އިސްތަންބޫލް، ތުރުކީ (ނޮވެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުން 3-2 އިން ފެނަބާޗޭ އަތުން ބަލިވިއިރު، މެންޗެސްޓާ ސިޓީ އާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.
އެ ގޮތުން، ސިޓީން ވަނީ އާރްބީ ލައިޕްޒިގު އަތުން 3-2 އިން މޮޅުވެފަ އެވެ. އަދި، ސްލާވިއާ ޕްރާގު އަތުން އާސެނަލް މޮޅުވީ 2-1 އިންނެވެ.
ލިވަޕޫލުން ރޭ ޓްރޭ ނިޔޯނީގެ ގޯލުން 25 ވަނަ މިނިޓްގައި ލީޑުނެގިއިރު، އޭގެ ހަތަރު މިނިޓް ފަހުން، މޭސަން ގްރީންވުޑް ވަނީ ފެނަބާޗޭ އަށް އެއްވަރުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަރައި އަލެކްސަންޑަ އިސާކް ވަނީ 69 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ލިވަޕޫލަށް އަލުން ލީޑުނަގައިދީފަ އެވެ. ލިވަޕޫލަށް މި ފަހަރު ވެސް ލީޑުހިފަަހައްޓައިލެވުނީ ހަތަރު މިނިޓެވެ. އާޗީ ބްރައުން ވަނީ ލިވަޕޫލް އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި ފެނަބާޗޭ އަށް އެއްވަރުކޮށްދީފަ އެވެ.
މެޗުގައި ފެނަބާޗޭ މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ވެދާތު މުރީކީ ބޮލުންނެވެ. ލިވަޕޫލްގެ ކުރީގެ ފޯވާޑް، ޑާކް ކައުޓް ކޯޗުކޮށްދޭ ފެނަބާޗޭ އިން މޮޅުވިއިރު، މިއީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން، މި ސީޒަނުގައި ލިވަޕޫލާ ހަވާލުވި ކޯޗު އަންޑޯނީ އިރައޯލާގެ ކޯޗުކަމުގައި އެ ޓީމުން މި ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެވެ.
އާސެނަލުން ރޭ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ނޯނީ މަޑުއޭކޭ ވަނީ އާސެނަލަށް ކުރިހޯދައިދީފަ އެވެ. އަދި، 38 ވަނަ މިނިޓްގައި ވިކްޓަ ޔޯކެރޭޝް ޖެހި ލަނޑުން އާސެނަލުން ލީޑުފުޅާކުރި އެވެ. މެޗުގައި ސްލަވިއާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ ފަހު ވަގުތުގަ އެވެ. މި ލަނޑު ޖެހީ ވިކްޓަ ނޯވާކް އެވެ.
ލައިޕްޒިގުގެ ދަނޑުގައި ރޭ ސިޓީން ފުރަތަމަ ހާފުގައި ލީޑެއް ނެގި އެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނިޓްގައި ކަސްޓެލޯ ލުކޭބާ އަަތުން ބައިކޮޅަށް ވަން ގޯލުން ސިޓީން ލީޑުނެގި މި މެޗުގައި ލައިޕްޒިގުން ވަނީ ދެ ވަނަ ހާފުގެ ހަތަރު ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖަަހައިދިނީ ރިޑްލް ބަކޫ އެވެ.
ސިޓީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ މެޗުގެ 58 ވަނަ މިނިޓްގައި އެންޒޯ ފެނާންޑޭސް އެވެ. އެކަމަކު، އޭގެ ތިން މިނިޓް ފަހުން، ލައިޕްޒިގުން ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖަހައިދިނީ އެންޓޯނިއޯ ނޫސާ އެވެ. ސިޓީ މޮޅުވި ލަނޑު ޖެހީ 78 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް އެވެ.







