މެންޗެސްޓާ (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުގައި ތާށިވެއްޖެ އެވެ.
މި މެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލުމުގެ ފުރުސަތު އޮތް ޔުނައިޓެޑް ބަލިވުމުން އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 19 ވަނައިގަ އެވެ. އަދި، މި ހަފްތާގައި ކްރިސްޓަލް ޕެލަސް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ޔުނައިޓެޑް ލީގުގެ ފުލަށް ވެއްޓޭނެ އެވެ.
އަނެއްކޮޅުން، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ އަށް ފުރަތަމަ ތިން މެޗު ނިންމާލަން ޖެހިފައި މި ވަނީ މޮޅެއް ނުލިބި އެވެ. ފުރަތަމަ މެޗުން ލީގުގައި ލިވަޕޫލް އަތުން 4-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަންއާ 2-2 އިން އެއްވަރުވީ އެވެ.
އަދި، މިރޭ، ބްރެންޓްފޯޑް އަތުން ބަލިވެ، ލީގުގެ ފުރަތަމަ 12 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު، ރެކޯޑް ދަށް ސީޒަނުގައި އަނެއްކާ ވެސް ލަދުވެތި ނަތީޖާ އަކާ ކުރިމަތިލާން ޖެހުނީ އެވެ. މިއީ، ޕޮޗެޓީނޯގެ ކޯޗުކަމުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދޭން ޕެޓްރިކް ޑޯގޫ އަށް ހުސްކޮށް އަރައި ބޮލުން ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އޭގެ ފަހުން، ބްރެންޓްފޯޑުން ވަނީ ފުރަތަަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑު ޖަހައި، ރަނގަޅު ލީޑެއް ނަގައިފަ އެވެ. މި ދެ ލަނޑު ވެސް ޖެހީ ކަލުމް ވިލްސަން އެވެ. ފުރަތަމަ ލަނޑު އޭރިއާތެރެއިން ރަނގަޅު ކޮންޓްރޯލެއް ކުރުމަށް ފަހު ޔުނައިޓެޑްގެ ކީޕަރު ސެން ލަމެންސް އަތުގައި ޖައްސާފައި ޖެހިއިރު، އަނެއް ލަނޑު ޖެހީ ކައުންޓަ އެޓޭކުގައި ޑަންގޯ އުޓާރާ ދިން ބޯޅަައަކުންނެވެ.
ދެ ވަނަ ހާފުގައި ބްރަޔަން އެމްބެއުމޯ އާއި މަޓެއުސް ކޫންޏާ، ބަދަލަކަށް އަރުވައިގެން ލަނޑެއް ޖެހޭތޯ ޔުނައިޓެޑުން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ބްރެންޓްފޯޑުން ވަނީ މި ހާފުގައި އިތުރު ދެ ގޯލު ޖަހައިފަ އެވެ. މި ދެ ލަނޑު ޖަހައއިދިނީ، ކްރިސްޓޮފާ އާޔާ އާއި ކެވިން ޝާޑާ އެވެ. ޝާޑާ އަކީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ.
މި ފަހަރުގެ ލީގުގައި ބްރެންޓްފޯޑުން މި ވަނީ ފުރަތަމަ ފަހަރަށް ރަށުންބޭރުގައި މޮޅުވެފަ އެވެ. އަނެއްކޮޅުން، ޔުނައިޓެޑުން މި ފަހަރުގެ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވީ، އެންމެ މެޗަކުންނެވެ.







