ރައީށް މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަން ތަސައްރަފު ނުފުދޭ ކަމަށާއި، އިސްލާމީ ދައުލަތެއްގައި ވެރިކަން ކުރަން އެމަނިކުފާނު ކުފޫ ހަމަނުވާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި، ރާއްޖޭގެ ބިންތައް ބޭރުގެ ޣައިރު މުސްލިމުންނަށް ދެމުންދާ ކަމަށް ތުހުމަތުކުރައްވައި ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މުއިއްޒު ވެރިކަން ކުރާކަށް ތަސައްރަފެއް ނުފުދޭ. ގެޔަށް ކަނޑާލާށޭ، ގެޔަށް ދާށޭ، ގެޔަށް ދާށޭ. އެއީ މީގެ ކުރިއަކުންނެއް އަޅުގަނޑުމެންނަކަށް އެއްވެސް ވެރިއަކު ނުފެނޭ މި ގޮތަކަށް ބިން ބޭރު ބަޔަކު ވަޒަންވެރިކުރާކަށް ދިން ތަނެއް އަދި މި ދެނީ ޣައިރު މުސްލިމުންނަށް، ޔަހޫދީންނަށް މި ދެނީ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
މުއިއްޒަކީ މާއްދިއްޔަތަށް ގެއްލި ހުސްވެފައިވާ ބޭފުޅެއް ކަމަށް ސިފަކުރައްވައި، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީއާ ހަވާލާދެއްވައި ޔާމީން ވިދާޅުވީ މި ސަރުކާރަކީ އިސްލާމީ ސިފަހުރި ވެރިކަމެއް ނޫން ކަމަށާއި މިއީ މުޅިން "ސެކިއުލާ" ވެރިކަމެއް ކަމަށެވެ.
ބީލަމަކަށް ނުލައި ރަސްމާލެއިން 500 ހެކްޓަރުގެ ދިނުމަށް މުއިއްޒު ނިންމާފައިވަނީ ޔަހޫދީންގެ ވާގިވެރިޔާ ޔޫއޭއީއަށް އުފަން އަލައްބާރުގެ ކުންފުނި، އީގަލް ހިލްސްއަށެވެ.

އެއްބަސްވުމުގައި ސޮއިކޮށްފި ނަމަ މުއިއްޒު އަށް ރާއްޖޭގެ ވެރިކަމުގައި ނުހުންނެވޭނެ ކަމަށާއި ރާއްޖޭން ބޭރަށް ވަޑައިގެން ވެސް ފިއްލަވާ ނޯއްވެވޭނެ ކަމުގެ އިންޒާރު ޔާމީން ދެއްވި އެވެ.
ރަސްމާލެ ދިނުމުގެ ކޮމާޝަލް ޓާމްސްގައި ސޮއިކުރީ ސެޕްޓެމްބަރު 21 ގަ އެވެ. މި މުއާމަލާތުގެ އަސްލު އެއްބަސްވުމުގައި ނޮވެމްބަރު 17 ގެ ކުރިން ސަރުކާރުން ސޮއިކުރަން ތައްޔާރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.












