ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ވިއްކެވި އެއް ޖަޒުބާތަކީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯއްދަވައިދެއްވާނެ ކަމުގެ ވައުދެވެ. ނަމަވެސް، ވެރިކަމަށް ތިން އަހަރު ފުރެން އެންމެ ދެ ހަފުތާއަށް ވެފައި ވަނިކޮށް، ކުއްލި ގޮތަކަށް "ކަނޑު ކޮމިޝަން" އެއް އުފެއްދެވުން ގިނަ ސުވާލުތަކެއް އުފެދެ އެވެ.
ވޭތުވެދިޔަ މުއްދަތުގައި ކަނޑު ހޯދުމުގެ ނަމުގައި ސިޔާސީ ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތައް ފިޔަވައި، މިކަމުގައި ގާނޫނީ ގޮތުން ބުރަދަން ހުރި ހެއްކެއް ނުވަތަ ބައިނަލްއަގުވާމީ މައިދާނުގައި ހޯދުނު ކުރިއެރުމެއް ނެތެވެ. އެހެންކަމުން މިއީ ހަގީގަތުގައި ވެސް ކަނޑު ހޯދަން އެޅި ފިޔަވަޅެއްތޯ ނުވަތަ މިއީ ސިޔާސީ ގޮތުން ފެށި އައު ކުޅިގަނޑެއްތޯ ސުވާލު އުފެދެއެވެ.
މި ކޮމިޝަން އުފެއްދި ވަގުތަށް ބަލާއިރު، މިއީ އިއްތިފާގަކަށް ވުމަށްވުރެ ބޮޑަށް ރޭވިގެން ހިންގި އަމަލެއްކަން ވަރަށް ސާފެވެ. ދިވެހި ބިމުން ވެލިފުކެއް ވެސް ބޭރު ބަޔަކަށް މިލްކުކޮށް ނުދެއްވާނެކަމަށް ވިދާޅުވި ވައުދު މުގުރާލައްވައި، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ރަސްމާލެ ބީލަމަކަށް ނުލައި ހިލޭ ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން ނިންމި ނިންމުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ގަރާރެއް ފާސްކުރަން ތައްޔާރުވަމުން ދިޔައީ ހަމަ މި ދަނޑިވަޅުގައެވެ. ހައްސާސް މައްސަލައެއްގައި ވާދަވެރިންގެ ގައުމީ މަޖިލީސް ބާއްވަން ތާވަލްކޮށްފައި އޮއްވައި ކުއްލިއަކަށް ކޮމިޝަނެއް އުފެއްދުމަކީ، ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި، ރަސްމާލޭގެ ބޮޑު މުއާމަލާތުން ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ބޭނުންކުރި ހަތިޔާރެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ރިޔާސީ ކޮމިޝަންތައް ހެދުމަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އާ ކަމެއް ނޫނެވެ. ވޭތުވެދިޔަ 20 އަހަރަށް ނަޒަރު ހިންގާލާއިރު، އެކި ނަންނަމުގައި އުފެއްދި ކޮމިޝަންތަކުން ނެރުނު ނަތީޖާ ސުމެކެވެ. އެ ކޮމިޝަންތައް ވެފައިވަނީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އިސްރާފުވެ، ރައްޔިތުންގެ އަގުހުރި ވަގުތުތަކެއް ބޭކާރުވެގެންދިޔަ ތަންތަނަށެވެ.
ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ފުލުހުންނާއި، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް ބަރާބަރަށް ހިންގަމުން ދަނިކޮށް އޭގެ ބޭރުން ކޮމިޝަންތައް ހެދުމަކީ ދައުލަތުގެ ނިޒާމުތައް ބަލިކަށިކޮށް، މައްސަލަތައް ދިގުދަންމާލަން ކުރާ ކަމެކެވެ. ނުވަތަ ސިޔާސީ ބޭނުންތަކެއް ފުއްދަން ކުރާ ކަމެކެވެ. ކަނޑުގެ މައްސަލަވެސް ބަލަންވާނީ ދައުލަތުގެ ރަސްމީ އިދާރާތަކުންނެވެ. އޭރުން މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުވެ، މާލީ ގޮތުން ދައުލަތަށް ވާ ގެއްލުން ކުޑަވެގެންދެ އެވެ.
