މެޑްރިޑް (ނޮވެމްބަރު 5) - ރެއާލް މެޑްރިޑްގެ ސަޕޯޓަރެއް ކަމަށްވާ މަޝްހޫރު ޓެނިސް ލެޖެންޑް، ރަފައެލް ނަޑާލް، ރެއާލް މެޑްރިޑްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ނިންމައިފި އެވެ.
މީގެ ދެ އަހަރު ކުރިން ޓެނިހުން ރިޓަޔާކުރި ނަޑާލް ވަނީ ޓެނިސް ގްރޭންޑް ސްލޭމް 22 މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން، ސްޕެއިނަށް އޮލިމްޕިކް ދެ ރަން މެޑަލާއި ޑޭވިސް ކަޕްގެ ފަސް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އުމުރުން 40 އަހަރުގެ ނަޑާލް، ރެއާލްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުމުގެ ބައްދަލުވުން އޮތީ މި މަހު ފަހުކޮޅުގަ އެވެ. އެކަމަކު، މި ވަގުުތު ވެސް ރެއާލްގެ ލީޑަޝިޕާއި ސަޕޯޓަރުންގެ ބޮޑު ތާއީދެއް އޮތް ނަޑާލަށް މަގާމު ކަށަވަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނަޑާލަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލި ކަމުގައި ވިޔަސް އެންމެ މަގުބޫލު އެއް ކުޅިވަރު ސަހުސިއްޔަތު ކަމަށެވެ. އަދި، ސްޕެއިންގެ ކުޅިވަރު ތާރީހުގެ ފުރިހަމަކަން މުޅި ދުނިޔެ އަށް މިސާލެއް ސިފައިގައި ދެއްކުމަށްޓަކައި، ނަޑާލް ފަދަ އެތުލީޓުންގެ އަގު އުފުލިގެންދިއުމަަކީ ކުޅިވަރަށް ފައިދާކުރާނެ ކަމެއް ކަމަށް ރެއާލުން ވަނީ ބުނެފަ އެވެ.
ނަޑާލް ވަނީ، ޑިރެކްޓަރުންގެ ބޯޑަށް އޭނާ ގެނައުމަށް ކުރާ މަސައްކަތަށް މަރުހަބާ ކިއުމުގެ ގޮތުން، އެ ކްލަބްގެ މެމްބަޝިޕް ނަމްބަރު ދައްކާލައިފަ އެވެ. ނަޑާލަކީ ރެއާލްގެ 67778 ވަނަ މެމްބަރެވެ. '
އެކްސްގައި ކުރި ޕޯސްޓެއްގައި ނަޑާލް ވަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ކްލަބްގެ ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށް، އެ ޓީމަށް ހިދުމަތްކޮށްދޭން މި ހުޅުވޭ ފުރުސަތަށްޓަކައި ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.
ރެއާލްގެ ރައީސްކަން 2009 ވަނަ އަހަރުން ފެށިގެން ކުރައްވަމުން އަންނަ ޕެރޭޒް ވަނީ މިދިޔަ ޖޫން މަހު އިތުރު ދައުރަކަށް އިންތިހާބުވެފަ އެވެ. އަދި، ޕެރޭޒް އަންނަނީ ކްލަބް ހިންގުމުގެ މޮޑެލް އަށް ބަދަލުތަކެއް ގެންނަވަމުންނެވެ. އެ ގޮތުން، ޑިރެކްޓަރުންގެ ބޯޑަށް ނަޑާލް ނެގުމަކީ ވެސް ޕެރޭޒްގެ ނިންމެވުމެއް ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.








