އުތުރު ކޮރެއާގެ ސަރުކާރުގެ މަދަދު ލިބޭ ހެކަރުން، އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާ ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާ، އެފްބީއައި އިން ހާމަކޮށްފި އެވެ.
އެފްބީއައި އިން ފޭސްސްޓީލާގެ ނަމުން ނަންދީފައިވާ މި ހީލަތްތެރި ރޭވުމުގެ ޝިކާރައަކަށް ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި 900 އަށްވުރެ ގިނަ މީހުން ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެފްބީއައިގެ ސައިބާ ޑިރެކްޓަރު ބްރެޓް ލެދާމަން ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާގެ ސަރުކާރުން އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ފައިސާ ހޯދަނީ މިފަދަ ބޮޑެތި ކްރިޕްޓޯ ވައްކަންތަކުންނެވެ. ފާއިތުވި އަހަރުތަކުގައި އެ ގައުމުން ބިލިއަނުން ޑޮލަރު މިގޮތަށް ވަގަށް ނަގާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ވާހަކަ ފެންމަތިވެފައި މިވަނީ، ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް ބައިނޭންސް އިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމަށް ހެކަރުން ވަގު ވަޒީފާގެ އިންޓަވިއުތަކެއް ބޭނުންކުރިކަން ހާމަވިތާ ހަފުތާއެއް ފަހުންނެވެ. ބައިނޭންސް އަށް ދިން އެ ހަމަލާއަކީ މިހާތަނަށް ހިންގި އެންމެ ބޮޑު ކްރިޕްޓޯ ވައްކަން ކަމަށް ބެލެވޭއިރު، އެމެރިކާގެ އިދާރާތަކުން އެކަންވެސް ތުހުމަތު ކުރަނީ އުތުރު ކޮރެއާ އަށެވެ. ނަމަވެސް އެ ގައުމުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ފޭސްސްޓީލާ ހަމަލާތައް ބޮޑަށް އަމާޒުކުރަނީ ކްރިޕްޓޯކަރަންސީ އަދި ވެބް3 ދާއިރާގައި މަސައްކަތްކުރާ މީހުންނަށެވެ. ހާއްސަކޮށް އޯޕަން ސޯސް ސޮފްޓްވެއާ އުފައްދާ ފަރާތްތަކަށް މި ހަމަލާތައް އަމާޒުކުރެ އެވެ. މި ހެކަރުން އާންމުކޮށް ބޭނުންކުރަނީ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްގެން ނުވަތަ ފޭކް އެކައުންޓްތައް ހަދައިގެން، ޒޫމް ނުވަތަ ގޫގުލް މީޓް ފަދަ ޕްލެޓްފޯމްތަކުގެ ނަކަލުތަކެއް މެދުވެރިކޮށް ވީޑިއޯ ކޯލްތަކަށް ދައުވަތު ދިނުމަށެވެ.
މި ކޯލްތަކުގެ ތެރޭގައި ހެކަރުން ބޭނުންކުރަނީ ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯތަކެކެވެ. އެއީ ޝިކާރައަކަށްވާ މީހާ ދަންނަ މީހެއްގެ ވީޑިއޯއަކަށް ވާތީ، އެއީ އަސްލު ކޯލެއް ކަމަށް ގަބޫލުކުރެވެ އެވެ. ނަމަވެސް ކޯލްގެ ތެރެއިން އޯޑިއޯ މައްސަލައެއް އުޅޭކަމަށް ދައްކައި، އެކަން ރަނގަޅުކުރުމަށް ލިންކަކަށް ފިތާލުމަށް ސްކްރީނަށް މެސެޖެއް ފޮނުވަ އެވެ. އެ ލިންކަށް ފިތާލުމާއެކު ފޯނަށް ނުވަތަ ކޮމްޕިއުޓަރަށް ވައިރަހެއް ފޮނުވާލައި، އެ މީހެއްގެ އެޕްތަކާއި މައުލޫމާތުތައް ހެކަރުންގެ އަތްދަށަށް ގެންދެ އެވެ.
މީގެ އިތުރުން، ހެކަރުން މި ކޯލްތައް ސިއްރުން ރެކޯޑްކޮށް، އެ ރެކޯޑިންގްތައް ބޭނުންކޮށްގެން އާ މީހުންނަށް އޮޅުވާލުމުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެފްބީއައި އިން ސިފަކުރާ ގޮތުގައި މިއީ އިންތިހާއަށް ކާމިޔާބުކަމާއެކު ހިންގާ ރޭވުމެކެވެ. މިއީ ޓެކްނޮލޮޖީގެ ދާއިރާގައި ތަޖުރިބާކާރު މީހުންނަށްވެސް އޮޅުވާލެވޭ ފަދަ ނުރައްކާތެރި އުކުޅެކެވެ.
އެފްބީއައިގެ ލޮސް އެންޖެލިސް އޮފީހުގެ އެސިސްޓަންޓް ޑިރެކްޓަރު ޕެޓްރިކް ގްރޭންޑީ ވިދާޅުވީ، މި ހަމަލާތަކުގައި ބޭނުންކުރަނީ އާންމުކޮށް ބޭނުންކުރާ ވީޑިއޯ ކޯލް ޕްލެޓްފޯމްތަކާއި މީހުންގެ މެދުގައި އޮންނަ އިތުބާރު ކަމަށެވެ. އަދި މިފަދަ ކަމެއްގެ ޝިކާރައަކަށް ތިމާ ނުވާނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީއެއް ކަމަށާއި، ކޮންމެ މީހަކުވެސް މިކަމަށް ސަމާލުވާންޖެހޭ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. އެމެރިކާގެ އިދާރާތަކުން މިހާރު ދަނީ މި ނެޓްވޯކްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.







