނަ ބަހުން ހިދުމަތްދޭ ކަސްޓަމަރ ސަޕޯޓް އޭޖެންޓް
ޖެނެރޭޓިވް އޭއައި އަށް ފަހު އެޖެންޓިކް އޭއައިގެ ދާއިރާއަށް މިސްރާބު ޖަހަމުން، ސިނެޓެކްސް އިން މި މަހުގެ ފަހުކޮޅު "އަކީމާ އޭއައި" ރާއްޖެއާއި ދުނިޔޭގެ ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. ކުންފުނިތަކުގެ އަމިއްލަ ލިޔެކިޔުންތަކުން ދަސްކޮށްގެން، ވެބްސައިޓް ޗެޓާއި ފޯނު މެދުވެރިކޮށް 50 އަށް ވުރެ ގިނަ ބަހުން ކަސްޓަމަރުންނަށް ޖަވާބުދޭ މި އޭއައި އޭޖެންޓް، އިންސާނެއްގެ ވިސްނުން ބޭނުންވާ ސުވާލެއް ކުރިމަތިވެއްޖެ ނަމަ އެކަން ސްޓާފުންނާ ހަވާލުކުރާނެ އެވެ. މި އުފެއްދުން ބާޒާރަށް ނެރުމަށްޓަކައި ޗެނަލް ޕާޓްނަރ ނެޓްވޯކެއް ބިނާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޕީޖީ އޮފީހުގައި 'ވޯރޑެން' ގާއިމުކުރުމުގެ މަސައްކަތް
ސައިބަރ ސެކިއުރިޓީއާއި އޭއައި ގަވަރނަންސްގެ ދާއިރާއިން ސިނެޓެކްސް އިން ތަރައްގީކޮށްފައިވާ އެންޓަޕްރައިޒް ކޮންޓްރޯލް ޕްލޭން، "ވޯރޑެން" މިހާރު ދަނީ ޕީޖީއޯ 2.0 ގެ ދަށުން ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި ޤާއިމުކުރަމުންނެވެ.
ތާނަ އޭއައި ޕްރައިވެޓް ލިމިޓެޑާ ކޮންޓްރެކްޓް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ދައުވާކުރުމުގެ މަރުހަލާތަކުގައި އޭއައި ބޭނުންކުރެވޭ ގޮތް ބެލެހެއްޓޭނެ އެވެ.
ވޯރޑެން ފަރުމާކޮށްފައިވަނީ ޕްރޮމްޕްޓް އިންޖެކްޝަން ފަދަ ނުރައްކާތައް ދެނެގަތުމަށާއި، ނާޒުކު ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ އިތުރުން، ހުއްދަދެވިފައިވާ ދާއިރާއިން ބޭރުން އޭއައި ޓޫލްތައް ބޭނުންކުރުން ހުއްޓުވައި، އޭއައިގެ ނިންމުންތައް އޮޑިޓްކުރެވޭނެހެން ރެކޯޑުކޮށް ބެލެހެއްޓުމަށެވެ. އަންނަ އަހަރުގެ އެޕްރީލް މަހު ރަސްމީކޮށް ލޯންޗުކުރަން ތާވަލުކޮށްފައިވާ ވޯރޑެން، އާލީ އެކްސެސް މެދުވެރިކޮށް މިހާރު ލިބެން އެބަހުއްޓެވެ.

ސްލަޝް 2026 ގައި ބައިވެރިވުން
މި މަހުގެ 18 އިން 19 އަށް ފިންލޭންޑްގެ ހެލްސިންކީގައި އޮންނަ ސްލަޝް 2026 ގައި އެމެރިކާގެ ޑެލަވެއަރގައި ރަޖިސްޓްރީކޮށްފައިވާ ސިނެޓެކްސްގެ ތިން މުއައްސިސުން ކަމަށްވާ އިސްމާއީލް ކަލީމް، މުހައްމަދު ދާރިސް އިލްޔާސް އަދި މުހައްމަދު ޖިނާސް ބައިވެރިވާނެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ވެންޗަރ ކެޕިޓަލް ފާމްތަކާއި އެތައް ހާސް ފައުންޑަރުންނެއް ބައިވެރިވާ މި އިވެންޓުގައި، އިންވެސްޓަރުންނާއި ޕާޓްނަރުންނާ ބައްދަލުކޮށް ކުންފުނި ދުނިޔޭގެ ފެންވަރުގައި ފުޅާކުރުމަށް ވަނީ ރާވާފަ އެވެ.
މީގެ ކުރިން މި އަހަރުގެ އެޕްރީލް މަހު، އެމެރިކާގެ ސިލިކަން ވެލީގައި ބޭއްވި ސްޓާޓްއަޕް ގްރައިންޑް ކޮންފަރެންސްގައި ވެސް ސިނެޓެކްސް އިން ވަނީ ބައިވެރިވެ އެގްޒިބިޓްކޮށްފަ އެވެ.




