ރައްޔިތުންގެ ފައިސާއިން ހިއްކި ފުށިދިއްގަރުފަޅު، އިޒްރޭލު އަދި ޒަޔަނިސްޓުންނާ ގުޅުން އޮތް ޔޫއޭއީގެ މުހައްމަދު އަލައްބާރަށް 99 އަހަރަށް ނުވަތަ ތާއަބަދަށް ވިއްކާލުމަށް ހަދާ ރިއަލް އެސްޓޭޓުގެ ބިލު މިއަދު މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަން އަދަދު އަށް އެނގިއްޖެ އެވެ.
ރިއަލް އެސްޓޭޓުގެ ބިލު މިއަދު ނޫނީ މިރޭގެ ވަގުތެއްގައި މަޖިލީހަށް ވައްދާނެކަން އިތުބާރު ހުރި ދެ މަސްދަރަކުން ވަނީ ޔަގީންކޮށްދީފަ އެވެ.
ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ އަލައްބާރުގެ އީގަލް ހިލްސްއަށް ދޫކޮށްލަން ގާނޫނެއް ހަދަންޖެހެނީ ރާއްޖޭގައި މިހާރު ހުރި ގާނޫނުތަކުން އެކަމަށް ހުއްދަ ނުލިބޭތީ އެވެ. ނަމަވެސް ގާނޫނުން ހުއްދަ ނުލިބެނީސް ރަސްމާލެ ދޫކޮށްލުމުގެ ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސެޕްޓެމްބަރު 21، ގައި ވަނީ ސޮއިކޮށްފަ އެވެ.
ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރީ ޔޫއޭއީގެ ދުބާއީގަ އެވެ. އެ އެގްރިމެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއި ކުރެއްވީ އަލައްބާރެވެ.
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 17، ގެ ކުރިންނެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.








