ޕެރިސް (ނޮވެމްބަރު 6) - ޗެލްސީގެ ކޯޗަކަށް އޭނާ ހުރި ހަތަރު މަހެއްހާ ދުވަހު ކުރެވުނު ތަޖުރިބާ އަކީ ވަރަށް މުހިންމު ކަންތައްތަކެއް ކަމަށާއި އެ ކްލަބްގައި އޭނާގެ ގިނަ ކަންކަން މީހުންނަށް ވީ "ޖޯކަކަށް" ކަމަށް މިދިޔަ ސީޒަނުގައި ޗެލްސީ އަށް އިރުޝާދުދިން އިނގިރޭސި ކޯޗު ލިއަލް ރޮސެނިއާ ބުނެފި އެވެ.
ފަސް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގެ ދަށުން ޗެލްސީގެ ކޯޗަކަށް ގެނައި، ރޮސެނިއާ، ތިން މަސް ދުވަހަށް ފަހު މަގާމުން ވަކިކުރީ ނަތީޖާތައް ދަށްވުމުންނެވެ.
ރޮސެނިއާ އަށް ޗެލްސީގެ ކޯޗަކަށް ހުރެވުނީ 104 ދުވަހު އެވެ. ޗެލްސީއާ ހަވާލުވެ، ރޮސެނިއާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު 23 މެޗުގެ ތެރެއިން މޮޅުވީ 11 މެޗުންނެވެ. ރޮސެނިއާގެ ކޯޗުކަމުގައި ޗެލްސީން އެންމެ ފަހުން ކުޅުނު މެޗަކީ، އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތުން 3-0 އިން ޗެލްސީ ބަލިވި މެޗެވެ. އެ މެޗަށް ފަހު، ރޮސެނިއާ ވަނީ އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންތައްތަކެއް ފެނިގެންދިޔަ މެޗެއް ނޫން ކަމަށް ބުނެފަ އެވެ.
ޕެރިސް އެފްސީގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ ރޮސެނިއާ ސޯ ފޫޓް އަށް ދިން އިންޓަވިއުއެއްގައި ބުނީ، ޗެލްސީގައި އޭނާގެ މަސައްކަތް ދިޔައީ އެކި ފަހަރު އެކި ގޮތަށް ކަމަށެވެ. އަދި، ފުރަތަމަ ފަސް މެޗުން މޮޅުވުމާ އެކު، ގިނަ ބަޔެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނު ކަމަށާއި އެކަމަކު މައްސަލަތައް ދިމާވިއިރު، އޭނާ ވީ ބާކީ ކަމަށް ރޮސެނިއާ ވަނީ ބުނެފަ އެވެ.
އެ ގޮތުން، ޕީއެސްޖީ އަތުން 8-2 ގެ އެގްރިގޭޓް ނަތީޖާ އަކުން ޗެލްސީ ބަލިވަމުން ދަނިކޮށް، ޗެލްސީގެ އަލެހަންދްރޯ ގަނާޗޯ އަށް ގަނޑުކޮޅެއްގައި ލިޔެފައި ޓެކްޓިކްސް ދިނުމުން އެ ވެސް ވީ ބޮޑު މަޖަލަަކަށް ކަމަށް ރޮސެނިއާ ވަނީ ބުނެފަ އެވެ.
"އެ އިރުޝާދު ދިނުން ވެސް ވީ މަޖަލަކަށް. އަހަރެމެން 10 ކުޅުންތެރިންނާ އެކު ޕީއެސްޖީއާ ކުޅުނުއިރު ހިނގި ކަމެއް މިއީ. އަހަރެން ލައިގެން ހުންނަ ހެދުމާއި އަހަރެން ދައްކާ ވާހަކަ ވެސް ވީ ޖޯކަކަށް. އަހަންނަކީ ޖޯކެއް ނޫން،" ރޮސެނިއާ ބުންޏެވެ.
މިއީ، އޭނާ މި ވާހަކަތައް މި ވަގުތު ދައްކާނެ އެންމެ ފުރަތަމަ އަދި ފަހު ފަަހަރު ކަމަށާއި އެހެން ނަމަވެސް ރަނގަޅު ވަގުތު ޖެހުމާ އެކު، ޗެލްސީގައި ހިނގައިދިޔަ ހުރިހާ ކަމެއްގެ ވާހަކަ ހިއްސާކުރާނެ ކަމަށް ރޮސެނިއާ ވަނީ ބުނެފަ އެވެ.
އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު ރޮސެނިއާ، ކޯޗިން ކެރިއަރު ފެށީ، 2022 ވަނަ އަހަރު އެވެ. ޑާބީ ކައުންޓީގެ ވަގުތީ ކޯޗަކަށް 2022 ވަނަ އަހަރު މަސައްކަތްކުރި ރޮސެނިއާ، ފަހުން، 2022 އިން 2024 އަށް ހަލް ސިޓީގެ ކޯޗަކަށް ހުރުމަށް ފަހު، ސްޓްރާސްބޯއާ ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މި އަހަރުގެ ޖެނުއަރީގައި ޗެލްސީން ދިން އޮފާ ބަލައިގަނެ، އެ ޓީމާ ހަވާލުވެ، މާ ގިނަ ދުވަހު އެ ޓީމުގައި ހުރެވޭ ގޮތެއްނުވި އެވެ. ސްޓްރާސްބޯ އަކީ ޗެލްސީގެ ހިއްސާދާރުންގެ ބައިވެރިވުން އޮވެގެން ހިންގާ ކްލަބެެކެވެ.







