ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ގެންގުޅެނީ މެޗުން މެޗަށް އޮތް ޓާގެޓްތަކެއް ކަމަށާއި މި ވަގުތަށް ބަލާއިރު ކުރިމަތީގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަން ޖެހޭ ވަރަށް މުހިންމު ކުރިމަތިލުމަކަށް ރަނގަޅަށް ތައްޔާރުވުން ކަމަށް ބުރުގެ ކޯޗު، ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ.
ބުރުން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެފަ އެވެ. ރޮޑްރިގޭޒް ބުނީ އެ މެޗަށް ފަހު ދެން ކުޅެން ޖެހޭ މެޗާ ދެމެދު ލިބެނީ ތިން ދުވަހުގެ މުއްދަތެއް ކަމަށްވުމުން މައިގަނޑު މަސައްކަތް އޮތީ ކުޅުންތެރިންގެ ރިކަވަރީ އަށް ކަމަށެވެ.
ރޮޑްރިގޭޒް ބުނީ، އީގަލްސް އަތުން ލިބުނު މޮޅުގެ މަތީ ސާބިތުވެ، އިތުރަށް ކުރިއަށްދިއުމަށްޓަކައި ޓީސީ އަތުން ވެސް ތިން ޕޮއިންޓް ހޯދަން ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ޓީސީ އަކީ ރަނގަޅު ޓީމެއް، ރަަނގަޅު ކުޅުމެއް ދައްކާ ޓީމެއް. އަބަދުވެސް ބޯޅަ ހިފަހައްޓައިގެން ކުޅެވޭތޯ މަަސައްކަތްކުރާ ޓީމެއް. އިދިކޮޅު ހާފުގައި އެޑްވާންޓޭޖް ނެގޭނެ ހާލަތްތަކަށް ބަލައި މަސައްކަތްކުރާ ޓީމެއް ވިންގަށް ކުޅޭ ކުޅުންތެރިންލައިގެން، އަހަރެމެން މި ހުރިހާ ކަަމަކަށް ބަލައިގެން ތިން ޕޮއިންޓް ހޯދަން މަސައްކަތްކުރަން ޖެހޭނީ،" ރޮޑްރިގޭޒް ބުންޏެވެ.
"ކޮންމެ ޓީމަކަށް ކޮންމެ ޓީމެއް އަތުން މޮޅުވެވިދާނެ، ހަމަ އެ ގޮތަށް ކޮންމެ ޓީމެއް އަތުން ކޮންމެ ޓީމެއް ބަލިވެސް ވެދާނެ، މީގެ އޮތީ އެ ދުވަހެއްގައި ކުރާ މަސައްކަތް، ޓީސީ މެޗަކީ ވަރަށް އުނދަގޫވާނެ މެޗެއް،"
ރޮޑްރިގޭޒް ބުނީ، ބުރުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދައްކަމުން އައި އެއް ވާހަކަ އަކީ މެޗުތަކުގައި ޓީމުގެ ހަކަތަ އިތުރަށް ރަނގަޅުކޮށް، ކުރާ މަސައްކަތް އެކި ގޮތްގޮތުން ވެސް ފުރިހަަމަ ކުުރުމުގެ މުހިންމު ކަމަށެެެވެ.
"ވިނިން ސްޕިރިޓް، ޓީމުވޯކް، ބުރަ މަސައްކަތް. އަހަރެން ދެކޭ ގޮތުގައި މި ހުރިހާ ކަމެއް އީގަލްސް މެޗުގައި ފެނުނު. އަހަރެމެން ކުޅޭ ސްޓައިލަށް ބަލާނަމަ އެންމެ ރަނގަޅަށް ނުއެއް ކުޅެވުނަސް އެކަމަކު އެ ކުރި ހިތްވަރު ވަރަށް ރަނގަޅު، ދެން ހޯދަން ވީ އަހަރެމެންގެ ސްޓައިލާއި ބުރަ މަސައްކަތުގެ ބެލެންސެއް، އޭރުން އަހަރެމެންނަށް ފިޔަވަޅެއް ކުރިއަށް އެޅޭނެ،" ރޮޑްރިގޭޒް ބުންޏެވެ.
ލީގުގެ ހަތް ވަނައިގައި އޮތް ބުރަށް ހަ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ޓީސީ އަށް ވަނީ ހަތް މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ، އެ ޓީމާ ދެެކޮޅަށް ބުރުން ނުކުންނައިރު އެންމެ ފަހުން ކުޅުނު މެޗުން އީގަލްސް އަތުން ބުރު މޮޅުވެފައި އޮތުމަކީ މޯޓިވޭޝަނަށް ބަލާއިރު ބުރަށް ރަނގަޅެއް ކަމަށެވެ.
