ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގިޝްމް އައިލެންޑަށް އެމެރިކާއިން ހަމަލާތަކެއް ދީފައިވާ ކަމަށް ސީބީއެސް ނިއުސްއަށް އެމެރިކާގެ އޮފިޝަލުން މައުލޫމާތު ދީފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އެ ރަށުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ.
އެމެރިކާގެ އޮފިޝަލުން މި ހަމަލާތައް ސިފަކުރައްވާފައިވަނީ ވަކި އަމާޒުތަކަކަށް ދިން މަދު ހަމަލާތަކެއްގެ ގޮތުގަ އެވެ. އަދި މި ހަމަލާތަކަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ މަތިންދާބޯޓަކަށް ބަޑިޖެހުމާ ގުޅިގެން، އެކަމުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް އޮންނާނީ ރިޕަބްލިކަން ޕާޓީއަށްތޯ ނުވަތަ ޑިމޮކްރެޓިކް ޕާޓީއަށްތޯ ކަނޑައެޅޭ ދައުރުގެ މެދުން ބާއްވާ އިންތިޚާބު (މިޑްޓާމް އިލެކްޝަންސް) ބޯމަތިވެފައި ވަނިކޮށެވެ.
މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ފެށުނު ހަނގުރާމަ ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ ޕާޓީގެ ތެރެއިން އޭނާއަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ޚިޔާލު ހޯދުމުގެ ވޯޓުތަކުން އޭނާއަށް އޮތް ތާއީދު ވެސް ދަނީ ދަށްވަމުންނެވެ.
ހޯމަ ދުވަހުގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އޭނާ "އަވަސް އަރުވާނުލާ" ކަމަށެވެ.
މީގެ އިތުރުން، ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުން ހުރި ސައިޓެއް ކަމަށްވާ "ޕިކްއެކްސް" އަށް ހަމަލާދޭން އެމެރިކާއަށް ޖެހިދާނެ ކަމަށެވެ.
މިއީ އެހާ "ބޮޑު ކަމެއް ނޫން" ކަމަށާއި، "އެއް ގަޑިއިރު" ތެރޭގައި އެކަން ނިންމާލެވިދާނެ ކަމަށް ވެސް ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.
މިޑްޓާމް އިންތިޚާބަށްފަހު އެމެރިކާއިން އަނެއްކާވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފާނެ ކަމަށް ފާއިތުވި ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އަޑުފެތުރިފަ އެވެ. ނަމަވެސް ހޯމަ ދުވަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ އެކަން ދޮގުކުރައްވާފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިރްނާ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ކުރިން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއެކު "ވަރަށް ވަރުގަދަ" މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.
އަދި ޚާރިޖީ ގޮތުންނާއި އަސްކަރީ ގޮތުން ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް "ކުރިއަށްވުރެ ބޮޑަށް" ތެހެރާން އޮތީ ތައްޔާރަށް ކަމަށާއި، މަޝްވަރާގެ "ބުއްދިވެރި މަގު" ނުވަތަ "އަސްކަރީ ހަމަލާގެ ގޯސް މަގު" އިޚްތިޔާރު ކުރުން އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.







