އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް މިއަދު އެޖެންޑާކޮށްފި އެވެ.
ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އޮގަސްޓް މަހު މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި ތިއްބަވާ 13 މެންބަރުންގެ ސޮޔާއެކުގަ އެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ ސައީދުއާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ ހަ ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ.
ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބުތައް
- ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުން
- ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއްނެތި މައްޗަށްގޮސް، ތަކެތީގެ އަގު އިންތިހާއަށް އުފުލުން
- ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުން
- އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން
- އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން
- ބިޔަ މަޝްރޫއުތަކެއް އިއުލާނު ކުރުމަށްފަހު ހުރިހާ މަޝްރޫއުތަކެއް ހުއްޓިފައި ހުރުން
މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން ޑޮލަރުގެ ރޭޓު 15.42ރ. އަށްވުރެ ތިރިކުރާނެ ކަމަށް ކުރިން ވައުދުވެ ރައްޔިތުންނަށް ބޮޑު އޮޅުވާލުމެއް ސައީދު އޮޅުވާލެއްވި ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ. ނަމަވެސް އެ ރޭޓަށް އަދިވެސް ޑޮލަރުގެ އަގު ނުވެއްޓެ އެވެ.
"2024 ވަނަ އަހަރު ޑިވެލޮޕްމަންޓް ބޭންކް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ވަޒީރު ވައުދުވެވަޑައިގަތަސް، މިއަދާ ހަމައަށްވެސް އެއްވެސް އޮޕަރޭޝަނެއް ނުފެށި، މާޗު 2025 އާ ހަމައަށް 6.56 މިލިއަން ރުފިޔާ އެ ބޭންކަށް ހޭދަކޮށްފައިވާއިރު، މިއީ ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ސާފު މިސާލެއް،" އެ މައްސަލާގައި ބުނެފައިވެ އެވެ.
މިއީ މި ސަރުކާރުގެ ވަޒީރަކާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކުރިއަށްގެންދާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް، ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ އެ ދެ މައްސަލަ ވެސް ފެއިލުކޮށްލާފަ އެވެ.








