ރަސްމާލެ ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ، ދިވެހި ތާރީހުގައި ރައީސް މުހައްމަދު މުއިއްޒުގެ ނަން ލިޔެވިގެންދާނީ ރާއްޖެ ދުށް އެންމެ ދޮގުވެރި ގައްދާރުގެ ގޮތުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމީ ޖަލްސާއެއްގައި މުއިއްޒު ދެއްވި ތަގުރީރަށް ފާޑުވިދާޅުވަމުން އިމްރާން ވިދާޅުވީ، އެއީ ބޭރުފުށުން ވަރަށް ރީތި، އޮމާން އަދި ޖޯސުން ފުރިގެންވާ ގައުމީ ތަގުރީރެއް ކަމަށެވެ. އެހެންކަމުން، ހަގީގަތް ނޭނގޭ މީހަކަށް އެމަނިކުފާނަކީ ގައުމުދެކެ ލޯބިވާ ގައުމީ ބަތަލެއް ކަމަށް ހީވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ހަގީގަތް ދަންނަ ކޮންމެ މީހަކު ވެސް މުއިއްޒަކީ "ދެފުއް ދެގޮތް ދޮގުވެރިއެއް" ކަމަށް ބުނާނެ ކަމަށާއި، ރާއްޖޭގެ ވެރިކަމަށް މިހާތަނަށް އައި އެންމެ ބޮޑު ދޮގުވެރިޔަކީ އެމަނިކުފާނު ކަމަށް ގަބޫލުކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"މި ގައުމުގައި ޒައިނިސްޓުންނާއި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމުގެ މަކަރުވެރި ރޭވުންތައް ރާވަމުން އެހެރަ ހަދާލި ބޮޑެތި ދޮގު. سبحان الله" އިމްރާން ވިދާޅުވި އެވެ.
"ރަސްމާލެ ވިއްކާލުމުގެ އެގްރިމެންޓުގައި ސޮއި ކޮށްފި ނަމަ ރައީސް މުއިއްޒު ދިވެހި ތާރީހުގައި ލިޔެވިގެންދާނީ ދިވެހި ތާރީހު ދުށް އެންމެ ދޮގުވެރި ގައްދާރުގެ ގޮތުގައި."
ރަސްމާލެ ހޯދަން އުޅޭ ބިލިއަނަރާއި ޒަޔަނިސްޓުންނާ ގުޅުން އޮތް ކަމަށް ބުނަނީ ކީއްވެ؟
ރަސްމާލެ މަޝްރޫއު ހަވާލުކުރި ޔޫއޭއީގެ ބިލިއަނަރު މުހައްމަދު އަލް އައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮންނަ މީހެއް ކަމަށް ތުހުމަތު ކުރަނީ، 2005 ވަނަ އަހަރު އިޒްރޭލުގެ އިސްވެރިންނާ ސިއްރަށް ބައްދަލުކޮށް ގާޒާގެ ބައެއް ބިންތައް ގަންނަން ހުށަހެޅުމާ ގުޅިގެންނެވެ. މީގެ އިތުރުން އިޒްރޭލާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އޭނާ ކުރާ މަސައްކަތްތަކުގެ ސަބަބުން، ރަސްމާލެ މަޝްރޫއާ މެދު ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން މުއިއްޒު ވައުދުވެ ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަމުންދާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔަހޫދިންގެ މަދަދުވެރިޔާ ޔޫއޭއީގެ އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް "ހުސްނުވާ 99" އަހަރަށް ދޭން ނިންމައި ސެޕްޓެމްބަރު 21، 2026 ގައި ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ ބީލަމަކަށް ލުމެއް ނެތި އެވެ. އަދި އެ ބޮޑު ބިން އަލައްބާރުގެ ކުންފުންޏަށް ގަނޑުކޮށް އެއްވެސް ފައިސާއެއް ނެގުމެއް ނެތި އެވެ.
ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އީގަލް ހިލްސްއިން ވަނީ ރަސްމާލޭގައި ތަރައްގީކުރާ ވިލާތަކާއި އެޕާޓްމެންޓުތައް ގަންނަން ސައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފަ އެވެ.
މި މަޝްރޫއުއަށް ފާޑުކިޔުންތައް އޮހެމުންދާއިރު، އަދި މި މަޝްރޫއު ހުއްޓާލަން އިދިކޮޅު ޕާޓީތަކާއި ދީނީ އިލްމުވެރިން ގޮވާލަމުންދާއިރު، ރޭ ބޭއްވި ނަސްރު ދުވަހުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި ދިވެހިންގެ ފުރިހަމަ މިނިވަންކަމުގެ އިތުރުން ދިވެހިންގެ އަމިއްލަވަންތަކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަގީން ކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން: މުއިއްޒު
ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.
އެކި ގައުމުތަކުގެ މީހުންނަށް ރަސްމާލޭގެ ޕްރޮޕަޓީ ގަނެވޭނެ ކަމަށް، މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. އެހެންވެ، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އެހެން ދީންތައް ތައާރަފުވެ، ރާއްޖޭގެ އަސްލު ވަންތަކަން ގެއްލިގެންދާނެ ކަމަށް އިދިކޮޅު ސިޔާސީ ބައެއް ލީޑަރުންނާއި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވިދާޅުވެފައިވެ އެވެ.
އެންމެ ބޮޑު އިދިކޮޅު އެމްޑީޕީން ވެސް ވަނީ ރަސްމާލެ ވިއްކާލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާފަ އެވެ. އަދި އެފަދަ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވެ އެވެ.
ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި ބުނެފި
"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.
ރަސްމާލެ ޕްރޮޖެކްޓު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން ތައްޔާރު ކުރި ތަހުގީގީ ދިރާސާއެއްގައި ވެސް ބުނެފައިވެ އެވެ.
ރަސްމާލޭގެ އެއްބަސްވުން ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމި އެވެ. ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުން މުރާޖާއަކޮށްދޭން އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.







