ލަންޑަން (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން ޗެލްސީ 3-2 އިން ބަލިވެއްޖެ އެވެ.
މި ނަތީޖާއާ އެކު ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޒަބީ އަލޮންސޯގެ ކޯޗުކަމުގައި ކުޅޭ ޗެލްސީ މި ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން، ރޭގެ މެޗަކީ ފޮރެސްޓްގެ ދަނޑު، ސިޓީ ގްރައުންޑްގައި ޗެލްސީ އަތުން 1997 ވަަނަ އަހަރަށް ފަހު މޮޅުވި ފުރަތަމަ މެޗެވެ.
ރޭގެ މެޗުން ބަލިވެ، ޗެލްސީ ލީގުގެ އަށް ވަނައިގައި އޮތްއިރު، އޮލިވާ ގްލާޒްނާ ކޯޗުކޮށްދޭ ފޮރެސްޓް މި ވަނީ 17 ވަނަ އިން 14 ވަަނަ އަށް ޖެހިލައިފަ އެވެ.
ޗެލްސީ އަށް 12 މެޗުން 16 ޕޮއިިންްޓް ލިބިފައިވާއިރު، ފޮރެސްޓުން ވަނީ 12 މެޗުން 12 ޕޮއިންޓް ހޯދައިފަ އެވެ.
ފޮރެސްޓުން ރޭގެ މެޗުގައި ލީޑުނެގީ ފަސް ވަނަ މިނިޓްގަ އެވެ. މިއީ މި ސީޒަނުގައި ފެނިގެންދިޔަ އެންމެ ހިތްގައިމު އެއް ގޯލެވެެ. ފޮރެސްޓްގެ ފުލްބެކް، ޑެނިއަލް މުނޯޒް ނެގި ހުރަހަކުން ފޮރެސްޓަށް މި ލަނޑު ޖަހައިދިނީ އެކްރަބެޓިކް ކިކަކުން ފޮރެސްޓްގެ އީގޯ ޖީސޫސް އެވެ. އޭނާ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު، އެމިިލިއާނޯ މާޓިނޭޒް އަތްމަތިން އަމާޒުވީ ގޯލުގެ ކަނަށެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަ ވަނަ މިނިޓްގައި ފޮރެސްޓުން ލީޑުފުޅާކުރި އެވެ. މެޗުގެ 51 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ފޮރެސްޓްގެ ކެޕްޓަން، މޯގަން ގިބްސް-ވައިޓް އެވެ. މިއީ، ލިބުނު ޕެނަލްޓީ އަކުން ގިބްސް=ވައިޓް ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ ޗެލްސީގެ ވެސްލީ ފޮފާނާ، އެ ޓީމުގެ އޭރިއާތެރެއިން ފޮރެސްޓްގެ ފޯވާޑް، ލިއަމް ޑެލަޕް އަށް ފައުލެއް ކުރުމުންނެވެ. މި މެޗުގައި ޗެލްސީގެ ސަޕޯޓަރުން ވަނީ ފޮފާނާއާ މެދު އޮތް ނުރުހުން ފާޅުކުރަން ޝުއޫރުފާޅުކޮށްފަ އެވެ. އެއީ، ދާދި ފަހުން، ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޗެލްސީއާ ބެހޭގޮތުން، ޒިންމާދާރުކަން ކުޑަކޮށް ވާހަކަ ދެއްކުމުންނެވެ. ފޮފާނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިފަ އެވެ.
ފޮރެސްޓުން ލީޑުފުޅާކުރިތާ ތިން މިނިޓް ފަހުން، އެމަނުއަލް އެމެގާ ވަނީ ޗެލްސީ އަށް ލަނޑެއް ޖަހައިދީ އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، 71 ވަނަ މިނިޓްގައި ގިބްސް ވައިޓް ވަނީ ފޮރެސްޓަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ހުއްޓައި، އެމެގާ ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، ބާކީ ވަގުތުގައި އިތުރު ލަނޑެއް ނުޖެހި އެ ޓީމު ބަލިވީ އެވެ.







