އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގެ މަސައްކަތް، މި މަހުގެ 19 ގެ ކުރިން ނިންމުމަށް ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓުގެ މަސައްކަތް ކުރުމަށް ކަނޑައެޅި ތާވަލުގެ ދަށުން، ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރަނީ އަންނަ ހަފުތާގެ އާދިއްތައިގައި އެވެ. ނަމަވެސް ބަޖެޓަށް ލަފާ ހޯދަން ގާނޫނުން ލާޒިމުކޮށްފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓާ ޖެނެރަލް އޮފީހާ ބައްދަލުކުރާ ދުވަހެއް ސާފެއް ނުވި އެވެ.
އެހެން އަހަރުތަކާ ހިލާފަށް، ކޮމިޓީން ވަނީ ހުރިހާ މިނިވަން މުއައްސަސާތަކާ ބައްދަލުނުކުރަން ނިންމާފަ އެވެ. ކޮމިޓީގައި ތިބި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ފުރަތަމަ ހުށަހެޅީ ހަމައެކަނި ލިޔުމުން ކަންބޮޑުވުންތައް އޮޅުން ފިލުވާށެވެ.
ނަމަވެސް މި ކަމަށް އެމްޑީޕީގެ މެންބަރުން އިއުތިރާޒުކޮށް، ބޭނުންވާ ހުރިހާ މުއައްސަސާއަކަށް އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުންޏެވެ. ފަހުން ޕީއެންސީގެ މެންބަރުން ވެސް ވަނީ މި ގޮތަށް ރުހި، ބޭނުންވާ މުއައްސަސާތަކަށް އެ ފުރުސަތު ދޭ ގޮތަށް ފާސްކޮށްފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، އަންނަ އަހަރު ދައުލަތުގެ ހަރަދުތައް 52.6 ބިލިއަން ރުފިޔާއަށް އަރައި، މި އަހަރަށް ވުރެ 3.3 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. މީގެ ތެރެއިން ސަރުކާރު ހިންގުމުގެ ރިކަރަންޓު ހަރަދު 42.7 ބިލިއަން ރުފިޔާގައި ހިފެހެއްޓުމަށް ބަޖެޓުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު ވަނީ 9.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ހަރަދުތައް ބޮޑުވުމުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއީ މި އަހަރު ނިމޭއިރު ޑެފިސިޓު ހުންނާނެ ކަމަށް ލަފާކުރާ އަދަދަށް ވުރެ 25 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަ ބަޖެޓު ދަށްވީ އަންނަ އަހަރު އަނބުރާ ދައްކަން ޖެހޭ ދަރަނީގެ އަދަދު 4.5 ބިލިއަން ރުފިޔާއަށް މަދުވުމުންނެވެ.








