މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބެލުމުގެ ދަށުގައި އޮތް ޓާފް އެއް ނަމްބަރު ދަނޑުގެ މި ފަދަ މަަސައްކަތެއް ކުރެވިފައިވަނީ، މީގެ 12 ވަރަކަށް އަހަރު ކުރިން، 2014 ވަނަ އަހަރު އެވެ. ފުރަތަމަ ޑިވިޝަން ކްލަބްތަކާއި އެކަޑަމީތަކުގެ ޕްރެކްޓިސް މި ދަނޑުގައި ކުރިއަށްދާއިރު، އެފްއޭއެމްގެ ދެ ވަނަ ޑިވިޝަން އާއި ތިން ވަނަ ޑިވިޝަންގެ އިތުރުން ވެޓަރަންސް މުބާރާތްތައް ވެސް މި ދަނޑުގައި ހޯސްޓްކޮށް، ވޭތުވެދިޔަ އަހަރުތަކުގައި ދިޔައީ ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހެމުންނެވެ.
އެކަމަކު، އެފްއޭއެމް އާއި ސްޕޯޓްސް މިނިސްޓްރީގެ މަޝްވަރާތަކަށް ފަހު، ޓާފް 1 ނަމްބަރު ދަނޑުގެ ޕިޗްގެ ޓާފް އާ ކޮށް މިހާރު މި ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ، މިނިސްޓްރީން ޓާފާއި ބޭނުންވާނެ ސާމާނުތައް ފޯރުކޮށްދިނުމާ އެކު، އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރީ އެފްއޭއެމް އިން ކަމަށެވެ.
ޓާފް އެއް ނަމްބަރު ދަނޑަކީ، ފީފާއާ އެކު އެފްއޭއެމް އިން ވެފައިވާ 50 އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޮތް ދަނޑެއް ކަމުގައި ވިޔަސް މި ވޭތުވެދިޔަ ތަނުގައި އެ ދަނޑު ހަލާކުވެފައި އޮތުމުގެ ސަބަބުން ކުޅުންތެރިންނަށް އެކި ގޮތްގޮތުން ގެއްލުންތަކާއި އަނިޔާގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށް މިނިސްޓަރު ރާފިއު ފާހަަގަކުރެއްވި އެވެ.

"މި ކަންކަމަށް ބަލާފައި ނިންމީ އެފްއޭއެމް އާއި މިނިސްޓްރީން ގުޅިގެން މި ކަަމަށް ހައްލެއް ގެންނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ލިިބިފައިވާ ގެއްލުމާއި އެ ތަނުގެ ހަރަކާތްތަކަށް އޮތް ޑިމާންޑް އެނގުމާ އެކު، އެއީ ވީ އެންމެ އަވަހަށް ކުރަން ޖެހޭ ކަމެއް ކަމަށް ބެލެވުނު ކަމަށް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފަ އެވެ.
"މި ކަމަށް އެހީތެރިވުމުގެ މައިގަނޑު ސަބަބަކީ އެ ތަން އަލުން ހެދުމެއް ނޫން. މިއީ އެ އަށް ވުރެން ބޮޑު ވިސްނުމެއްގައި ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން އައި އިސްނެގުމެއް،" ރާފިއު ވިދާޅުވި އެވެ.
މަދު ވަސީލަތްތަކެއްގައި ފުޓްބޯޅައިގެ ހަރަކާތްތައް ހިނގަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ޑިވެލޮޕްމަންޓަށްޓަކައި ގިނަ ކަންތައްތަކެއް ކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެެވެ. އަދި، މިއީ ފުޓްބޯޅައިގެ މި ފަދަ ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ވަގުތެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.







