ތުރުކީވިލާތުގައި ބޭއްވި އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ސިލްސިލާ ބައްދަލުވުންކަމުގައިވާ ކޮޕް31، މުހިންމު އެއްވެސް ކަމަކަށް އެއްބަސްވުމަކަށް ނާދެވި ނިމިއްޖެ އެވެ.
މި ބައްދަލުވުން ނާކާމިޔާބުވީ ތެލާއި ގޭސް ފަދަ މުއްސަނދި ގައުމުތަކުގެ މައިގަނޑު ވަސީލަތްތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި، ފަގީރު ގައުމުތަކަށް ދޭންޖެހޭ މާލީ އެހީތެރިކަމާ މެދު އެއްގަލަކަށް ނޭރުމުގެ ސަބަބުންނެވެ. މިއީ 2009 ވަނަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ބައްދަލުވުމަށް ފަހު، ކޮޕްގެ ސިޔާސީ އެއްބަސްވުމެއް މިގޮތަށް ފޭލްވި ފުރަތަމަ ފަހަރެވެ.
މިދިޔަ ހުކުރު ދުވަހު ނިންމުމަށް ތާވަލުކުރި މި މަޝްވަރާތައް އާދީއްތަ ދުވަހާ ހަމައަށް ދިގުލައިގެން ދިޔައީ ގައުމުތަކުގެ މެދުގައި ހުރި ބޮޑެތި ފަރަގުތައް ކުޑަކުރުމުގެ އުންމީދުގަ އެވެ. ނަމަވެސް، އެންމެ ފަހުން ހުށަހެޅުނު އެއްބަސްވުމުގެ ދެލިކޮޕީގައި، ދުނިޔެ ހޫނުވުމުގެ މައިގަނޑު ސަބަބު ކަމަށްވާ "ފޮސިލް ފިއުލް" ނުވަތަ ބިމުން ނަގާ ތެލާއި ގޭހުގެ ވާހަކަ ސީދާ ގޮތެއްގައި ބަޔާންކޮށްފައި ނެތުމުން، ވިލާތުގެ އިއްތިހާދާއި ޕެސިފިކް ކަނޑުގެ ޖަޒީރާ ގައުމުތަކުން ވަނީ އެ އެއްބަސްވުން ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ފަގީރު ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ސީދާ އަދަދުތަކެއް އެއްބަސްވުމުގައި ނެތުމުން ގިނަ ގައުމުތަކަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް، މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ބައިވެރިވެވަޑައިގެންނެވި ފަހު ކޮޕް ބައްދަލުވުން ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވަނީ ތެލުގެ ވިޔަފާރިކުރާ ބޮޑެތި ބާރުތަކަށް ފާޑުވިދާޅުވެ، އެ ފަރާތްތަކުން ސައިންސާ މެދު ސުވާލު އުފައްދައި، ސިޔާސަތުތައް ލަސްކޮށް، އަމިއްލަ ފައިދާ އިސްކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މަޝްވަރާތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ފަދަ ތެޔޮ އުފައްދާ ގައުމުތަކުން ވަނީ "ފޮސިލް ފިއުލް" މި ލަފުޒު އެއްބަސްވުމުގައި ހިމެނުމަށް ދެކޮޅު ހަދާފަ އެވެ. އަދި ރަޝިއާ އިން އިންޒާރު ދީފައިވަނީ ތެލާއި ގޭސް ބޭނުންކުރުން މާ އަވަހަށް ހުއްޓާލައިފިނަމަ ހަކަތައިގެ ފަގީރުކަން ކުރިމަތިވެދާނެ ކަމަށެވެ. އަނެއްކޮޅުން، ވިލާތުގެ އިއްތިހާދުގެ މަންދޫބު ވިދާޅުވީ ތެލުގެ ވާހަކަ ނެތް މޫސުމީ އެއްބަސްވުމެއް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިހާރު ހުށަހެޅިފައިވާ ކަންކަމަކީ މޫސުމީ ކާރިސާއާ ކުރިމަތިލާން އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.
އޮސްޓްރޭލިއާގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ މި މަޝްވަރާތަކުގެ ރައީސް ކްރިސް ބޯވަން ވިދާޅުވީ، ގައުމުތަކުގެ މެދުގައި ހުރި ސިޔާސީ ހިޔާލުތަފާތުވުންތައް ނައްތާނުލެވޭ ވަރަށް ބޮޑު ކަމަށެވެ. ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް 2015 ވަނަ އަހަރު ޕެރިހުގައި އެއްބަސްވި ލަނޑުދަނޑި ހާސިލުނުވާނެ ކަމަށް މިހާރު ބެލެވޭއިރު، މިއީ އެކަމާ މެދު ރަސްމީކޮށް މަޝްވަރާކުރި ފުރަތަމަ ކޮޕް ބައްދަލުވުމެވެ.
މައިގަނޑު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ބައެއް ކުދިކުދި ކަންކަމުގައި ކުރިއެރުންތަކެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ސާފު ހަކަތައަށް ބަދަލުވާއިރު މަސައްކަތްތެރިންނަށް އެހީތެރިވުމުގެ އޮނިގަނޑަކާއި، 2035 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ހަކަތައިގެ 35 އިންސައްތައަކީ ކަރަންޓު ހަކަތައަށް ހެދުމަށް ތުރުކީން ހުށަހެޅި ލަނޑުދަނޑިއަށް 80 އަށް ވުރެ ގިނަ ގައުމުން ތާއީދުކުރުން ހިމެނެ އެވެ.
މި ނާކާމިޔާބީއާ ގުޅިގެން، އދ. ގެ މޫސުމީ އިދާރާގެ ވެރިޔާ ސައިމަން ސްޓީލް ވިދާޅުވީ، މިފަދަ ބައްދަލުވުންތައް ބާއްވާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭތޯ ބައްލަވާނެ ކަމަށެވެ. ދެން އޮންނަ ކޮޕް32 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިތިއޯޕިއާގަ އެވެ.







