އޭއައި ބޭނުންކޮށްގެން އިމްތިހާނުގައި މަކަރުހެދި މައްސަލަ ހޫނުވެ، ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

Nov 23, 2026, 8:00 AM
ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އަހަރީ އިމްތިހާނު ކަމަށްވާ ސުނަންގްގައި މަކަރު ހެދުން ހުއްޓުވުމަށް އެޅި ކުއްލި ފިޔަވަޅުތަކާ ގުޅިގެން އުފެދުނު ހަލަބޮލިކަމުގެ ޒިންމާ ނަންގަވައި، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޗޯއީ ކްޔޯ ޖިން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. މި އިސްތިއުފާއަކީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން އިމްތިހާނުތަކުގައި މަކަރު ހަދާ މައްސަލަ ބޮޑުވެ، މުޅި ގައުމަށް ސިހުން ލިބިފައިވާ ދަނޑިވަޅެއްގައި ހުށަހެޅި އިސްތިއުފާއެކެވެ.

ދެކުނު ކޮރެއާގެ ރައީސް ލީ ޖައި މިޔުން ވަނީ މިނިސްޓަރުގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފަ އެވެ. ރައީސް ލީ އަކީ މިހާރު އޮތް އިމްތިހާނު ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މަގާމުން ވަކިވެވަޑައިގަންނަވަމުން މިނިސްޓަރު ޗޯއީ ވިދާޅުވީ، އިމްތިހާނުގެ ކަންކަން ދުރާލާ ތައްޔާރުކުރުމުގައި ފެއިލްވެފައިވާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކުން ބަރީއަވެވެން ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އިމްތިހާނު ނިމުމާއެކު، އުފެދުނު ހާސްކަމުގެ ފުރިހަމަ ޒިންމާ ނަންގަވައި މަގާމުން ދުރުވާން ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހޫނުވީ މީގެ ހަފުތާއެއް ކުރިން ބޭއްވި ޓެކްސް އެކައުންޓެންސީ އިމްތިހާނުން އެއްވަނަ ހޯދި ދަރިވަރު، މައިކްރޯ ކެމެރާއާއި ފޯނު އަދި އޭއައި ވަސީލަތްތައް ބޭނުންކޮށްގެން މަކަރު ހެދި ކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ. އެ ދަރިވަރު ބުނި ގޮތުގައި އޭނާ ވަނީ ކުދި ކެމެރާ ބޭނުންކޮށްގެން ސުވާލު ކަރުދާހުގެ ފޮޓޯ ނަގައި އޭއައި އަށް ފޮނުވައިގެން ޖަވާބުތައް ހޯދާފަ އެވެ. މި ހާދިސާއާ ގުޅިގެން، ފަސްލައްކައެއްހާ ދަރިވަރުން ބައިވެރިވި ސުނަންގް އިމްތިހާނުގައި މަކަރު ހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

Advertisement

އެގޮތުން އިމްތިހާނު ކުރިއަށްދިޔަ ވަގުތު، ގައުމުގެ ހުރިހާ މޯބައިލް ފޯނުތަކަކަށް ކުއްލި ނުރައްކަލުގެ އެލާޓްތައް ފޮނުވި އެވެ. މި އެލާޓްތަކަކީ ފޯނު ސައިލެންޓްގައި އޮތް ނަމަވެސް ބާރަށް އަޑުގޮވާ ގޮތަށް ފޮނުވި މެސެޖުތަކެކެވެ. މިއީ އިމްތިހާނެއްގައި މަކަރު ހެދުން ހުއްޓުވުމަށް ދެކުނު ކޮރެއާގެ ކާރިސާތަކާ ބެހޭ އެލާޓް ނިޒާމު ބޭނުންކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ފޮރުވާފައި ހުންނަ ކެމެރާތައް ހޯދުމަށް ދަރިވަރުންގެ ގަމީހުގެ ގޮށްތަކާއި އައިނުތައް ވެސް އޮފިޝަލުން ޗެކްކުރި އެވެ.

މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އިމްތިހާނު ހެދި ދަރިވަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ. ބައެއް ދަރިވަރުން ބުނި ގޮތުގައި އެކުދިން ލައިގެން ތިބި އައިނަކީ ސްމާޓް އައިނެއް ކަމަށް ހީކޮށްފާނެތީ ވަރަށް ބޮޑަށް ބިރުގަތެވެ. އަދި ބައެއް ކުދިން ވަނީ ޝައްކު އުފެދިދާނެތީ އައިނު އެއްފަރާތްކޮށް ކޮންޓެކްޓް ލެންސް ބޭނުންކޮށްފައެ ވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފިޔަވަޅުތަކުގެ ތެރެއިން 111 ދަރިވަރަކު ހުއްދަނޫން އިލެކްޓްރޯނިކް ވަސީލަތްތައް ގެންގުޅެނިކޮށް ވަނީ ފެނިފަ އެވެ.

ނުވަ ގަޑިއިރަށް ދެމިގެންދާ ސުނަންގް އިމްތިހާނަކީ ދެކުނު ކޮރެއާގެ ދަރިވަރުންގެ މުސްތަގުބަލާއި ވަޒީފާގެ ފުރުސަތުތައް ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އިމްތިހާނެވެ. މިހާ ވާދަވެރި އިމްތިހާނެއްގައި އޭއައި ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަކަރު ހަދާ މައްސަލައަކީ އެ ގައުމުގެ ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ. މިނިސްޓަރުގެ އިސްތިއުފާއާއެކު، ކުރިއަށް އޮތް ތަނުގައި އިމްތިހާނުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ އުސޫލުތަކެއް އެކުލަވާލާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

ޗާޕޯ އިސިދްރޯ ހައްޔަރުކޮށްފި

އެމެރިކާގެ އެފްބީއައި އިން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މެކްސިކޯގެ ޑްރަގު ލީޑަރު "ޗާޕޯ އިސިދްރޯ" ބަޑީގެ ހަމަލާތަކަކަށްފަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި ކުރިމަތިލުންތަކުގައި 11 މީހަކު މަރުވެފައިވާއިރު، އޭނާ ހައްޔަރުކުރީ އެމެރިކާއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމުގެ ތުހުމަތުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީގައި ހިންގި މި އޮޕަރޭޝަނަށްފަހު، އޭނާ އެގައުމާ ހަވާލުކުރުމަށް އެމެރިކާ ސަރުކާރުން ދަނީ އެދެމުންނެވެ.

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

Newsletter

Get the latest news delivered straight to your inbox