ރަސްމާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ ބިޔަ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ވިއްކަނީ މުއްދަތު ހަމަނުވާ ނުވަތަ "ހުސްނުވާ 99 އަހަރު" ގެ އުސޫލުން ކަމަށް ހައުސިން މިނިސްޓަރު އަބްދުއްﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ވިއްކާލުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ގައި ސޮއިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ދީނީ އިލްމުވެރިންނާއެކު ސެޕްޓެމްބަރު މަހު ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވަނީ ލީކްވެފަ އެވެ. ލީކްވި އޯޑިއޯތައް ސައްހަކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން ކަށަވަރު ކުރެވިފައިވެ އެވެ.
ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އިންވެސްޓަރުންގެ މުދަލުގެ އަގު ވެއްޓޭ ގޮތަށް ނުވަތަ ޑިޕްރިޝިއޭޓްވާ ގޮތަށް އޮތް ނަމަ މުއްސަނދިން އިންވެސްޓް ނުކުރާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން ގާނޫނުގެ ތެރެއިން ގެންނަނީ 99 އަހަރުގެ މުއްދަތު އައު ކުރެވޭނެ ހާއްސަ މެކޭނިޒަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ 99 އަހަރު އަޅުގަނޑު މިދެންނެވީތާ، އެއީކީއެއް މީހެއްގެ މުދަލެއް އެއްވެސް ބަޔަކު އިންވެސްޓެއް ނުކުރާނެ އެ މުދަލަކީ ޑިޕްރިޝިއޭޓްވާ އެއްޗެއް ނަމަ. އެހެންވީމަ، ވާންޖެހެނީ ޑިޕްރިޝިއޭޓް ނުވާ މެކޭނިޒަމެއް މި ގެނެސްދެނީ،" މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި 99 އަހަރަށް ދޫކުރާ ބިމެއް ނުވަތަ ވިލާއެއް އެހެން ފަރާތަކަށް ވިއްކާލާ ހާލަތުގައި، ކުރީގެ ލީސް ބާތިލުކުރުމަށްފަހު ސަރުކާރުން ފީއެއް ނަގައި އާ ލީސްއެއް ދޫކުރާނެ އެވެ. މީގެ މާނައަކީ އެ ބިމެއްގެ 99 އަހަރުގެ މުއްދަތު އަލުން އަނބުރާ ގުނަން ފެށުމެވެ.
"އޭތި ވިއްކާލާ ހާލަތުގައި ސަރުކާރުން ފީއެއް ނަގާފަ، ސަރުކާރުން އެއްބަސްވާ މީހަކަށް އާ ލީސްއެއް ދޭނީ،" މުއްތަލިބް ވިދާޅުވި އެވެ.
މިގޮތަށް ޕްރޮޕަޓީގެ މުއްދަތު ހުސްނުވެ ބަދަލުކުރެވޭއިރު، މިއީ ދަރިދަރިކޮޅަށް ވާރުތަވާނެ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސްނުވާ 99 އަހަރަށް ޕްރޮޕަޓީ ލިބޭނެ ކަމަށް އީގަލް ހިލްސްގެ ވެބްސައިޓުގައި ޖެހުމަށް ފަހު އެކަން ބަދަލުކުރި މައްސަލައަށް އިލްމުވެރިން އިޝާރާތް ކުރެއްވުމުން ރައްދުގައި މުއްތަލިބް ވިދާޅުވީ މާކެޓިން މެޓީރިއަލްގައި ލިޔާ އެއްޗަކާއި އަސްލު އެއްބަސްވުމާ ތަފާތުވާނެ ކަމަށެވެ.
ރަސްމާލޭގެ ޕްރޮޕަޓީއެއްގެ މިލްކުވެރިކަން ބަދަލުކުރާއިރު ސަރުކާރަށް 'ޔެސް އޯ ނޯ' ބުނުމުގެ ބާރު އޮންނާނެ ކަމަށާއި، ދައުލަތަށް ނޭނގި ނުވަތަ ސަރުކާރުގެ ހުއްދައެއް ނެތި އެއްވެސް ޓްރާންސްފާއެއް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރު 99 އަހަރު ނުލިބޭ ގޮތަކަށް ރިއަލް އެސްޓޭޓް ވިޔަފާރިއެއް ނުހިންގޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
"އެއްވެސް ބަޔަކު އިންވެސްޓެއް ނުކުރާނެ. އެމުދަލަކީ ޑިޕްރިޝިއޭޓްވާ އެއްޗެއް ނަމަ. އެހެންވީމަ، ވާންޖެހެނީ ޑިޕްރިޝިއޭޓް ނުވާ މެކޭނިޒަމެއް މި ގެނެސްދެނީ،" މުއްތަލިބު ވިދާޅުވި އެވެ.
މި ބިޔަ މަޝްރޫއު ސިއްރުން ކުރިއަށް ގެންދިޔަ ސަބަބާ ގުޅޭ ގޮތުން އިލްމުވެރިންގެ ކަންބޮޑުވުން ފާޅުކުރުމުން މުއްތަލިބް ވިދާޅުވި މިކަން ސިއްރުން ކުރިއަށްގެންދިޔައީ ކޮރަޕްޝަނާއި މެދުވެރިންނަށް ފުރުސަތު ނުދިނުމަށް ކަމަށާއި، ސީދާ ޔޫއޭއީގެ އަލްއައްބާރާއެކު މަޝްވަރާކުރައްވަނީ އެއްވެސް އޭޖެންޓަކު މެދުވެރިނުކޮށް ކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.
މި މަޝްރޫއަކީ 31 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވަމުން މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ތަރައްގީކުރުމަށް ފަހު ކޮންމެ ޓްރާންސެކްޝަނަކުން އޭގެ 10 ޕަސެންޓު (3.1 ބިލިއަން ޑޮލަރު) ދައުލަތަށް ލިބޭނެ ކަމަށެވެ. އެއީ އެތަނުގައި އަޅާ 8800 ވިލާ ވިއްކައިގެން ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އެވެ.
ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ހިއްކި ރަސްމާލޭގެ 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.






