މެންޗެސްޓާ (ނޮވެމްބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރޯމާ އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން މިހާރު ދިމާވެފައި އޮތް އުނދަގޫ ހާލަތުން އަރައިގަންނަން ހަމަނޭވައެއްލައިފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި، ޗެލްސީ އަތުން ޔުނައިޓެޑަށް ބަލިވުމާ އެކު، 1988-1989 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑު ވަނީ މޮޅެއް ނުލިބި ޖެހިޖެހިގެން ނުވަ މެޗު ނިންމާލައިފަ އެވެ. މިއީ، މިދިޔަ 40 އަހަރު ތެރޭގައި ޔުނައިޓެޑަށް ލީގުގައި އެންމެ ދަށް ފެށުމެވެ. އަދި، މިދިޔަ 38 އަހަރު ތެރޭ އައި އެންމެ ދަށް ފޯމެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ފުރަތަމަ 18 މިނިޓް ތެރޭ ރޯމާ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، މެޗުގެ 11 ވަނަ މިނިޓްގައި މަޓިއަސް ސޫލާގެ ލަނޑުން ރޯމާ އިން ލީޑުނެގިއިރު، އޭގެ ހަތް މިނިޓް ފަހުން، ޑޮންޔެލް މާލެންގެ ޕެނަލްޓީން ލީޑުފުޅާކުރި އެވެ. މި ޕެނަލްޓީ ދިނީ ޔުނައިޓެޑްގެ ޑިފެންޑަރު، އެއިޑަން ހެވަން އަތުގައި ބޯޅަ ޖެހުމުންނެވެ. ތިން ވަނަ ގޯލެއް ޖަަހަން ރޯމާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް ނުރުހުން ފާޅުކުރުމުގެ ގޮތުން، ސަޕޯޓަރުން ވަނީ ރޭގެ މެޗުގައި ދަނޑަށް ކާއެއްޗެއްސާއި ޓެނިސް ބޯޅަ އުކަައިފަ އެވެ. އެ ޓީމު މެޗުން މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ތިން ގޯލުންނެވެ. ޔުނައިޓެޑްގެ ފުރަތަމަ ލަނޑަކީ، 58 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. ފެނާންޑޭސް މި ޕެނަލްޓީ ކާމިޔާބުުކުރީ ދެ ވަނަ ފަހަރަށް ޖަހަން ދިން ފުރުސަތުގަ އެވެ. ފެނާންޑޭސް، ފުރަތަމަ ފޮނުވާލި ޕެނަލްޓީ ރޯމާގެ ކީޕަރު، ވަޒްކޭޒް މަތަކުރި ނަމަވެސް، އޭރު ރޯމާ ކުޅުންތެރިން އަވަހަށް ޕެނަލްޓީ އޭރިއާ އަށް ވަނުމުން ދެ ވަނަ ފަހަރަށް ފޮނުވާލަން ދިނީ އެވެ.
މެޗުގެ 83 ވަނަ މިނިޓްގައި މަޓެއުސް ކޫންޏާ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު ޖަަހައިފަ އެވެ. މިއީ، ރޯމާގެ ޑިފެންޑަރު، ލިއޮނާޑޯ ބެލާޑީ ހެދި ގޯހެއްގެ ފައިދާނަގައި އޭރިއާތެރެއިން ކޫންޏާ ޖެހި ގޯލެކެވެ. ފުރަތަމަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، ކޫންޏާ ވަނީ އިތުރު ލަނޑެއް ޖަހައި، ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. އަދި، އުފާފާޅުކުރިއިރު، ޖޯޒީ ބޭލުމާ ގުޅިގެން ރީނދޫ ކާޑެއް ދެއްކިއިރު، އިތުރު ވަަގުތުގެ ފުރަތަމަ މިނިޓްގައި ބެލާޑީ އަށް ކުރި ފައުލަކަށް ދެ ވަނަ ރީނދޫ ކާޑާ އެކު ކޫންޏާ އަށް ވަނީ ރަތެއް ދައްކައިފަ އެވެ.
މި މޮޅާ އެކު، ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް އޮތް ޕްރެޝަރަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ. މިއީ، މި ސީޒަނުގައި ކުޅުނު 13 މެޗުގެ ތެރެއިން ޔުނަައިޓެޑް މޮޅުވި ތިން ވަނަ މެޗެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އިން ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ބާސެލޯނާ އަތުން 3-0 އިން ބަލިވެފަ އެވެ. މި މެޗުގެ ހަތް ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގީ ލަމީން ޔަމާލް ޖެހި ގޯލުންނެވެ. އަދި، މެޗުގެ ދެ ވަނަ ހާފުގައި ރަފީނިއާ ވަނީ ބާސެލޯނާ އަށް ދެ ގޯލު ޖަހައިދީފަ އެވެ.
ވިލާ އިން ދެން އެންމެ އަވަަހަށް ކުޅޭ މެޗު އޮތީ ޔުނައިޓެޑާ ދެކޮޅަށެވެ.