"ބުރުން މޮޅުވެފައި އޮތުމަކީ ވަރަށް ބޮޑު މޯޓިވޭޝަނެއް. ޕޮއިންޓް ތާވަލުން ބުރު އޮތް ހިސާބުން ވަރަށް ރަނގަޅު ހިސާބަކަށް އީގަލްސް މެޗުން މޮޅުވެގެން އެ ދިޔައީ، އެ ހާލަތުގައި އައިސް މި މެޗުގައި ބުރުން ކުޅުމަކީ ޓީސީ އަށް އުނދަގުލަކަށްވާނެ،" އާތީ ބުންޏެވެ.
އާތީ ބުނީ ބުރާއި ޓީސީ ކުޅޭ މެޗަކީ، "ވަރަށް 50-50 މެޗެއް" ކަމަށެެވެ.
"ދެ ޓީމު ވަރަށް އެއްވަރު ޓީމުގެ ގޮތަށް ބެލެވެނީ ކޯޗެއްގެ ހައިސިއްޔަތުން ބަލާއިރު. ކޮންމެ ގޮތެއް ވިޔަސް ޕްލޭޔަރުންގެ މެންޓަލިޓީ އާއި ޕްރެކްޓިސްގެ އިތުރުން ސޯޝަލް ބިހޭވިއާގައި އެ މީހުން އެ ބަހައްޓާ އަހުލާގީ މިންގަނޑުގެ މައްޗަށް ބަލައި ކޮންމެ ޓީމަކަށް ވެސް ވިން ވުމުގެ ފުރުސަތު އެބައޮތް. ޓީސީ މަސައްކަތްކުރާނީ ތިން ޕޮއިންޓް ލިބޭތޯ،" އާތީ ބުންޏެވެ.
މިދިޔަ ސީޒަނުގެ ރަނގަޅު ކުޅުން ދައްކަން ޓީސީން ބަލާއިރު، ދިމާވާ މައްސަލަ އަކީ ރަނގަޅު ހަތް ކުޅުންތެރިއަކު ޓީމު ދޫކޮށް ދިއުން ކަމަށެވެ. އެއީ، ޓީސީ އަށް ލިބުނު، ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް އާތީ ފާހަަގަކުރި އެވެ.
"އަލުން މޮޅު ކުޅުންތެރިންތަކެއް ތަކެއް ލައިގެން ޓީމު ހެދިޔަސް ތަޖުރިބާ ލިބުނު ވަރަކަށް ޓީމު ރަނގަޅުވަމުން އަންނާނީ، ދެން ދަށްކޮށް އޮތް ކަމަކީ ސީނިއާ ކުޅުންތެރިން، ލީޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ކުޅުންތެރިން ވެސް ނެތުން މި ވަގުތު،" އާތީ ކިޔައިދިނެވެ.
ޓީސީގެ އުންމީދަކީ ފުރަތަމަ ބުރު ނިމޭއިރު މަދުވެގެން 12 ޕޮއިންޓް ހޯދުން ކަމަށާއި އެ އަމާޒަށް ވާސިލްވުމަށްޓަކައި ބާކީ އިން ދެ މެޗުން މޮޅުވާން ޖެހޭ ކަމަށް އާތީ ވަނީ ބުނެފަ އެވެ.
އެކަމަކު، ކަނޑައަޅާ ޓާގެޓަކީ ކޮންމެ ފަހަރަކު ހާސިލްވާނެ އެއްޗެއް ނޫން ކަމަށާއި މައްސަލަ އަކީ ގެއްލެން ނުޖެހޭ އެއް މެޗު މީގެ ކުރިން ގެއްލިފައިވުން ކަމަށާއި ބުރު މެޗަކީ ޓީސީ އަތުން ގެއްލެން ޖެހޭ މެޗެއް ނޫން ކަމަށް އާތީ ވަނީ ބުނެފަ އެވެ.
"ގެއްލިއްޖިއްޔާ ޓީސީ ވަރަށް ނުބައި ފައްތަރަކަށް ދާނެ، އެކަމަކު ކޯޗެއްގެ ގޮތުަގައި ޓީސީއާ މެދު ވަރަށް ބޮޑު ކޮންފިޑެންސެއް އެބައޮތް، މެނޭޖްމަންޓާ އެކު ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިގެން، އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް، ޓީސީގެ ކެޕޭސިޓީގެ ލިބިއްޖިއްޔާ ހަމަ ރަނގަޅު ފައިޓެއް ދެ ވަނަ ބުރުގައި ދެވިދާނެ،" އާތީ ބުންޏެވެ.
ޓީސީ އާއި ބުރު ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.







