އެތަންސް، ގްރީސް (ނޮވެމްބަރު 5) - ފްރާންސްގެ ލޯންސް އަތުން 9-1 އިން މޮޅުވެ، އިޓަލީގެ ކޯމޯ އިން ޗެމްޕިއަންސް ލީގުގައި ރެކޯޑް މޮޅެއް ހޯދިއިރު، ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ފަހު ވަގުތު ލަނޑު ޖަހައި 3-2 އިން އޭއީކޭ އެތަންސްގެ މައްޗަށް ކުރިހޯދައިފި އެވެ.
ކޯމޯ އަކީ ބަޔާން މިއުނިކް އަށް ފަހު ޗެމްޕިއަންސް ލީގުގެ މެޗެއްގައި ނުވަ ގޯލު ޖެހި ފުރަތަމަ ޓީމެވެ. އަދި، 1971 ވަނަ އަހަރަށް ފަހު ރަށުންބޭރުގައި ޗެމްޕިއަންސް ލީގު (ޔޫރަޕިއަން ކަޕް) މެޗެއްގައި ނުވަ ގޯލު ޖެހި ފުރަތަމަ ޓީމެވެ. އެ އަހަރު ޗެމްޕިއަންސް ލީގުގައި ފެޔަނޫޑުން ވަނީ 9-0 އިން އޮލިމްޕިއާކޯސް ބަލިކޮށްފަ އެެވެ. އަނެއްކޮޅުން، ކޯމޯ އަކީ ރެއާލާއި ލިވަޕޫލް ފިޔަވައި ޗެމްޕިއަންސް ލީގުގެ މެޗަކުން އަށް ގޯލުގެ ފަރަގަކުން މޮޅުވި ފުރަތަމަ ޓީމެވެ.
ޔޫރަޕްގައި އެންމެ ބޮޑު މޮޅުގެ ރެކޯޑް އޮތީ ފެޔަނޫޑްގަ އެވެ. އެއީ، 1969 ވަނަ އަހަރު އައިސްލެންޑްގެ ކޭއާރް އަތުން 12-2 މޮޅުވެގެން ހަދާފައި އޮތް ރެކޯޑެވެ.
ރޭގެ މެޗުގައި ކޯމޯ އަށް ލަނޑުތައް ޖަހައިދިނީ ގްރީސްގެ ފޯވާޑް، ޓަސޯސް ޑުވިކާސް ހެޓްރިކެއްގެ އިތުރުން، ނިކޯ ޕަޒް، ލޫކަސް ޑަ ކޫންޏާ، މަޓިއާ ލިބަރެލީ، މާޓިން ބަޓުރީނާ، މާކް އޮލިވާ ކެމްޕްފް އަދި މަޓެއޯ ޕަޕަކިއޯލީ އެވެ. ލޯންސްގެ ހަމައެކަނި ލަނޑު ޖެހި ރުބެން އަގުއިލާ އެވެ.
އޭއީކޭ އަށް އަބޫބަކާރީ ކެއިޓާ ވަނީ 12 ވަނަ މިނިޓްގައި ލީޑުނަަގައިދީފަ އެވެ. އެކަަމަކު، މެޗުގެ 32 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް ވަނީ ލަނޑު ޖަހައި ރެއާލަށް އެއްވަރުކޮށްދީފަ އެވެ. އޭއީކޭ އިން މެޗުގެ 72 ވަނަ މިނިޓްގައި ލީޑުނެގީ ސްޓަވްރޯސް ޕިލިއޯސް ޖެހި ލަނޑުންނެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން ކީިލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި ރެއާލް މޮޅުކޮށްދިން ލަނޑު އޭރިއާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރީ ފެޑެރީކޯ ވަލްވޭޑޭ އެެވެ. މެޗު ނިމުނު ފަހުން ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން ކެއިޓާ އަށް ވަނީ ރަތެއް ދައްކައިފަ އެވެ.
ޗެމްޕިއަންސް ލީގުގައި މި ފަހަރު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ދެ ޓީމަކީ ރެއާލް މެޑްރިޑްގެ އިތުރުން ޕީއެސްޖީ އެވެ. ދެ ޓީމަށް ވެސް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.