މުއިއްޒުގެ އަމަލުތަކަށް ބައްލަވާށެވެ. އެ ވިއްކާލީ "ވެލިފުކެއް" ނޫނެވެ. 500 ހެކްޓަރުގެ ބިމެވެ. އެތަނަށް ދައުލަތުން ކުރި ހަރަދު ހާމަނުކޮށް އޮތްވައި، އަދި އެތަނުން ގޯތި ދޫކުރަން އިއުލާނުކޮށް އެތައް ހާސް ބަޔަކު ކުރިމަތިލާފައި ވަނިކޮށް އެ މީހުންނަށް ގޯއްޗެއް ކަނޑާފައި ދިނުމުގެ ކުރީންގެ
"ދިވެހީންގެރާއްޖޭގެ" ޝިއާރުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ބިން ފުރަތަމަ އެ ދެއްވަނީ ބިދޭސީއަކަށެވެ.
ޔަހޫދީންގެ މަދަދުވެރިޔާ އަލައްބާރު ތަރައްގީކުރާ ރަސްމާލޭގެ މަޝްރޫއުއާ ދެކޮޅަށް ދިވެހީން އަޑު އުފުލަމުން ދަނީ ތަރައްގީ އާއި އިންވެސްޓުމެންޓު ބޭނުން ނުވެގެނެއް ނޫނެވެ. އެމަޝްރޫއުގެ ފެށުމެއް، ކޮޅެއް މެދެއް ނޭނގެނީ ސަރުކާރުން އެކަން ސިއްރުކުރާތީ އެވެ.
ސިއްރުކުރާ މިންވަރަކީ ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު ކެބިނެޓުން ނިންމި ނިންމުން އަދިވެސް ރަސްމީކޮށް ހާމަނުކޮށް އޮތުމެވެ. އެފަދަ ނިންމުމެއް ސިއްރުކޮށްފައި ބޭއްވުމަކީ ގާނޫނުއަސާސީއަށް ހިޔާނާތްތެރިވުމެވެ.
ހަގީގަތުގައި ވެސް ދިވެހީން ތަރައްގީ ބޭނުން ނުވަނީއެއް ނޫނެވެ. ތަރައްގީ ގެންނަންވާނީ މި ދިވެހިރާއްޖެ އެކަތިގަނޑެއްގެ ގޮތުގައި ސުލުހަވެރިކަމާއެކު ހިފަހައްޓައިދިން މައިގަނޑު ތަނބުކަމުގައިވާ އިސްލާމް ދީނަށް ކިތަންމެ ކުޑަވެސް ލޮޅުމެއް ނާރާނެ ގޮތަކަށެވެ. ނަމަވެސް ބުނާ ބުނެލުން ފިޔަވައި އެކަން ނުވާނެކަމުގެ ހެއްކެއް ނުދެއްކެ އެވެ.
މި މަޝްރޫއުއާ ގުޅިގެން މުއިއްޒަށް ފާޑުކިޔުން އަމާޒުވުމުން، ކޮންމެ ފަހަރަކު ހައްލުކުރައްވަން މަސައްކަތް ކުރައްވަނީ މަޝްރޫއާމެދު ރައްޔިތުންގެ ހިޔާލު ބަދަލުކުރުމަށެވެ. އެކަމަށްޓަކައި ލައްކަ ގިނަ ކަންކަމާއި ހޭދަ އެބަ ކޮށްލަ އެވެ. ދިވެހިން ކަންބޮޑުވުން ފާޅުކޮށް، ސޯޝަލް މީޑިއާ ބަންޑުންވާ ވަރަށް މަޝްރޫއު ހުއްޓާލަން ގޮވަމުންދާ އަޑު މުއިއްޒަށް އިވެ އެވެ. ނަމަވެސް މަޝްރޫއު ހުއްޓާނުލެވިގެން އުޅެނީ ކޮންފަދަ އެއްޗެއްގެ ބާރުން ކަމެއް ނޭނގެ އެވެ. ގައިމު ވެސް އެއީ އާދައިގެ ކަމެއް ނޫނެވެ.
