ދަތުރުފަތުރުގެ ދާއިރާގައި މިހާރު ކުރިމަތިވަމުންދާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއްގަމު މަގުން ދިއުމަށް މާ ދުރު، ނަމަވެސް ވައިގެ މަގުން ދިއުމަށް މާ ކައިރި ސަރަހައްދުތަކަށް ދަތުރުކުރުމެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެމެރިކާގެ ވަރޖިނިއާގެ ކުންފުންޏެއް ކަމަށްވާ އިލެކްޓްރާއިން ދަނީ އާދަޔާ ހިލާފު މަތިންދާ ބޯޓެއް އުފައްދަމުންނެވެ. މި ބޯޓު އުދުއްސާލުމަށާއި ޖެއްސުމަށް ބޭނުންވަނީ އެންމެ 150 ފޫޓުގެ ކުޑަ ސަރަހައްދެކެވެ. މިއީ ބޮޑެތި ރަންވޭތަކާއި އެއާޕޯޓުތަކަށް ބަރޯސާނުވެ، ސީދާ އެއް މަންޒިލުން އަނެއް މަންޒިލަށް ދަތުރުކުރުމުގެ އާ ފުރުސަތުތަކެއް ހުޅުވައިދޭނެ އީޖާދެކެވެ.
އިލެކްޓްރާގެ ސީއީއޯ މާކް އެލަން ވިދާޅުވާ ގޮތުގައި، މިހާރުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަކީ ބައްރުތައް ގުޅުވައިދިނުމަށް ވަރަށް ފުރިހަމަ ނިޒާމެއް ނަމަވެސް، ކައިރި ސަރަހައްދުތަކުގެ މެދުގައި ކުރާ ދަތުރުތަކަށް މިއީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫނެވެ.
އީއެލް9 އަލްޓްރާ ޝޯޓްގެ ނަމުން ނަންދެވިފައިވާ މި ހައިބްރިޑް-އިލެކްޓްރިކް ބޯޓަކީ ނުވަ ފަސިންޖަރުންނާއެކު ނުވަތަ 3000 ފައުންޑްގެ މުދަލާއެކު 380 މޭލުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. މިއީ މިހާރު އުފައްދަމުންދާ އިލެކްޓްރިކް ވާޓިކަލް ޓޭކް-އޮފް (އީވީޓީއޯއެލް) ބޯޓުތަކަށްވުރެ މާ ދުރަށް ދަތުރުކުރެވޭނެ އުޅަނދެކެވެ.
މި ބޯޓުގެ އެންމެ ހާއްސަ ސިފައަކީ އޭގެ ފިޔަގަނޑުގެ މަތީގައި ހަރުކުރެވިފައިވާ އަށް އިލެކްޓްރިކް މޮޓަރުތަކެވެ. މި މޮޓަރުތަކުގެ އެހީގައި މަޑު ދުވެއްޔެއްގައިވެސް ބޯޓު މައްޗަށް އުފުލުމުގެ ބާރު ލިބިދެ އެވެ. ބޯޓު އުދުއްސާލާއިރު އޭގެ އަޑު ހުންނަނީ ގޭގޭގައި ބޭނުންކުރާ ވެކިއުމް ކްލީނަރެއްގެ އަޑާ އެއްވަރަށެވެ. މީގެ އިތުރުން، މި ބޯޓަކީ ހައިބްރިޑް ބޯޓަކަށްވުމުން، ދަތުރުމަތީގައި އޭގެ ބެޓެރިތައް ޗާޖުކުރެވެއެވެ. މީގެ ސަބަބުން ހެލިކޮޕްޓަރުތަކާ އަޅާބަލާއިރު ހިންގުމުގެ ހަރަދު 70 ޕަސެންޓު ކުޑަވެގެންދެއެވެ.
އިލެކްޓްރާއިން ގަބޫލުކުރާ ގޮތުގައި މި ބޯޓުގެ ސަބަބުން "ޑައިރެކްޓް އޭވިއޭޝަން" ނުވަތަ ސީދާ ވައިގެ ދަތުރުފަތުރުގެ އާ ނިޒާމެއް ގާއިމުވެގެންދާނެއެވެ. މިސާލަކަށް، ވޮޝިންޓަންގެ ޕާކިން ލޮޓަކުން ފުރައިގެން ނިއުޔޯކުގެ ހެލިޕޭޑަކަށް ދިއުމަށް ހޭދަވާނީ އެންމެ ގަޑިއިރާއި 45 މިނެޓެވެ. މިއީ ކާރުގައި ނުވަތަ އާދައިގެ މަތިންދާބޯޓެއްގައި ކުރާ ދަތުރަށްވުރެ ދެގުނަ އަވަސް ވަގުތެކެވެ. މި ބޯޓު ޖެއްސުމަށް ބޭނުންވަނީ އެންމެ 150 ފޫޓު ކަމަށްވުމުން، ހެލިޕޭޑްތަކާއި، ހުސްބިންތަކާއި، އަދި ޕާކިން ލޮޓްތައްވެސް ރަންވޭއެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
މި އާ އީޖާދަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މިހާތަނަށް 60 އަށްވުރެ ގިނަ އެއާލައިން އޮޕަރޭޓަރުންގެ ފަރާތުން 2200 އަށްވުރެ ގިނަ ބޯޓަށް އޯޑަރު ލިބިފައިވާ ކަމަށް އިލެކްޓްރާއިން ބުނެ އެވެ. މީގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ އެކި ގޮފިތައްވެސް ހިމެނެއެވެ. އަސްކަރީ ބޭނުންތަކުގައި މި ބޯޓަކީ ހަމައެކަނި އުޅަނދެއްގެ އިތުރުން، ބިމުގައި އޮންނައިރު ކަރަންޓު އުފައްދައިދޭ ޖަނަރޭޓަރެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެ އެއްޗެކެވެ.
އިލެކްޓްރާގެ އަމާޒަކީ 2030 ވަނަ އަހަރު މި ބޯޓުގެ ވިޔަފާރި ދަތުރުތައް ރަސްމީކޮށް ފެށުމެވެ. އޭގެ ކުރިން 2027 ވަނަ އަހަރު ނޯވޭގައި މި ބޯޓުގެ ޓެސްޓު ދަތުރުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. މި ބޯޓުގެ އަގަކީ ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ އާންމު ފަރުދުން އަމިއްލަ ބޭނުމަށް ގަތުމަށް އަދި އަގުބޮޑު އެއްޗެއް ނަމަވެސް، ސަރަހައްދީ ދަތުރުފަތުރުގެ ނިޒާމަށް މި ބޯޓުގެ ސަބަބުން އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ.







