މެޑްރިޑް (ނޮވެމްބަރު 3) - ރެއާލް މެޑްރިޑްގެ ކޯޗު، ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި އެވެ.
ރެއާލާ މި ސީޒަނުގައި ހަވާލުވި މޮރީނިއޯ، ކަނާތު ބެކަށް ބޮޑަށް ބޭނުންކުރަމުން އައީ ޑެންޒެލް ޑަމްފްރީސް އެވެ. އަދި އާނޯލްޑަށް ވެސް ފުރުސަތު ދެމުން އައި ނަމަވެސް ފަަހަކަށް އައިސް ބޮޑަށް އެ މަގާމަށް ބޭންކުރީ ފެޑެރީކޯ ވަލްވޭޑޭ އެވެ. އެކަމަކު، ވަލްވޭޑޭ އަށް އަނިޔާވެގެން، އެންމެ ފަހުން ސްޕެނިޝް ލީގުގައި ރެއާލުން ރޭސިން ސަންޓަންޑޭ އަތުން 3-0 އިން މޮޅުވި މެޗުގައި އާނޯލްޑް ވަނީ ކުޅެފަ އެވެ.
އެ މެޗަށް ފަހު، މޮރީނިއޯ ބުނީ، އެ މެޗުގައި އާނޯލްޑް މޮޅަށް ކުޅުނު ކަމަށާއި ސަބަބަކީ ރެއާލުން ކުޅުންތެރިންނާ މެދު އޮންނަ އިތުބާރު ދެމެހެއްޓުން ކަމަށެވެ.
"މެޗުތަކެއްގައި ނުކުޅެ ހުރެފައި ޓްރެންޓް (އާނޯލްޑް) އަައިސް އެ ދައްކާލީ އާދަޔާހިލާފު ކުޅުމެއް. އޭގެއިން އެނގެނީ މި ޓީމުގައި އެކަކު އަނެކަކަށް އޮތް އިތުބާރު. ޓްރެންޓްގެ ޓެކްނިކަލް ފެންވަރަށް ބަލާއިރު އަަހަންނަށް ފެނުނީ މިއީ އޭނަ ކުޅެން ޖެހޭ މެޗެކޭ. މާނަ އަކީ އެކަން ދެން ހުރި މެޗުތަކުގައި ބަދަލުވެދާނެއޭ،" މޮރީނިއޯ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި، ޑިފެންސަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ މެޗުތަކުގައި އާނޯލްޑަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭން މޮރީނިއޯ ވަނީ ނިންމައިފަ އެެވެ.
މި މަހުގެ އިންޓަނޭޝަނަލް ބްރޭކުގެ ކުރިން، ރެއާލަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި އޭއީކޭ އެތަންސްއާ ކުޅޭ މެޗާއި ސްޕެނިޝް ލީގުގައި ވެލެންސިއާއާ ބައްދަލުކުރާ މެޗެވެ.
މިދިޔަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު، ހިލޭ ޓްރާންްސްފާއެއްގައި ރެއާލަށް ބަދަލުވާން އާނޯލްޑް، 28، އަށް ފުރުސަތު އޮއްވައި، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ކްލަބް ވޯލްްޑް ކަޕްގައި އޭނާ ލައްވައި ކުޅުވަން ބޭނުންވާތީ، ރެއާލުން ވަނީ 13 މިލިއަން ޑޮލަރު ދީފައި އެ ޓްރާންސްފާ އަވަސްކޮށްފަ އެވެ. ކްލަބް ވޯލްޑް ކަޕްގައި ރެއާލުން ކުޅުނު މެޗުތަކުގައި، އާނޯލްޑް ވަނީ ކުޅެފަ އެވެ.
ރެއާލާ އެކު، 2031 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް އޮތް އާނޯލްޑަށް، އެ ޓީމުގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވުމަށް ފަހު ލިބޭ ފުރުސަތު މަދެވެ. މި ސީޒަނުގެ މިހާތަނަށް އަށް މެޗުގައި ކުޅުނު އާނޯލްޑް، ޖެނުއަރީ ޓްރާންސްފާގައި އެނބުރި ޕްރިމިއާ ލީގަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގޮތުން، ރެއާލަށް އާނޯލްޑް ގެންދަން ބާރުއެޅި ކޯޗު، ޒަބީ އަލޮންސޯ މި ވަގުތު ހަވާލުވެ ހުރި ޗެލްސީން އާނޯލްޑް ގަންނަން ޝައުގުވެރިވާއިރު، އާނޯލްޑްގެ ކުރީގެ ކްލަބް ލިވަޕޫލުން ވެސް އޭނާ ގެންނަން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.







