ހުޅުމާލޭގައި ހުންނަ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓު ހިންގުން ހުއްޓުވޭނެފަދަ އަމަލެއް ނުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްޗަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން އިއްޔެ ނެރެފި އެވެ.
އެޗްޑީސީގެ ޣައިރު ހާޒިރުގައި އެ ކޯޕަރޭޝަންގެ މައްޗަށް ނެރުނު މި އަމުރުގައި ބުނެފައިވަނީ ސޮލާރިސް ހޮސްޕިޓޭލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ރިވެލި ބީޗް ރެސްޓޯރަންޓާ ގުޅޭ މައްސަލައިގައި ކޯޓުން ހުކުމްކުރަންދެން ނުވަތަ އެ މައްސަލައާ ގުޅިގެން ވަކި ގޮތެއް އަންގަންދެން ރެސްޓޯރަންޓުގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށެވެ.
އެ އަމުރުގައި ރިވެލި ބީޗް ރެސްޓޯރަންޓުގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް މިހާތަނަށް އެޗްޑީސީން ކޮށްފައިވާނަމަ އެކަމެއްވެސް އަލުން އިޔާދަކުރުމަށވެސް އެ ކޯޕަރEޝަނަށް ވަނީ އަންގާފަ އެވެ.
މި އަމަރު މިގޮތަށް ނެރުނީ މި މައްސަލައަކީ ކުލީ އެއްބަސްވުމަކާ ގުޅޭ ކަމަކަށް ވާތީ، ސޮލާރިސް ހޮސްޕިޓޭލިޓީއަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމުވެފައި އޮތުމުން ކަމަށް އަމުރުގައި ބުނެފައިވެ އެވެ.
ކޯޓުން އިއްޔެ މި އަމުރު ނެރެފައިވާއިރު، އެޗްޑީސީން ހަމަ އިއްޔެ ކުރި އިއުލާނުގައި ބުނީ، ރިވެލި ބީޗް ރެސްޓޯރަންޓު ހިންގާ ބިމަށް ކުލި ނުދައްކާ ގިނަ ދުވަސްވުމުން ސޮލާރިސް ހޮސްޕިޓޭލިޓީއާއެކު ހަދާފައިވާ އެއްބަސްވުން އިއްޔެއިން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
"ވީމާ މިއަދުން ފެށިގެން މި ބިން ނަގަން ނިންމާފައިވުމާ ގުޅިގެން ސޮލާރިސް ޕްރައިވެޓް ލިމިޓެޑަށް ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ހިދުމަތެއް ވެސް ނުދެވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަން،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
އެ ނިންމުން ނިންމުމުގެ ކުރިން ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތު ގެމަތިން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތު ދީފައިވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ރިވެލި ބީޗް ރެސްޓޯރަންޓަކީ ހުޅުމާލެ ރުއްގަނޑު އެކެއްގައި ހިންގާ ރެސްޓޯރަންޓެކެވެ. އެ ރެސްޓޯރަންޓު އެއީ، އެގޮތަށް އަތިރިމައްޗާ އެހައި ގާތުގައި އެގޮތަށް ހުޅުމާލޭގައި ހިންގުމުގެ ހުއްދަ އެޗްޑީސީން ދީފައި ހުންނަ ހަމަ އެކަނި ރެސްޓޯރަންޓެވެ.








