ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި ދިވެހިންގެ ފުރިހަމަ މިނިވަންކަމުގެ އިތުރުން ދިވެހިންގެ އަމިއްލަވަންތަކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރައްވަނެ ކަމަށެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ފުރިހަމަ ޔަގީން ކަމަކީ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާންވަންތަކަން، ދިވެހީންގެ ފުރިހަމަ މިނިވަންކަން، ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް އަދި ނިންމަވާ ކޮންމެ ނިންމެވުމެއް ވެސް ނިންމަވާނީ ގައުމީ ހުރިހާ ބަހާތަކަށް ފައިދާވާނެ ގޮތަށް އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
"އަޅުގަނޑު އަޅާ ކޮންމެ ފިޔަވަޅެއް ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ދިވެހި ގައުމީ އެންމެހާ ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކާކަން. އެ މާތް މަގުސަދުގައިކަން. އެގޮތުން ދިވެހި ރައްޔިތުންނަށް މާ ތަރައްގީ އާ ހަޔާތެއް ހޯދައިދިނުމުގެ މަތިވެރި އުފަލާއި ޔަގީންކަމާ އެކުގައިކަން،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ގައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރުވާ ގައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނެފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިންގިލާބީ ބަދަލުތަކާ ކުރިމަތިލުމުން ރައްޔިތުން އެދޭ އެތެރޭގެ ތަރައްގީއަށް ދައުލަތުގައި ފުދުންތެރިކަން ގާއިމުވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭގެ ސަބަބުން ބޭރު ދުނިޔެއާ މުއާމަލާތް ކުރުމުގައި ދިވެހި ދައުލަތުގެ އިގްތިސާދީ މައިކަށި ހަރުދަނާވެ، އިގްތިސޯދީ މިނިވަންކަންވެސް ލިބޭނެ ކަމަށެވެ.
މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ މި ސަރުކާރުން ހިއްކަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމަށް ނިންމަވާފައި ވަނިކޮށެވެ.
ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ގާނޫނުތައް ހުއްދަ ކުރާ ކަމަކަށް ނުވާތީ ސަރުކާރުން އުޅެނީ އެ ޕްރޮޖެކްޓަށް ފަހިކުރަން ގާނޫނުތަކެއް ހަދާށެވެ. އަދި މި މަހުގައި އެގްރިމެންޓުގައި ދާއިމީ އެގްރިމެންޓުގައި ސޮއި ކުރެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.








