ރައްޔިތުންގެ ބަހެއް ނެތި ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ރަސްމާލެ މަޝްރޫއު ދޭން ރައީސް މުހައްމަދު މުއިއްޒަށް އަމިއްލަފުޅަށް ނުނިންމެވޭނެ ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުމުގައި ޒަރިޔަންދު ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ކުރިއަށް އޮތް ޖީލުތަކާ ގުޅިފައިވާ ކަމަކަށް ވާއިރު، ރައްޔިތުން ގާތު ނާހައި އެފަދަ ނިންމުމެއް ނިންމުމުގެ އެއްވެސް ހައްގެއް ރައީސަށް ނޯންނާނެ ކަމަށެވެ.
"ރަސްމާލެ ޕްރޮޖެކްޓު ޔަހޫދީންނާ ގުޅުންހުރި ފަރާތަކަށް ދޭނީތޯ ނުވަތަ ނުދޭނީތޯ، އެ އެހުން ނާހާ ޑޮކްޓަރ މުއިއްޒު އަމިއްލަޔަށް ނިންމަވައިގެން މިކަން ކުރުމުގެ އެއްވެސް ހައްގެއް އެއްވެސް ފުރުސަތެއް ނޯންނާނެ،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު ވަނީ މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވައިފަ އެވެ. އަދި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުވަން މި މަހުގެ 6 ގައި ބާއްވާ އެއްވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެ ދުވަހުގެ އެއްވުމަށް ހުރަސްނޭޅުމަށް ސަލާމަތީ ބާރުތަކަށް ޒަރިޔަންދު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ، އެބޭފުޅުން ހުރަސްއަޅަން އެ އުޅެނީ ގައުމުގެ މުސްތަގުބަލުގެ ސަލާމަތަށް މަސައްކަތްކުރާ ބައެއްގެ މަސައްކަތަށް ކަމަށެވެ. އަދި، ގައުމު ހަލާކުކުރާ ހާއިނުންގެ ތެރޭގައި ސިފައިންނާއި ފުލުހުން ޝާމިލުވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ ފަރާތުގެ ކަންކަން އަމިއްލައަށް ބަލައި މުތާލިއާކުރުމަށް ސިފައިންނަށާއި ފުލުހުންނަށް ގޮވާލަން. އަޅުގަނޑުމެން 6 ވަނަ ދުވަހު މި ކުރާ މަސައްކަތަށް ހުރަސް ނާޅާ" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރޭގައި ވެސް ތިބޭނީ ދިވެހި މުސްލިމުން ކަމަށެވެ. އަދި އެބޭފުޅުންގެ ދަރިންނަށް ވެސް ކުރިއަށް އޮތް ތަނުގައި ގައުމުގައި އުޅެވެން އޮތީ މި ނުރައްކާ ހުއްޓުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމާލެ ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމުގެ ކުރިން ރިފަރެންޑަމަކަށް ދާން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ.
މިހެން ނަމަވެސް މިއަދާ ހަމައަށް ސަރުކާރާއި ސަރުކާރު ހިންގާ ޕީއެންސީގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ މި މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބޭރުކޮށްލާފަ އެވެ. އަދި، މިއީ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމެއް ނޫން ކަަމަށް ވެސް އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މަޖިލިސް މެންބަރުން ވަނީ ބުނެފަ އެވެ.








