ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަގުބޮޑުވެ ތަކެތީގެ އަގު އުފުލެމުންދާ މައްސަލައިގެ ޒިންމާ ނަގަންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށާއި އެކަމުގައި ސުވާލުކުރަން ޖެހެނީ އެ ބޭންކާ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވުމާއި ތަކެތީގެ އަގުބޮޑުވާ މައްސަލައިގައި އޭނާއަށް ކޮށްފައިވާ ސުވާލުގެ ޖަވާބު ހޯދުމަށް ފުރަތަމަ ބަލަން ޖެހުނީ ގާނޫނު ކަމަށެވެ.
އެގޮތުން، ގާނޫނު ބެލިއިރު، ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓު ކަނޑައަޅައި، އެކަމާ ބެހޭ ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކުރުމަށް ގާނޫނުން ޒިންމާ މަތިކޮށްފައި ވަނީ އެމްއެމްއޭއާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ފޮރިން އެކްސްޗޭންޖާ ބެހޭ ކަންކަން ހިންގުމުގެ ޒިންމާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގާނޫނު 1981 ގެ 24 ވަނަ މާއްދާގެ ހ. ގައި މަތިކޮށްފައި ވަނީ އެކްސްޗޭންޖު ނިޒާމު ތަންފީޒު ކުރުމަށްޓަކައި އެކްސްޗޭންޖު ރޭޓުގެ، އަދި، އެކްސްޗޭންޖު ރޭޓާބެހޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށް،" ސައީދު ވިދާޅުވި އެވެ.
"އެއްވެސް ހާލަތެއްގައި މި ނޫން ގޮތަކަށް ނޫން މިކަން އޮންނަނީ، އެހެންވީމާ މި ސުވާލު ހުށަހެޅުއްވި ފަރާތްތަކުން އެ ވިދާޅުވާ މައްސަލައިގައި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހަމަ އެކްސެސް އެބަ އޮތް، ފުރުސަތު އެބަ އޮތް މި ސުވާލު ގާނޫނުން މަތިކޮށްފައި އޮންނަ ފަރާތާ ސިދާ ކުރުމަށް ވެސް."
ޑޮލަރާއި މުދަލުގެ އަގުބޮޑުވުން ދިފާއުކުރައްވައި ސައީދު ވިދާޅުވީ އިގުތިސާދު މެނޭޖުކުރަނީ ކުރިއަށްވުރެ ރަނގަޅަށް ކަމަށް
މި ސަރުކާރުން އިގުތިސާދު މެނޭޖުކުރަނީ ކުރިއަށްވުރެ ރަނގަޅަށް ކަމަށާއި، ނިމިދިޔަ ސަރުކާރާ އަޅާބަލާއިރު ރަސްމީ ރޭޓުގައި އާންމުންނަށް ޑޮލަރު ދޫކުރާ މިންވަރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމަނައިފައި އޮތް ފުރަތަމަ ސުވާލަށް ޖަވާބުދެއްވަމުންނެވެ.
އިދިކޮޅު 13 މެންބަރުންގެ ސޮއިއާއެކު މަޖިލީހަށް ވައްދައިފައިވާ އެ މައްސަލައިގެ ފުރަތަމަ ސުވާލުގައި ބުނެފައި ބޭރު ފައިސާގެ އަގު އުފުލެމުން ގޮސްފައި ވަނީ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން އިގުތިސާދީ ރީފޯމްތައް ގެނައުމަށް އެދެވޭ ސިޔާސަތެއް އަމަލީގޮތުން ތަންފީޒު ކޮށްފައި ނުވާތީ ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރު އަގު އުފުލުމުން، އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ސައީދު މަސައްކަތް ކުރައްވައިފައި ވަނީ ބޭންކިން ނިޒާމަށް ޑޮލަރުގެ ދަތިކަން ކުރިމަތިވުމަކީ ތަބީއީކަމެއް ކަމަށް ވިދާޅުވެ އެކަމުގެ ސީރިއަސްކަން ކަނޑުވައިލުމަށް ކަމަށް އެ މައްސަލައިގައި ބުންޏެވެ.
އޭގެ އިތުރުން، 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ޑޮލަރުގެ ރޭޓު 15.42 އަކަށްވުރެ ތިރިކުރާނެކަމަށް ސައީދު ވިދާޅުވިކަން ވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
އެ ނުގުތާތަކަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ މި ސަރުކާރުގައި އިގުތިސާދު މެނޭކުރަނީ ކުރިއަށްވުރެ މާރަނގަޅަށް ކަމަށެވެ.








