ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލާފައިވާ ކަމަށް އެ ގައުމުގެ އިރުމަތީ ސަރުކާރުން ހާމަކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އެ ގައުމުން ވަނީ މިކަން ކުށްވެރިކޮށްފައެވެ.
އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މި ހާދިސާ ގުޅޭ ގޮތުން ލީބިޔާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަނަވަރު ބެންގާޒީ ބަނދަރަށް މަޑުކުރީ ރަޝިއާއަށް އެނބުރި ދިޔުމުގެ މަގުމަތީގައި ތެލާއި ކާބޯތަކެތި ހޯދުމަށެވެ. މި ގޮވުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އިރުމަތީ ސަރުކާރުން ބުނެފައިވީ ނަމަވެސް، ރަޝިއާގެ ފަރާތުން މިހާތަނަށް ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ހަމަ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ބެންގާޒީގެ އައްސޭރިފަށުން ދަތުރުކުރި އެހެން ވިޔަފާރި އުޅަނދަކަށް ވެސް ހަމަލާދީފައިވާ ކަމަށާއި، އެ އުޅަނދުން އަނިޔާވި ބަޔަކަށް ފަރުވާދެމުންދާ ކަމަށް ސިއްހީ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ހާދިސާގެ ވީޑިއޯތަކާއި ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ހަމަލާ އަމާޒުވި މަނަވަރުގައި ވަނީ ބޮޑު އަލިފާންގަނޑެއް ރޯވެ، ދުން އަރަން ފަށާފަ އެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާއަކުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ހަމަލާދީފައިވަނީ ރަޝިއާގެ ކަނޑުގެ ސިފައިންގެ ސްޓެރެގުޝްޗީ ކްލާސްގެ ކޯވެޓް "މާކަރީ" އަށެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މި މަނަވަރުގެ ބޮޑު ބައެއް މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ.
ލީބިޔާގެ އިރުމަތީގައި އޮންނަ ގަވަރްމަންޓް އޮފް ނޭޝަނަލް ސްޓެބިލިޓީން ބުނި ގޮތުގައި، ރަޝިއާގެ މި މަނަވަރު ބަނދަރުގައި އޮތީ ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ހަމަލާއަކީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ސިފަކޮށް، އެ ސަރުކާރުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ލީބިޔާއަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ބައިވެރިއެއް ނޫން ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޓްރިޕޮލީގައި އޮންނަ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރުން ވަނީ ބޭރުގެ އަސްކަރީ ބާރުތަކަށް ލީބިޔާގެ ބަނދަރުތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ އިންޒާރު ދީފަ އެވެ. މިފަދަ ކަންކަމުގެ ސަބަބުން ބޭރުގެ ހަނގުރާމަތަކުގެ ތެރެއަށް ލީބިޔާ ވަދެ، ރައްޔިތުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އެ ސަރުކާރުން ބުނެފައިވެ އެވެ.
މި ހަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން ރަސްމީކޮށް ކަށަވަރު ނުވި ނަމަވެސް، މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ޔޫކްރެއިންގެ ހަމަލާއެކެވެ. ރޯޔަލް ޔުނައިޓެޑް ސާވިސަސް އިންސްޓިޓިއުޓްގެ މުހައްލިލު ޖަލޭލް ހަރްޗައުއީ ވިދާޅުވި ގޮތުގައި، މިފަދަ ހިތްވަރުގަދަ ހަމަލާއެއް ދިނުމުގެ ގާބިލުކަން ހުރި ހަމައެކަނި ފަރާތަކީ ޔޫކްރެއިންނެވެ. މީގެ ކުރިން މާރިޗު މަހު ވެސް މެޑިޓެރޭނިއަން ކަނޑުގައި އޮތް ރަޝިއާގެ ތެޔޮ ޓޭންކަރަކަށް ޔޫކްރެއިންގެ ޑްރޯން ހަމަލާތަކެއް އަމާޒުވި ކަމަށް ރަޝިއާއިން ތުހުމަތުކޮށްފައިވެ އެވެ.
މި ހަމަލާއަކީ ރަޝިއާގެ އިގްތިސާދަށް ދިން ގެއްލުމެއްގެ އިތުރުން، ކްރެމްލިންއަށް ލިބުނު ވަރަށް ބޮޑު ލަދެއް ކަމަށް މުހައްލިލުން ދެކެ އެވެ. އަދި މި ހަމަލާއާ ގުޅިގެން، ބެންގާޒީ ކޮންޓްރޯލް ކުރާ ޚަލީފާ ހަފްތާރުގެ ފައުޖުތަކުން ވެސް ރައްދު ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެ އެވެ. މި ހާދިސާ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.







