އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަމާ ގުޅޭ މައުލޫމާތު ހުރި ދެ ފަރާތަކާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެކްކޮށްފައިވަނީ ފެޑަރަލް އަދި ލޯކަލް ފުލުހުން ކުށްވެރިންގެ މައުލޫމާތާއި، ކޯޓު އަމުރުތަކާއި، އަދި މީހުންގެ ކުށުގެ ރެކޯޑު ބެލުމަށް ބޭނުންކުރާ ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރުގެ ޑޭޓާބޭސް އެވެ.
މި ހާދިސާއާ ގުޅޭގޮތުން ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި ހެކިންގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި މިފަދަ ކަންކަން ހިނގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މި ހާދިސާގެ ސަބަބުން މީގެ ކުރިން އެނގިފައި ނުވާ އާ ކަންތައްތަކެއް ދެނެގަނެވިދާނެ ކަމަށްވެސް ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
އެފްބީއައިގެ ޑޭޓާބޭސްއަށް މިފަދަ ހަމަލާއެއް އަމާޒުވެފައި މިވަނީ އެމެރިކާގެ ބޭންކިން ނިޒާމަށާއި، ވައިގެ ދަތުރުފަތުރު ކޮންޓްރޯލްކުރާ ނިޒާމަށާއި، އަދި އެހެނިހެން މުހިންމު ދާއިރާތަކަށް މިދިޔަ ހަފުތާގައި ކުރިމަތިވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލަތަކަކީ ސައިބާ ހަމަލާތަކެއްގެ ސަބަބުން ދިމާވި ކަންކަން ނޫން ކަމަށް އޮފިޝަލުން ވިދާޅުވި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ދަނީ އެކަންކަން ވަރަށް ގާތުން ބަލަމުންނެވެ.
މި ހާދިސާއާ ދިމާކޮށް، ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު ޝޯން ކެއާންކްރޮސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ގާބިލު ބޭފުޅެއް ނޫން ކަމަށެވެ.
މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ސެޕްޓެމްބަރު މަހުވެސް ޝައިނީ ހަންޓާސް ނަމަކަށް ކިޔާ ސައިބަރ ކްރައިމް ގްރޫޕަކުން ވަނީ އެފްބީއައިގެ 38،000 އެއްހާ މުވައްޒަފުންގެ ސިއްރު މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ބުނެފަ އެވެ.
އެފްބީއައިގެ ކުރީގެ އެޖެންޓަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މުވައްޒަފުންގެ އަމިއްލަ މައުލޫމާތު ކުށްވެރިންނާއި ދުޝްމަނު ގައުމުތަކުގެ އަތްމައްޗަށް ދިއުމަކީ މުވައްޒަފުންގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ އެގްރިކަލްޗަރ ޑިޕާޓްމަންޓަށްވެސް ސައިބަރ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެންބީސީ ނިއުސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އެ އިދާރާގެ ދަނޑުވެރިންނަށް ފައިސާ ދައްކާ ނިޒާމަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުވައްޒަފުންނަށް ދީފައެވެ. ނަމަވެސް އެގްރިކަލްޗަރ ޑިޕާޓްމަންޓުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އެފްބީއައިއިންވެސް މީޑިއާތަކުގެ ސުވާލުތަކަށް އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.







