ނަސްރުގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި, ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި އެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅުވަ އެވެ. އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެދުމާ ހިލާފަށް ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
"ގައުމަށް ފައިދާހުރި އިންވެސްޓްމަންޓްތަކެއް ނަމަ، އެކަންކަން ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް ހާމަކުރަން ޖެހޭނެ. މިއަދު ކުރާ ކަމެއްގެ ނަތީޖާ މާދަމާ އިދިކީލިކޮށް ނުކުމެދާނެތީ އެއީ އޮތް ބޮޑު ބިރެއް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ނަސްރުގެ ދުވަހުގެ ހާދިސާއިން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ ދިވެހިންގެ ހިތްތަކުގައި ގައުމީ ލޯތްބާއި ރޫހު އޮތް މިންވަރު ކަމަށެވެ. އަދި, މި ބިން ބޭރުގެ ނުފޫޒެއްގެ ދަށަށް ދިޔަ ނުދިނުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަމިއްލަ އިހްތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް. ރައްޔިތުންގެ އަޑުއަހައި އެމީހުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިހުތިރާމް ކުރަންޖެހޭނެ." ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުރިމަގު ބައްޓަންކުރަންވާނީ އަންނަން އޮތް ޒުވާން ޖީލަށް ފުރުސަތުތައް ފަހިވާނެ ގޮތަކަށް ކަމަށެވެ.
މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހަކީ ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނުން ނަސްރު ލިބުނުތާ 38 އަހަރު ފުރުނު ދުވަހެވެ. އެ ނުރައްކާތެރި ހަމަލާގައި ސިފައިންގެ އަށް ބޭކަލަކާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ޝަހީދުވި އެވެ.