ދިވެހި ރައްޔިތުން ވިސްނާލާށެވެ. މުއިއްޒު ބަދަލެއް ނުވެ އެވެ. އެމަނިކުފާނުގެ މައްޗަށް އުފެދިފައި ހުރި ތުހުމަތުތަކާއި އޭސީސީގައި ހުރި މައްސަލަތަކަށް ބަލާއިރު، މިއަދު އާ ގޮތަކަށް ތަކުރާރުވަމުން މިދަނީ ހަމަ އެމަނިކުފާނުގެ މާޒީ އެވެ. ދިވެހިންގެ ލޮލުގައި ކަނޑުގެ ނަމުގައި އަނދުން އަޅުވައި، ފަރުދާގެ ފުރަގަހުން ރަސްމާލެ ފަދަ ބޮޑެތި ބިންތައް ބީލަމަކާ ނުލައި ބޭރު ބަޔަކަށް ދިނުމަކީ އެ މާޒީގެ ތަޖުރިބާއިން އައިސްފައިވާ އުކުޅެވެ. ކެރުމެވެ. ދިވެހި ގައުމަށް ރަހުމެއް ނެތުމެވެ.
މިއަދު އުފެއްދި "ކަނޑު ކޮމިޝަން" އަކީ ގެއްލުނު ކަނޑު ހޯދުމުގެ އިހުލާސްތެރި ނިޔަތެއްގައި އުފެއްދި ކޮމިޝަނެއްކަމަށް ގަބޫލުކުރަން ދަތިވަނީ މި ސަބަބުތަކާ ހުރެއެވެ. އެއީ ރަސްމާލެ ވިއްކާލުމުގެ ބޮޑު މައްސަލައިން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށާއި، ސިޔާސީ ވާދަވެރިންނަށް ހަމަލާދިނުމަށް އުފެއްދި ތަނެކެވެ. ދިވެހިން މިއަދު ބޭނުންވަނީ ނަތީޖާ ނުނެރެވޭ، ދައުލަތުގެ ފައިސާ އިސްރާފުކުރާ ކޮމިޝަންތަކެއް ނޫނެވެ. ދައުލަތުގެ ދުސްތޫރީ އިދާރާތައް މެދުވެރިކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަންކަމުގެ ހަގީގަތް ހާމަވުމަށެވެ.
---
ސިޓީބިޓީ:
މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި، އިސްލާހުކުރަން ބޭނުންވާ ކަންކަމާއި، ނުވަތަ އާންމުންގެ ސަމާލުކަމަށް ގެންނަން އެދޭ މުހިންމު ވާހަކަތަކެއް އެބަހުރި ހެއްޔެވެ؟
އަދަދު ނޫހުގެ "ސިޓީބިޓީ" ކޮލަމަކީ ހަމައެކަނި ތިޔަބޭފުޅުންގެ އަޑު އިއްވުމަށް ހާއްސަކުރެވިފައިވާ ސެގްމެންޓެކެވެ. ކުދި ބޮޑު ކޮންމެ ކަމަކަށް ވިޔަސް، މުޖުތަމައުގެ ވިންދާ ގުޅިފައިވާ ކަންކަމުގައި ކިޔުންތެރިންގެ ހިޔާލާއި ޝުއޫރުތައް ފާޅުކުރައްވާށެވެ.
ހިޔާލު ފޮނުއްވުމުގައި ސަމާލުކަންދޭންވީ ކަންކަން:
- ލިޔުންތައް ވީހާވެސް ކުރު، އަދި ސީދާ މައުޟޫއަށް ބިނާވެފައިވުން.
- ހަގީގަތާ ހިލާފު ވާހަކަތައް ނުހިމެނުން.
- ބޭނުންނަމަ ސިއްރު ނަމެއްގައިވެސް ލިޔުން ޝާއިއުކުރެވޭނެ
- އީމެއިލް ކުރައްވާނީ: info@adhadhu.com އަށެވެ.
ގަލަމުގެ ބާރު ބޭނުންކުރައްވައިގެން، މުޖުތަމައު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާށެވެ.







